ޚަބަރު

ޖިންސީ ގޯނާ ކުރިކަމުގެ ދައުވާ އުފުލިފައިވާ އަލީ ވަހީދުގެ ޝަރީއަތް ހޯމަ ދުވަހު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޖިންސީ ގޯނާ ކުރިކަމުގެ ދައުވާ އުފުލިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތް ހޯމަ ދުވަހު ބާއްވަން ތާވަލު ކޮށްފިއެވެ.

Ads by STELCO

ހޯމަ ދުވަހު އަލީ ވަހީދުގެ ޝަރީއަތް ބާއްވަން ތާވަލު ކޮށްފައިވާކަން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލު އަހުމަދު ޝަފީއު ވަނީ "ދެން" އަށް ޔަގީންކޮށްދެއްވާފައެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރުގެ ޝަރީއަތެއް މި މަހުގެ 10 ވަނަ ދުވަހު ވެސް ބޭއްވުމަށް ތާވަލު ކުރެވުނެވެ. އަދި އެ ޝަރީއަތް އޮންލައިންކޮށް ކުރިއަަށް ގެންދެވުމަށް، މި ވަގުތު ރާއްޖެއިން ބޭރުގައި ހުންނެވި އަލީ ވަހީދު ވެސް އެދިވަޑައިގެންނެވިއެވެ.

ކްރިިމިނަލް ކޯޓަށް އަލީ ވަހީދު ފޮނުއްވި ސިޓީގައި އޮންލައިން ކޮށް ބައިވެރިވާން ހުށަހަޅުއްވާފައި ވަނީ އޭނާގެ ސިއްހީ ފަރުވާ އަދި ވެސް ނުނިމޭތީ ކަމަށް ވިދާޅުވެފައިވެއެވެ.

އަލީ ވަހީދު މިފަދައިން އެދިވަޑަައިގަތް ނަމަވެސް އެއީ ކްރިމިނަލް ކޯޓުން އަމަލުކުރާ އާންމު އުސޫލެއް ނޫނެވެ. އެހެންކަމުން ޕީޖީ އޮފީހުން ވަނީ އަލީ ވަހީދަށް އޮންލައިން ކޮށް ޝަރީއަތެއްގައި ބައިވެރިވާން ފުރުސަތު ދޭނަމަ އެކަން ކުރާ ގާނޫނީ ހަމަތަކާއި އުސޫލުތައް ސާފުކޮށްދިނުމަށް ކްރިމިނަލް ކޯޓުގައި އެދިފައެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ މައްޗަށް އުފުލައިފައިވަނީ ހަތް ދައުވާއެކެވެ. އެއީ:

▪︎ ޤާނޫނު ނަންބަރު: 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގެ ދަށުން ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާ.
▪︎ ޤާނޫނު ނަންބަރު: 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ ދަށުން ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ.
▪︎ ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 132 ވަނަ މާއްދާގެ ދަށުން ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ.
▪︎ ޤާނޫނު ނަންބަރު: 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ.
▪︎ ޤާނޫނު ނަންބަރު: 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާ.
▪︎ ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 412 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަ ނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދައުވާ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް އަލީ ވަހީދު ޖިންސީ އަނިޔާ ކުރިކަަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އޭނަގެ ގެ ފުލުހުން ވަނީ ބަލައި ފާސްކޮށްފައެވެ. އަދި މިމައްސަލައިގައި މިހާތަނަށް 15 މީހެއްގެ ބަޔާން ނަގައިފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!