ނަފްރަތުގެ ބިލަށް ގެނައި އިސްލާހުގެ ސަބަބުން ދީނާ ހިލާފު ކަންކަން ގިނަ ވެދާނެ: އިދިކޮޅު
އާންމު ތަނެއްގައި މުސްލިމަކާ ދިމާލަށް ކާފަރެކޭ ބުނުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅަން ސަރުކާރުގެ ފަރާތުން ގާނޫނުލްއުގޫބާތަށް ގެންނަން ހުށަހެޅި އިސްލާހުގެ ސަބަބުން، ދީނާ ހިލާފު ކަންކަން ގިނަވެދާނެ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ބުނެފިއެވެ.
ސަރުކާރު ހިންގާ އެމްޑީޕީގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ނަފުރަތުގެ އަމަލު ހުއްޓުވުމުގެ ބިލުގައިވާ ގޮތުން އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމް ދީނާ ހިލާފަށް އުޅޭ މީހެއް ކަމަށް ނުވަތަ މުސްލިމަކު، ކާފަރެއް ގޮތުގައި ސިފަކުރުމާއި އެކަމުގައި ބައިވެރިވުމަކީ ޖިނާއީ ކުށެކެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ޕީޕީއެމްގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވިދާޅުވީ، އެ ބިލު ފާސްކޮށްފި ނަމަ ރާއްޖޭގައި އިސްލާމް ދީނާ ހިލާފު ކަންކަން ކުރާ މިންވަރު އިތުރުވެގެން ދިޔުމާއި ކަންބޮޑުވާ މިންވަރަށް އެކަންކަން އިތުރުދިޔުމުގެ ބިރު އެބަ އޮތް ކަމަށެވެ.
"މިހާރު ވެސް ދީނާ ހިލާފު ވާހަކަތައް ގިނަވެއްޖެ. އިސްލާމް ދީން އޭގެ ފުރިހަމަ ގޮތުގައި، ރާއްޖޭގެ ކަންކޮޅުތަކުގައި، އޭގެ ނޫރު ފެތުރުމަށް ރާއްޖޭގައި މިއަދު ތިބި އިލްމީ ވާއިޒުންނާއި، އެ ފަންނުގައި މަސައްކަތް ކުރައްވާ އެންމެންނާއި އިސްލާމް ދީން ދެކެ ލޯބިވާ އެންމެނަށް ދަތިވެގެންދާނެ،" އާދަމް ޝަރީފު ވިދާޅުވިއެވެ.
އޭގެ އިތުރުން އާދަމް ޝަރީފު ވިދާޅުވީ ނަފްރަތުގެ ބިލަށް ގެންނަން ހުށަހަޅާފައި މިވާ އިސްލާހު ފާސްކޮށްފިނަމަ ދަރިން ތަރުބިއްޔަތު ކުރުމަށާއި ޒުވާނުންނަށް އިސްލާމް ދީނަށް އަހުލުވެރި ކުރުމަށް ވެސް ދަތިވާނެ ކަމަށެވެ.
ތިޔައީ އިސްލާމްދީނާމެދު ނަފުރަތު އުފައްދާ މީހުން ޤާނޫނީ އިމުގެ ތެރެއިން ހިމާޔަތް ކުރުމަށް ކުރާކަމެއް. މިހާރުވެސް އެމް.ޑީ.އެން އާއި އުތެއިމަ އެއޮތީ ހިމާޔަރް ކޮށްފައި.