ޚަބަރު

ރަށްރަށުގައި ގެދޮރު އަޅަން ކުޑަ އިންޓަރެސްޓް ރޭޓަކާއެކު ލޯނު ދޫކުރަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
Laamu Fonadhoo
ލ.ފޮނަދޫ މަތިން ނަގާފައިވާ ފޮޓޯއެއް. ދެން ފައިލް ފޮޓޯ: މުޙައްމަދު އަރީޙް

ރަށްރަށުގައި ގެދޮރު އަޅަން ކުޑަ އިންޓަރެސްޓް ރޭޓަކާއެކު ލޯނު ދޫކުރަން ހަމަޖައްސައިފިއެވެ.

Ads by Sosun Fihaara

އެގޮތުން ސަރުކާރުން މިރޭ ވަނީ، މާލީ ތަނަވަސްކަން ނެތިގެން އަމިއްލަ ބޯހިޔާވަހިކަމަށް ހުރަސްއެޅިފައި ތިބި އާއިލާތަކަށް ހާއްސަކޮށްގެން "ގެދޮރުވެރިޔާ" ލޯން ސްކީމް އިއުލާނު ކޮށްފައެވެ.

މި ލުއި ލޯނު ސްކީމަކީ ރަށްރަށުގައި އަމިއްލަ ގޯތީގައި ގެއެއް އަޅަން ނުވަތަ ހަދަން ފަށައި ނުނިމި ހުރި ގެ އިމާރާތްކުރަން ނުވަތަ މަރާމާތްކޮށް ނިންމައި ދިރިއުޅެން އަރާސްތުކުރެވޭނެ ގޮތް ހަމަޖައްސައިދިނުން ކަމުގައި މައުލޫމާތު ލިބެއެވެ.

އަމިއްލަ ބޯހިޔާވަހިކަމަކަށް އެދޭ ފަރާތްތަކަށް ހުޅުވާލާ މި ފުރުސަތުގައި، އެކަކަށް ގިނަވެގެން 700,000ރ.އާ ހަމައަށް ލޯން ދޫކުރާނެއެވެ. ކުޑަ އިންޓްރެސްޓެއްގައި ދޫކުރާ މި ލޯން ދައްކައި ހަލާސްކުރަން ޖެހޭނީ ދިގު މުއްދަތަކުންނެވެ.

"ގެދޮރުވެރިޔާ" ލޯނުގެ ތަފްސީލު

  • ލޯނު ދޫކުރާނީ އަމިއްލަ ގޯތީގައި އަލަށް ގެއެއް އަޅަން ނުވަތަ ނުނިމި ހުރި މަސައްކަތްތައް ކުރަން.
  • ހަދަން ފަށާފައި ނުނިމި ހުރި އިމާރާތަށް ބައެއް އިތުރުކުރަން ވެސް ލޯނަށް އެދެވިދާނެ.
  • އެކަކަށް އެންމެ ގިނައިން ދޫކުރަން ނިންމާފައި ވަނީ 700,000ރ.
  • 15 އަހަރަށް ބަހާލުމުން މަހަކު ދައްކަން ޖެހޭނީ 5,907ރ.
  • 16 އަހަރަށް ބަހާލުމުން މަހަކު ދައްކަން ޖެހޭނީ 5,680ރ.
  • 17 އަހަރަށް ބަހާލުމުން މަހަކު ޖެހޭނީ 5,485ރ.
  • 18 އަހަރަށް ބަހާލުމުން މަހަކު ދައްކަން ޖެހޭނީ 5,307ރ.
  • 19 އަހަރަށް ބަހާލުމުން މަހަކު ދައްކަން ޖެހޭނީ 5,153ރ.
  • 20 އަހަރަށް ބަހާލުމުން މަހަކު ދައްކަން ޖެހޭނީ 5,015ރ.

އެޗްޑީއެފްސީ މެދުވެރިކޮށް ކުރިއަށް ގެންދާ މި ސްކީމްގައި, ހަ ޕަސެންޓުގެ އިންޓްރެސްޓެއްގައި ދޫކުރާ މި ލޯނު ދައްކައި ނިންމަން ޖެހޭނީ ގިނަވެގެން 20 އަހަރުގެ ތެރޭގައެވެ. ގްރޭސް ޕީރިއަޑްގެ ގޮތުގައި 12-15 މަހުގެ މުއްދަތެއް ލިބޭއިރު މި ލޯނަށް ޑިޕޮސިޓް ދައްކަން ނުޖެހޭނެ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

"ގެދޮރުވެރިޔާ" ލޯނަށް އެދުމުގެ އިތުރު ޝަރުތުތަކުގެ ތެރޭގައި، މި ލޯނަށް އެދުމުގައި މަދުވެގެން ދެ ފަރާތް ބައިވެރިވުން ހިމެނެއެވެ. އަދި ލޯނަށް އެދެނީ އަލަށް އިމާރާތް ކުރުން ކަމުގައި ވާ ނަމަ ލޯނަށް އެދޭ ފަރާތުން މުޅި ޕްރޮޖެކްޓުގެ 20 ޕަސެންޓް ޕްރޮޖެކްޓަށް ލާން ޖެހުން ވެސް ހިމެނެއެވެ. ނަމަވެސް މި ފައިސާ، ނަގުދު ފައިސާގެ ގޮތުގައި ނުވަތަ ބޭންކް އެކައުންޓެއްގައި ހުރުން ލާޒިމެއް ނުވެއެވެ.

މީގެއިތުރުން މި ލޯނަށް އެދޭ މީހާގެ ނަންމަތީގައި އަމިއްލަ ބިމެއް ރަޖިސްޓްރީވެފައި އޮންނަން ޖެހެއެވެ. އަދި އެ ބިން ލިބިފައިވާ ރަށުގެ ރަށްވެއްސަކަށް ވުމާއި އެ ރަށުގައި އާއިލާ އެކު ދިރިއުޅޭތާ މަދުވެގެން ތިން އަހަރު ވެފައިވުން ވެސް ހިމެނެއެވެ.

  1. ފޭރޭޭ

    ލޯނުު 15ޕަސަންޓްް ދޯޯ 75ޕަސަންބޭންް ކުންް ދަމައިި ގަންނާނެ