ހުއްޓުވި ލޯންޗުގައި އަދުހަމާއި ތަހުމީން ފިޔަވައި ހަމަލާއާ ގުޅޭ މީހުންނެއް ނެތް: ފުލުހުން
ފުލުހުން ހުއްޓުވި ލޯންޗުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ ވ. ތިނަދޫ ލަކީ، އަދުހަމް އަހުމަދާއިި ގއ. ކޮނޑޭ ފޮޅޭމާ، ތަހުމީން އަހުމަދުގެ އިތުރުން އެ ހަމަލާގައި ހައްޔަރު ކުރި އެއްވެސް މީހަކު ނުހިމެނޭ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ހުއްޓުވި ލޯންޗުގައި ތިބީ ހަތަރު މީހުން ކަމަށާއި އަދި އެ ލޯންޗަށް ފުލުހުން ޕެޓްރޯލް ފޯރުކޮށްދީފައި ނުވާއިރު އެ ލޯންޗު ދޫނިދޫއަށް ގޮސްފައި ވެސް ނުވާ ކަމަށެވެ.
ފުލުހުން އިތުރަށް ވިދާޅުވީ ގްރޭޓާ މާލޭ އޭރިއާގެ ކަނޑުގެ ސަރަހައްދައި ދުއްވާ އުޅަނދުތަކުގެ ސަލާމާތީ ކަންކަން ފުރިހަމަކޮށްފައިވޭތޯ ބެލުމާއި އެއްވެސް މައްސަލައެއް ފާހަގަ ކުރެއްވިއްޖެ ނަމަ އެޓެންޑްވުމަކީ އާންމު އުސޫލުން ކުރަމުން ގެންދާ ކަމެއް ކަމަށެވެ، އަދި ނަސޭހަތް ދިނުމާއި މައުލޫމާތު ނޯޓު ކުރުމަކީ ވެސް އާންމު އުސޫލުގެ ތެރޭގައި ހިނގާ ކަންކަން ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
ފުލުހުން މިއަދު މިފަދައިން ވިދާޅުވެފައިވާ އިރު، މިދިޔަ މަހުގެ ހަ ވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށްގެން ދިން ހަމަލާއާ ގުޅިގެން ހައްޔަރު ކުރި މީހުން، އޭގެ ކުރިން ގިނަ ވަގުތު ހޭދަކުރީ އެކުގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މި ހަމަލާއާއި ހަރުކަށި ފިކުރު ފެތުރުމާ ގުޅުމެއްވާ ކަމަށް ބުނެ ފުލުހުންނާ ސިފައިން ވަނީ ޚާއްސާ އޮޕަރޭޝަންތަކެއް ވެސް ހިންގައިފައެވެ. އެ އޮޕަރޭޝަންތަކުގެ ތެރެއިން ހައްޔަރުކުރި މީހަކާ ހަމަލާއާ ގުޅުން ހުރިކަން ފުލުހުން ފަހުން ހާމަ ކުރެއްވި ނަމަވެސް އެ މީހާގެ މައުލޫމާތެއް ހާމައެއް ނުކުރައްވައެވެ.
އެނގިފައިވާ ގޮތުގައި ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ހައްޔަރު ކޮށްފައިވާ މީހުން އެކީގައި އުޅުނު ކަމުގެ މައުލޫމާތުތަކެއް ލިބުނީ އޭގެ ތެރެއިން ދެ މީހަކު ހުރި ލޯންޗެއް، ހަމަލާގެ ހަ ދުވަސް ކުރިން ފުލުހުން ހުއްޓުވި ކަމަށް ބުނެ މީސް މީޑިއާގައި އާންމުވި ފޮޓޯއަކަށް ފަހުގައެވެ. އެ ފޮޓޯގައި ފެންނަ ލޯންޗްގައި، ނަޝީދަށް ހަމަލާދޭން އައިއީޑީ ގޮއްވައިލިކަމުގެ ތުހުމަތު އޮތް އަދުހަމާއި އައިއީޑީ ހަރުކޮށްފައި ހުރި ސައިކަލުގެ ވެރިމީހާ ކަމަށް ފުލުހުން ބުނާ ތަހުމީން ވެސް ހުއްޓެވެ.
ހައްޔަރު ކޮށްފައިވާ މީހުން އެކަކު އަނެކަކު ނުދަންނަ ކަމަށް ކުރިން ހެދިފައިވީ ނަމަވެސް، އެނގިފައިވާ ގޮތުގައި މި މީހުން ކުރިން އެކި ކަންކަމުގައި އެކި ތަންތަނުން ބައްދަލުކޮށްފައިވާ ކަމަށް މަންޒަރު ދުށް ބައެއް ފަރާތްތަކުން ވެސް ވަނީ މައުލޫމާތު ދީފައެވެ.