ދުނިޔެ

"ސުލްޙަ ގެނެވޭނީ އިސްލާމީ ޝަރީއަތުން"

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އަފްޣާނިސްތާނުގައި ސުލްހަ ޤާއިމް ކުރެވޭނީ އިސްލާމީ ޝަރީއަތް އެޤައުމުގައި ހިންގައިގެން ކަމަށް އެގައުމުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާއަތެއް ކަމަށްވާ ތާލިބާނުން ބުނެފިއެވެ.

Ads by Sosun Fihaara

ތާލިބާނުން މިހެން ބުނެފައި ވަނީ އަފްޣާނިސްތާނުގެ ސަރުކާރާއި ތާލިބާނުގެ އިސްވެރިން ސުލްހައިގެ މަޝްވަރާތައް ގަތަރުގައި ކުރަމުންދާ ދަނޑިވަޅެއްގައެވެ.

އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އެމެރިކާއާއި ނޭޓޯގެ ސިފައިން އަފްޣާނިސްތާނުން ސެޕްޓެންބަރު 11 ވަނަ ދުވަހު ފެއިބުމަށް ނިންމާފައިވާއިރު، ސަރުކާރާ ތާލިބާނާ ދެމެދު ސުލްހަ ޤާއިމް ކުރުމަށް ދެ ފަރާތުން ވެސް ދަނީ އެއްބާރުލުން ދެމުންނެވެ. އެހެން ނަމަވެސް މިހައިތަނަށް ތާލިބާނުން ސުލްހައިގެ އެއްބަސްވުމުގައި އެފަރާތުން ހިމަނަން ބޭނުންވާ ކަންކަން ރަސްމީ ލިޔުމެއްގެ ސިފައިގައި ހުށަހަޅައިފައެއް ނުވެއެވެ.

އަފްޣާނިސްތާނުގައި ކުރިން އޮތް ތާލިބާނުންގެ ވެރިކަން ނިމުމަކަށް އައީ 2001 ގައި އަލްގައިދާއިން އެމެރިކާއަށް ދިން ހަމަލާއަށް ފަހު އެމެރިކާ އާއި ނޭޓޯގެ ފައުޖުތައް އަފްޣާނިސްތާނަށް އަރައި ފެށި ހަނގުރާމައިގެ ސަބަބުންނެވެ.

ތާލިބާނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ހައްލަކީ އިސްލާމީ ޝަރީއާ ކަމަށާއި ސުލްހައިގެ މަޝްވަރާތައް ކުރިޔަށް ގެންދާނީ އެގޮތަށް އެއްބަސްވުމުން ކަމަށެވެ.

"އިސްލާމީ ޝަރީއާއަކީ ހުރިހާ ކަމަކަށް އޮތް ހައްލު، އެއީ ސުލްހައަށް އޮތް ހައްލު" ތާލިބާނުން ނެރުނު ބަޔާނެއްގައި ބުނެފައެވެ.

ތާލިބާނުންނަށް އަލުން ވެރިކަން ލިބިއްޖެ ނަމަ، އިސްލާމީ ޝަރީއަތް ހިންގުމުގެ ނަމުގައި ހަރުކަށި ފިޔަވަޅުތައް އަޅައި، އަންހެނުންނާއި އަންހެން ކުދިން ތައުލީމުން މަހުރޫމު ކުރާނެ ކަމަށް މަޝްރަޙް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. އަފްޣާނުގައި ތާލިބާނުންގެ ވެރިކަން އޮތްއިރު، އަންހެން ކުދިން ސްކޫލަށް ފޮނުވުން ވަނީ މަނާކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!