ނޫސްތަކުގައި ލިޔާ ލިޔުމުގެ ސަބަބުން ގައުމުތަކާ އޮންނަ ގުޅުމަށް އަސަރު ކުރޭ: ފޮރިން މިނިސްޓްރީ
ނޫސްތަކުގައި ޝާއިއު ކުރާ އާޓިކަލްތަކުގެ ސަބަބުން ދިވެހިރާއްޖެއާއި ބޭރުގެ ޤައުމުތަކާ އެކު އޮންނަ ޒަމާންވީ ގުޅުންތަކަށް ނޭދެވޭ އަސަރުކޮށް، އެ ލިޔުންތައް އަމާޒުވާ ޑިޕްލޮމަޓުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސްއެޅޭކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގެ ބައެއް ނޫސްތަކުގައި ތަކުރާރުކޮށް ޝާއިއު ކުރަމުންދާ ލިޔުންތަކުގެ ސަބަބުން ބޭރު ޤައުމުތަކުން ދިވެހިރާއްޖެއަށް ކަނޑައަޅައިފައި ތިއްބަވާ ސަފީރުންނާއި ބޭރު ޤައުމުތަކުގެ ޑިޕްލޮމަޓިކް މިޝަންތަކާއި އެ މިޝަންތަކުގައި މަސައްކަތްކުރައްވާ ޑިޕްލޮމަޓުންގެ ކަރާމާތާއި އަބުރަށް ނޭދެވޭ އަސަރުކުރާ ކަމަށެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން ދިވެހިރާއްޖެއާއި ބޭރުގެ ޤައުމުތަކާއެކު އޮންނަ ޒަމާންވީ ގުޅުންތަކަށް ނޭދެވޭ އަސަރުކޮށް، ދިވެހިރާއްޖެއާ އެކު ޒަމާންވީ އެކުވެރި ގުޅުންތައް އޮތް ޤައުމުތަކާ ދޭތެރޭ ދިވެހި ރައްޔިތުންގެ ހިތްތަކުގައި ނަފުރަތު އުފެދިގެން ހިނގައިދާނެ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފައެވެ.
"މިފަދަ ކަންތައްތަކަކީ، ދިވެހިރާއްޖެއާއި ބޭރުގެ ޤައުމުތަކާ އެކު އޮންނަ ޒަމާންވީ ގުޅުންތަކަށް ނޭދެވޭ އަސަރުކޮށް، ދިވެހިރާއްޖެއާ އެކު ޒަމާންވީ އެކުވެރި ގުޅުންތައް އޮތް ޤައުމުތަކާ ދޭތެރޭ ދިވެހި ރައްޔިތުންގެ ހިތްތަކުގައި ނަފުރަތު އުފެދިގެން ހިނގައިދާނެ ކަމެއް ކަމުގައި މި މިނިސްޓްރީއިން ދެކެމެވެ. އަދި އެ ލިޔުންތައް އަމާޒުވާ ޑިޕްލޮމަޓުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސްއެޅި އެ ޑިޕްލޮމަޓުންގެ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރުމަށް ހުރަސްއެޅިގެން ހިނގައިދާނެކަމެއް ކަމުގައިވެސް ދެކެމެވެ." މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން ވިއެނާ ކޮންވެންޝަންގެ "ރިސީވިންގ ސްޓޭޓް" ގެ ހައިސިއްޔަތުން، ރާއްޖޭއަށް ކަނޑައަޅައިފައިވާ ޑިޕްލޮމަޓުންނާއި ޑިޕްލޮމަޓިކް މިޝަންތަކާއި ޑިޕްލޮމަޓުން ދިރިއުޅޭ ތަންތަނަށް ދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ދިވެހި ދައުލަތުގެ ޒިންމާއެއް ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
އެހެންކަމުން ބައިނަލްއަޤްވާމީ އެކިއެކި މުއާހަދާތަކުގައި ކަނޑައަޅައިފައިވާ އުޞޫލުތަކާ ޚިލާފު ނުވާނޭހެން، އަދި ދޭދޭ ޤައުމުތަކާއެކު އޮންނަ ގުޅުންތަކަށް ނޭދެވޭ އަސަރުނުކުރާނެހެން ދިވެހިރާއްޖޭގެ މީޑިއާތަކުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްދެއްވުމަށް އެމިނިސްޓްރީން އިލްތިމާސްކުރާކަމަށް ވެސް އެބަޔާނުގައިވެއެވެ.
ފޮރިން މިނިސްޓްރީން މިހެން ވިދާޅުވެފައި މި ވަނީ ރާއްޖޭގެ ލޯކަލް ނޫސްތަކަށް ފިޔަވަޅު އެޅުމަށް އެދި އިންޑިޔާ އެމްބަސީން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއަށް ފޮނުވި ސިޓީއެއްގެ މައްސަލަ ބޮޑުވެފައިވަނިކޮށެވެ.