ޚަބަރު

ރައީސް ނަޝީދުގެ މައްސަލައިގައި މައުލޫމާތު ހިއްސާ ނުކުރަނީ ޑިފެންސުން އެކަނި: އެޗްއާރްސީއެމް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ނިރުބަވެރި ހަމަލާއާ ގުޅިގެން ދައުލަތުގެ އިދާރާތަކުން އަމަލުކޮށްފައިވާ ގޮތުގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށް އެދުމުން، މިހާތަނަށް މައުލޫމާތު ހިއްސާ ނުކުރަނީ ޑިފެންސް މިނިސްޓްރީން އެކަނި ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ވިދާޅުވެއްޖެއެވެ.

Ads by STELCO

އެ ކޮމިޝަނުން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން، މައްސަލައާ ގުޅުންހުރި ކަންކަން ކޮމިޝަނުން ބަލަމުން އަންނަ ކަމަށާއި އެގޮތުން ދައުލަތުގެ ކަމާގުޅުން ހުރި އިދާރާތަކުން ޢަމަލުކޮށްފައިވާ ގޮތާއި، އަމަލުކުރަމުންދާ ގޮތް ބަލައި، ތަޙުގީގަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް އެކި އިދާރާތަކަށާއި، މުއައްސަސާތަކަށް ލިޔުމުން ހުށަހަޅައިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އެޗްއާރްސީއެމުން މައުލޫމާތު ސާފުކުރުމަށް އެދި ހުށަހެޅީ މާލޭ ސިޓީ ކައުންސިލާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަދި މިނިސްޓްރީ އޮފް ޑިފެންސްގައެވެ. މިހާތަނަށް މިނިސްޓްރީ އޮފް ޑިފެންސް ފިޔަވައި މައުލޫމާތު ސާފުކުރުމަށް ހުށަހެޅި ހުރިހާ ފަރާތަކުން ވެސް އެދިފައިވާ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް އެޗްއާރްސީއެމުން ވިދާޅުވެފައިވެއެވެ.

މީގެއިތުރުން އެ ބަޔާނުގައި ވިދާޅުވެފައި ވަނީ ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެމްޑީޕީއިން މުއައްސަސާތަކުން ޢަމަލު ކުރާ ގޮތް ބެލުމަށް، އެ ޕާޓީގެ ގައުމީ މަޖިލީހުގެ 174 ވަނަ ޖަލްސާއިން އެކުލަވައިލި "6 މެއި ކޮމިޓީ"އަށް ހޯދުނު މައުލޫމާތު ހާމަ ކުރުމުގައި އެޗްއާރްސީއެމްގެ ރަސްމީ ޓުވިޓާ އެކައުންޓުގައި އާންމުކޮށްފައިވާ މައުލޫމާތަށް ބަލައިފައި ނުވާކަމަށެވެ. އަދި އެ ކޮމިޝަންގެ މަސައްކަތްތަކުގެ މައުލޫމާތު ހޯދުމަށް މަސައްކަތް ނުކޮށް، ހަގީގަތާ ހިލާފު މައުލޫމާތު އާއްމުކޮށްފައިވާތީ، އެކަމާ ކަންބޮޑުވާ ކަމަށް ހިޔުމަން ރައިޓްސްއިން ވިދާޅުވެފައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!