ޚަބަރު

ގެއިން ބޭރަށް ނުނިކުމެވޭގޮތަށް ގައްދޫ އަދި ތިނަދޫ ފުރަބަންދަކަށް

ރައުފާ ރަޝީދު ، ދެން އޮންލައިން

ގދ. ތިނަދޫ އާއި ގދ. ގައްދޫގައި ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެމުންދާތީ ހާލަތު ރަނގަޅު ކުރުމަށް މިވަގުތު އެންމެ ރަނގަޅު ގޮތަކީ އެރަށް ފުރަބަންދު ކުރުން ކަމަށް ގދ. އަތޮޅު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އޭއީއޯސީ)އިން ނިންމައިފިއެވެ.

Ads by Sosun Fihaara

އީއޯސީން “ދެން”އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އޭއީއޯސީން ވިދާޅުވީ ގައްދޫ އަދި ތިނަދޫ އޮތީ މިހާރު ފުރަބަންދު ކުރަން ޖެހޭ ހާލަތެއްގައި ކަމަށާއި ގައްދޫ ފުރަބަންދަކަށް ދާން ތައްޔާރަށް އޮތްކަމަށް އެރަށު އީ.އޯ.ސީންނާއި ރަށު ކައުންސިލުން ޔަޤީންކޮށްދީފައިވާ ކަމަށެވެ. މިކަމާ ގުޅޭ މަޝްވަރާތައް ކަމާބެހޭ ފަރާތްތަކާ އެކު ކުރިޔަށްދާކަމަށް ވެސް އީއޯސީން ވިދާޅުވިއެވެ.

ގދ. ތިނަދޫގައި ހަލުވިކަމާ އެކު ކޮވިޑް ފެތުރި ކޮންޓްރޯލް ނުކުރެވޭ ހާލަތަށް ގޮސްފައިވާތީ ފުލް ލޮކްޑައުންއަކަށް ގޮސްގެން ނޫނީ އެރަށުގެ ކޮވިޑް ހާލަތު ރަނގަޅު ނުވާނެކަމަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ކޮންސަލްޓަންޓް އިން އޯތޮޕެޑިކްސް އެންޑް އިންޗަރޖް އޮފް މެޑިކަލް ޑިޕާރޓްމަންޓް އަދި އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ހިމެނިވަޑައިގަންނަވާ ޑރ. އާޒިމް ވެސް ވަނީ ވިދާޅުވެފައެވެ.

ޑރ. އާޒިމް ވިދާޅުވީ، މިހާރު މި ހާލާތާ އެއްގޮތަށް ކުރިއަށް ދާ ނަމަ ކުރިއަށް އޮތް ހަމަސް ދުވަހު ވެސް އެރަށުގެ ހާލަތު ރަނގަޅުވާނެކަމަށް ލަފާ ނުކުރެވޭ ކަމަށެވެ. ތިނަދޫގެ ކޮވިޑުގެ ހާލަތު ގޯސްވެ ކޮންމެ ދުވަހަކު ވެސް އާ ވޭދަނަތައް ފެންނަމުންދާއިރު އެރަށުގައި މިހާރު ވެސް 315 މީހުން ކޮވިޑް-19އަށް ފައްސިވެފައިވެއެވެ. އަދި އެރަށުގައި ހަރަކާތްތެރި ވޭދަނައިގެ ގޮތުގައި 131 މީހުން އެބަތިއްބެވެ.

ތިނަދޫގައި ކޮވިޑްގެ ވޭދަނަތައް އިތުވެ، ގާތުން އެއްތާވި މީހުން ހޯދަން ކުރާ މަސައްކަތްތަކުގެ ބޭނުން ގެއްލޭ ހިސާބަށް ދާން އުޅޭހެން ހީވާ ކަމަށް ވެސް ޑރ. އާޒިމް ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވިދާޅުވިއެވެ.

ގދ. އަތޮޅުގެ ކޮވިޑްގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ދައްކާގޮތުގައި މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދާ 131 މީހުން ތިނަދޫގައި އެބަތިއްބެވެ. އަދި ބައްޔަށް ފަރުވާ ހޯދާ 73 މީހުން ގައްދޫގައި ތިބިއިރު 39 މީހުން ފަރެސްމާތޮޑާގައި އެބަތިއްބެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!