Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ހިޔާ ފުލެޓުގެ ކުލި ބޮޑުވީ ކުރީ ސަރުކާރުން ހިސާބު ޖެއްސެވިގޮތުން: މިނިސްޓަރ އަސްލަމް

ހިޔާ ފުލެޓުގެ ކުލި ބޮޑުވީ ކުރީ ސަރުކާރުން ހިސާބު ޖެއްސެވިގޮތުން: މިނިސްޓަރ އަސްލަމް

ހިޔާ ފުލެޓުގެ ކުލި ބޮޑުވެގެން އުޅެނީ ކުރީ ސަރުކާރުގައި ކުލީގެ ހިސާބު ޖެއްސެވި ގޮތުންކަމަށް ހައުސިން އެންޑް ޕްލޭނިން މިިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ހިޔާ ފުލެޓްގެ މަޝްރޫއާ ބެހޭ ގޮތުން މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އަސްލަމް ވިދާޅުވީ 2018 ވަނަ އަހަރު އޭރުގެ ސަރުކާރުގެ ކަމާ ބެހޭ މިނިސްޓްރީތަކުން ކުރި މުއާމަލާތްތަކާއި ޖެހި ހިސާބުތަކުން ހިޔާ ފުލެޓްގެ ކުލީގެ ގޮތުގައި ދައްކަން ޖެހޭ ކަމަށް ނިންމީ މަހަކު 5500 ރުފިޔާކަމަށް ވިޔަސް އެހިސާބުތައް ޖަހައިފައި ވަނީ މިކަހަލަ މަޝްރޫއުތަކުގައި ހިސާބު ޖަހާގޮތަށް ނޫން ކަމަށެވެ.

އެހެންކަމުން މިސަރުކާރުން އައިސް މިކަހަލަ މަޝްރޫއުގެ ހިސާބުތައް ޖެހުމަށް ބޭނުން ކުރާ ފޯމިއުލާތައް ބޭނުންކޮށްގެން ޖެހި ހިސާބުތަކުން ހިޔާ ފުލެޓުގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ އަދަދަކަށް އަންނަނީ 7500 ކަމަށެވެ. އަަސްލަމް ވިދާޅުވީ ކުރީ ސަރުކާރުން ބޭނުން ކޮށްފައިވާ ހިސާބު ޖެހުމަށް ބޭނުން ކޮށްފައިވާ މެތަޑަކީ ލޯނެއް އަނބުރާ ދެކުމުގައި ހިސާބު ޖަހާގޮތަށް ޖަހާފައިވާ ހިސާބެއް ނޫން ކަމަށެވެ. މިފަދަ ހިސާބު ޖެހުމުގައި ބޭނުންކުރާނީ އީއެމްއައި ފޯމިއުލާ ކަމަށާއި އެފޯމިއުލާ ބޭނުން ކުރުމުން ކުލީގެ ގޮތުގައި ދައްކަވަން ޖެހޭނީ 7500 ކަމުގައި ދައްކާކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

"މިކަހަލަ ހިސާބުތައް ޖައްސަވާ ފޯމިއުލާ އެޕްލައި ކުރީމަ. ހަގީގަތުގައި މީ ދައުލަތުން ނަގާފަ އޮތް ލޯނެއް. މިލޯނު އަނބުރާ ދައްކަން ޖެހޭ. މިލޯނު ދެއްކުމަށް ޓަކައި ކުރަން ޖެހޭ ހަރަދުތައް ކޮންމެ ގޮތެއްވިޔަސް. އަނބުރާ ދައްކަންޖެހޭ ލާރި އެބަ ލިބެން ޖެހޭ. މިތަނުގެ ޓެނަންޓް އަދި ކޮމާޝަލް ސްޕޭސްއާ އަދި އިތުރަށް ލާންޖެހޭ ލާރިއެއް ލައިގެން ނަމަވެސް އެލޯނު އަނބުރާ ދައްކަން ޖެހޭ" މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މިލޯނަކީ 15 އަހަރު ތެރޭ ދައްކަން ޖެހޭ ލޯނެށް ކަމަށާއި ލޯނު ދައްކަން ޖެހެނީ ކޮންމެ ހަމަހަކުން ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ޔުނިޓެއްގެ އަގު ހިސާބުކޮށްފައި ވަނީ ކޮންސްޓްރަކްޝަން މުއްދަތުގައި އެރި އިންޓްރެސްޓް ރޭޓާއި ކޮންސްޓްރަކްޝަނަށް ދިޔަ އަގު އެއްކޮށްގެން ކަމަށެވެ.

"އެ އޮންނަ މުއްދަތުގެ ތެރޭގައި ދެއްކީމަ މަހަކު ދައްކަން ޖެހޭ އީއެމްއައިއަކީ ކޮބައިކަން ބެލީ ސަރުކާރުން ބިމުގެ އަގު މީގެ ތެރޭގައި ނުހިމަނާ އެތަނަށް ލާން ޖެހޭ އެހެން ސާވިސްތަކަށް އަރާ އަގު ވެސް ނުހިމަނާ އަދި ލޯން ރީޕޭމެންޓް ޕީރެޑްގެ ތެރޭގައި އަންނަ އިންޓްރެސްޓްވެސް މީގެ ތެރޭގައި ނުހިމަނާ ހިސާބު ޖަހައިގެން 7500 މި އަންނަނީ" ހިސާބު ޖެހި ގޮތާ ބެހޭގޮތުން މިނިސްޓަރ ވިދާޅުވިއެވެ.

ހިޔާ ފުލެޓުގެ ކުލި ކުޑަ ކުރުމަށާއި އަދިވެސް ތަފާތު އެތައް ކަމެއް ހުށަހަޅައި ތައްޔާރު ކުރެވުނު ޕެޓިޝަން  ސަރުކާރަށް މީގެ ކުރިން ވަނީ ހުށައަޅައިފައެވެ. "ހިޔާ  ފްލެޓު  ޔޫނިއަން"ވައިބާރ ގުރޫޕުން އިސްނަގައިގެން ސޮއި ކުރެވުނު މި ޕެޓިޝަންގައި ހިޔާ ފުލެޓުގެ މަހު ކުލީގެ ގޮތުގައި ހުށަހަޅައިފައި ވަނީ 5،500ރުފިޔާއަށް ވުރެ ބޮޑު ނުވާނެ އަަދަދެކެވެ. މިއީ ކުރީ ސަރުކާރުން ފިނިޝިންއާ އެކު ދޭން ބުނި އަގު ކަމަށާއި ފިނިޝިންއާ އޭރު ނިންމައިފައިވާ އަގަކީ 5،600 ރުފިޔާކަމަށް އެޕެޓިޝަނުގައި ވަނީ ބުނެފައެވެ.

ސަރުކާރުން ހިޔާ ފްލެޓުގެ މަހު ކުލީގެ ގޮތުގައި އިއުލާން ކޮށްފައިވާ 7،500 އަދި މެއިންޓެނެސްފީއަށް 1،000 އިއުލާނު ކޮށްފައިވާ އިރު މި ނިންމުމާ ދެކޮޅަށް ބޯހިޔާވަހިކަމުގެ ކަންކަމާ ގުޅޭ މަސައްކަތުގައި ހަރަކާތްތެރިވާ  އާންމުންގެ ޖަމްއިއްޔާ(ކޮތަރު ކޮށި) އަދި ހިޔާ ފްލެޓު ޔޫނިއަންއިން ވެސް މިވަނީ ސަރުކާރަށް ހުށަހެޅުން ތަކެއް ހުށަހަޅައިފައެވެ. އެންމެންގެ ވެސް އެންމެ ބޮޑު އެއް ކަންބޮޑުވުމަކަށް ވެފައި ވަނީ ފްލެޓުތަކުގެ މަހު ކުލި ބޮޑު ވުމެވެ.

އަދި ހަމަ އެހެންމެ ކުލި ނުހިނގާ ގޮތަށް ފިނިޝިން މަސައްކަތް ނިންމަން 12 މަސް ދިނުމާއި އެހެނިހެން  ހިޔާ ފުލެޓާ ގުޅޭ ގޮތުން ސަރުކާރަށް ހުށައެޅި ޕެޓިޝަންގައި ހިމަނައިފައި ވެއެވެ.ފްލެޓު ލިބުނު އެތައް ބައެއްގެ ސޮޔާއެކު ޕެޓިޝަން މިހާރު ވަނީ ސަރުކާރުގެ މުއައްްސަސާތަކާއި މާލޭ ސިޓީ  ކައުންސިލަށް ވެސް ހުށަހަޅައިފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް