ގެއަކަށް ދަންވަރު ވަދެ އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި މީހަކު ތިން އަހަރަށް ޖަލަށް
ގެއަކަށް ދަންވަރު ވަދެ އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު އުފުލުނު މީހަކު ތިން އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.
ހައި ކޯޓުން އެ މީހާ ޖަލަށް ލާން ހުކުމް ކޮށްފައި ވަނީ އޭނާގެ މައްޗަށް ކުރި ދައުވާ ސާބިތު ނުވާ ކަމަށް މެޖިސްޓްރޭޓު ކޯޓަކުން ކޮށްފައިވާ ހުކުމެއް ބާތިލު ކުރުމަށް ފަހުއެވެ.
ނިމިދިޔަ އަހަރުގެ މެއި މަހު ދެކުނުގެ ރަށެއްގައި ގެއަކަށް ދަންވަރު ވަދެ ގަދަކަމުން އަންހެނެއްގެ ޖިންސީ ގުނަވަނެއްގައި ހިފި ކަމަށް ބުނާ އެ މައްސަލައިގައި ތުުހުމަތު ކުރެވޭ މީހާގެ މައްޗަށް ދައުލަތުން އުފުލައިފައި ވަނީ ޖިންސީ ގޯނާގެ ދައުވާއާއި އެނގި ހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާއެވެ.
އެނގިފައިވާ ގޮތުގައި އެ މީހާ އެ ގެއަށް ވަނީ އެ ގޭގައި އެހެން މީހަކު ނޫޅޭ ވަގުތެއްގައެވެ. އޭނާއަށް ގޭ ތެރެއަށް ވަދެވުނީ ބޭރު ދޮރުގައި ޓަކި ޖެހުމުން އަންހެން މީހާ ގޮސް ދޮރު ހުޅުވުމުން ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
މި މައްސަލަ ފުރަތަމަ ބެލި އެ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފައި އޮތީ، އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ ސާބިތުވާ ކަމަށާއި ޖިންސީ ގޯނާގެ ދައުވާ ސާބިތު ނުވާ ކަމަށެވެ.
އެހެންކަމުން ދައުލަތުން ވަނީ ޖިންސީ ގޯނާގެ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.