ޝަމާލްއާއި އަބްދުއްރަހީމް މިއަދު ވެސް ކޮމިޓީއަށް ހާޒިރުކޮށްފި
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށްގެން ދިން ނިރުބަވެރި ހަމަލާއާ ގުޅިގެން މަޖިލީހުން ކުރިއަށް ގެންދާ "ޕާލިމެންޓް އިންކްއަރީ"އަށް މައުލޫމާތު ހޯދަން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަަރަލް އަބްދުﷲ ޝަމާލްއާއި ވައިސް ޗީފް އޮފް ޑިފެންސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް މިއަދު ވެސް 241 ކޮމިޓީއަށް ހާޒިރު ކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި މިއީ ޝަމާލްއާއި އަބްދުއްރަހީމް މި ކޮމިޓީއަށް ހާޒިރުކުރި ދެވަނަ ފަހަރެވެ. މި ދެ ބޭފުޅުން 241 ކޮމިޓީއަށް ފުރަތަމަ ހާޒިރު ކުރީ މި މަހުގެ ހަ ވަނަ ދުވަހުއެވެ. އެ ދުވަހު ވެސް އަދި މިއަދު ވެސް މި ދެ ބޭފުޅުން އެ ކޮމިޓީއަށް ހާޒިރު ކުރީ ވަކިވަކިންނެވެ.
މަޖިލީހުގެ އިދާރާއިން ވަނީ ޝަމާލް އާއި އަބްދުއްރަހީމް ހާޒިރު ކޮށްގެން ބޭއްވި ބައްދަލުވުމުގެ ފޮޓޯތައް އާންމުކޮށްފައެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ހަމައެކަނި ބުނީ ރައީސް ނަޝީދަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވި ގޮތް ހޯދުމަށް 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއަައިރީގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަަރަލް އަބްދުﷲ ޝަމާލް އާއި ވައިސް ޗީފް އޮފް ޑިފެންސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް އާއި މިއަދު ސުވާލުކޮށްފައިވާ ކަމަށެވެ.
މި އިންކުއަރީގައި ފަސް ކަމަކަށް ބަލާނެ ކަމަށް 241 ކޮމެޓީ އިން ވަނީ ބުނެފައެވެ. އެއީ
1. ހަމަލާ ދިނުމުގެ ކުރިން، ހަމަލާއާ ގުޅޭ އެއްވެސް މައުލޫމާތެއް ސަލާމަތީ ހިދުމަތްތަކާއި ދައުލަތުގެ އެއްވެސް އިދާރާއަކަށް ލިބިފައިވޭތޯ ދެނަގަތުން.
2. ސަލާމަތީ ބާރުތަކުން ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭ ފަރާތްތަކަށް އެ ހިދުމަތް ފޯރުކޮށްދިނުމުގައި ކަނޑައެޅިފައިވާ މިންގަނޑުތަކަކީ ކޮބައިތޯ ދެނެގަތުން
3. ނަޝީދަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައި އަމަލު ކުރަމުންދިޔަ ގޮތް ދެނަގަތުން.
4. ފައިނޭންސް އިންޓެލިޖެންސް މައުލޫމާތު އެއްކުރާ ގޮތާއި މައުލޫމާތު ލިބުމުން އަމަލުކުރާ ގޮތް ދެނަގަތުން
5. ގާނޫނީ އޮނިގަނޑާ އެއްގޮތަށް އަމަލު ކުރަމުންދާ މިންވަރު ދެނެގަތުން.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދާ އިންކުއަރީ އަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ކޮމިޓީގެ ބައެއް މެންބަރުން ސިފައިންގެ މައި މަރުކަޒަށް ވެސް އިއްޔެ ވަނީ ވަޑައިގެންފައެވެ.