ޚަބަރު

ހާލަތު ރަނގަޅުވެ ގަމުގެ ކާފިއު ވަގުތު މަދުކޮށްފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ލ.ގަން... ދެން ފައިލް ފޮޓޯ: މުޙައްމަދު އަރީޙް

ކޮވިޑް-19 ހަލުވި ކަމާއެކު ފެތުރެމުން ދިޔަ ލ.ގަމުގައި ކޮވިޑް-19 ހާލަތު ރަނގަޅުވެ، ބައްޔަށް ފައްސިވާ މީހުންގެ އަދަދު ދަށްވެފައި ވާތީ އެރަށުގައި އަޅައިފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިދީފިއެވެ.

Ads by Sosun Fihaara

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ގަމު ކައުންސިލަށް ފޮނުވައިފައިވާ ސިޓީއެއްގައި ބުނެފައި ވަނީ ކައުންސިލްގެ އެދުމުގެ މަތިން އެރަށުގައި ހަވީރު 4އިން ފެށިގެން ފަތިހު 4އަށް ހިންގައިފައިވާ ކާފިއު އުވާލުމުގެ ހުއްދަ ދީފައިވާ ކަމަށެވެ. އެހެން ނަމަވެސް މޮނިޓަރިންގެ ހާލަތުން ރަށް އަދި ނަގައިފައި ނުވުމުން ރޭގަނޑު 9އިން ފެށިގެން ފަތިހު 4އަށް އަދިވެސް ކާފިއު ހިންގާނެއެވެ.

މިދިޔަ 24 ގަޑިއިރަށް ބަލައިލާއިރު ގަމުން އިއްޔެ ޓެސްޓް ކުރެވުނު 127 ސުންކުގެ ތެރެއިން ބައްޔަށް ފައްސިވެފައި ވަނީ ޖުމްލަ 04 ސުންކެވެ. ގަމުގެ ކޮވިޑް-19 ހާލަތަށް ބަލާލާއިރު، މިހާރު އެރަށުގައި ބަލި ޖެހިފައި ތިބީ ޖުމްލަ 12 މީހެކެވެ. އެރަށުން ޖުމްލަ 333 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، ކޮވިޑް-19 ފެތުރެން ފެށި ފަހުން ޖުމްލަ 3451 ސުންކު އެރަށުން ވަނީ ނެގިފައެވެ.

ގަން މޮނިޓަރިންގްގެ ހާލަތަށް ގެނެވިފައި ވަނީ، ގަމާ އެއްފަސްކޮށް އޮންނަ ލ.މާންދޫން ފެނުނު ކޮވިޑް-19 އިހަލުގެ ވޭދަނަތަކެއް އެރަށުން ފެނުމުން 24 އޭޕްރީލްގައެވެ.

ލ.އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވެސް ކޮވިޑް-19 ފެތުރިގެން ދިޔައިރު މިހާރު އަތޮޅުގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅެވެ. މިގޮތުން އެ އަތޮޅުގައި މިވަގުތު ބަލި ޖެހިފައި ތިބީ 73 މީހެކެވެ. އެ އަތޮޅުން ޖުމްލަ 1402 މީހަކު ބައްޔަށް ފައްސިވެފައި ވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!