ޚަބަރު

ނަފްރަތުގެ އަމަލު ބަޔާންކުރާ ބިލުގެ ބޭނުމަކީ ސެކިއުލާ ދައުލަތެއް ގާއިމުކުރުން: އާދަމް ޝަރީފް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
އާދަމް ޝަރީފް އުމަރު/ ފޮޓޯ: މަޖިލިސް

އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުމާއި، ސިފަ ކުރުމުގައި ބައިވެރި ވުމާއި އާންމުތަކެއްގައި މުސްލިމަކަށް ކާފަރެއް ކަމުގެ ތުހުމަތު ކުރުމަކީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ ބިލަކީ ރާއްޖޭގައި ސެކިއުލާ ދައުލަތެއް ގާއިމުކުރުމަށް ކުރާ މަސައްކަތުގެ ބައެއް ކަމަށް، ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މިހާރުގެ މެމްބަރު އާދަމް ޝަރީފް ތުހުމަތު ކުރައްވައިފިއެވެ.

Ads by MWSC

ވެރިކަން ކުރާ އެމްޑީޕީގައި ހިމެނިވަޑައިގަންނަވާ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށަހެޅުއްވި އެ ބިލުގައި ގާނޫނުލްއުގޫބާތަށް 124 ވަނަ މާއްދާގެ މާއްދާއެއް އިތުރު ކުރުމަށް ހުށަހަޅާފައި ވާއިރު އެއީ ނަފްރަތުގެ އަމަލެއް ހިންގުން ކުށަކަށް ހަދަން އިތުރުކުރާ މާއްދާއެއް ކަމަށް ވަނީ ބުނެފައިވެއެވެ. އަދި ނަފްރަތުގެ އަމަލުތަކުގެ ގޮތުގައި ގިނަ ކަންތައްތަކެއް ބިލުގައި ވަނީ ހިމަނައިފައެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި އެ ބިލަށް ބަހުސް ކުރަމުން އަންނައިރު، މެމްބަރު އާދަމް ޝަރީފު ވިދާޅުވީ ރާއްޖޭގައި މިހާރު ހެދިފައި ހުރި ގާނޫނުތަކުން ވެސް، ނަފްރަތު އުފެއްދުން ނުވަތަ ހޭޓް ސްޕީޗް ދިނުމަކީ މަނާކަމެއް ކަމަށާއި އެއީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫންކަން އެންމެނަށް ވެސް އެނގޭ ކަމަށެވެ. އެއީ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރު ގެންގުޅުން މަނާކުރާ ގާނޫނާއި، ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާއި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ވެސް މަނާކަމެއް ކަމަށް ވެސް އާދަމް ޝަރީފު ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިބާވަތުގެ އިޖުތިމާއީ މައްސަލަތަކުގެ ތެރެއިން ލޭ ހުއްދަވާ ހިސާބަށް ކަންތައްތައް ދަނީ އެ މައްސަލަތަކުގެ ތެރެއަށް އެތައް ކަންތައްތަކެއް ގަޑުބަޑުކޮށް، ދީނީ މައްސަލަތަކާ ސިޔާސީ ކަންތައްތަކާ އެތައް ނުފޫޒެއް އޭގެ ތެރެއަށް ވައްދައިގެން،" މަޑުއްވަރީ ދާއިރާގެ މެމްބަރު ވިދާޅުވިއެވެ.

އާދަމް ޝަރީފްގެ އެ ވާހަކަތަކަށް އެމްޑީޕީގެ މެމްބަރުން ވަނީ، ލޭހުއްދަކުރުން ދިފާއުކުރާ މޭރުމަކުން ޝަރީފް ވާހަކަދައްކަވާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވަމުން ޝަރީފް ވިދާޅުވީ ލޭ ހުއްދަ ކުރުމަކީ އިސްލާމް ދީނުގައި އެއްގޮތަކަށް ވެސް ހުއްދަ ކަމެއް ނޫން ކަމަށާއި ބިލާ މެދު ކަންބޮޑުވުން ފާޅު ކުރަނީ، އެ ބިލުގެ ސަބަބުން އިސްލާމް ދީނުގެ ދިފާއުގައި ވާހަކަ ދައްކާ މީހުން ޖަލަށް ދާން ޖެހިދާނެ ކަމުގެ ބިރު އޮތުމުން ކަމަށެވެ.

  1. ޖާނޭ

    އެއްވެސް ޝައްކެއް ނެތް. ތިޔައީ އެހެން ދީންތަކަށް ފުރުސަޠު ދިނުމށް ކުރާ ނުބައި ކަމެއް. ވަރަށް އަވަހާށް އެކަމުގެ ހިތި ރަހަ ފެންނާނެ.