ޚަބަރު

މިނިސްޓަރ ޝާހިދުގެ މަސައްކަތްޕުޅުން ރާއްޖެއަށް އިތުރު ކުރިއެރުން ލިބޭނެ: ރައީސް

ރައުފާ ރަޝީދު ، ދެން އޮންލައިން

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ މަސައްކަތްޕުޅުތަކާ އެކު ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެކަމަށް ދެކެވަޑައިގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އދ.ގެ ޢާންމު މަޖިލީހުގެ 76ވަނަ ސެޝަންގެ ރައީސްކަމަށް ހޮވިވަޑައިގެންފައިވާ، ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.

މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިނިސްޓަރ ޢަބްދުﷲ ޝާހިދަށް ލިބިވަޑައިގެންނެވި މި ކާމިޔާބީއަށް ޓަކައި އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައާއި، ދިވެހި ރައްޔިތުންގެ ނަމުގައި ތަހުނިޔާ ވިދާޅުވެފައެވެ. އަދި މި ކާމިޔާބީއަކީ ރާއްޖެއަށް ލިބުނު ވަރަށްބޮޑު ފަޚުރަކާއި ޝަރަފެއްކަން ފާހަގަ ކުރައްވައި، މިއީ ޚާރިޖީ ދާއިރާގައި ދިވެހި ސަރުކާރުން ކުރާ މަސައްކަތްތައް ދުނިޔެ ބަލައިގަންނަކަމުގެ ހެއްކެއް ކަމުގައި ވިދާޅުވިއެވެ.

ހަމަ އެހެންމެ ރައީސުލްޖުމްހޫރިއްޔާ ވަނީ މިނިސްޓަރ ޝާހިދު އދ.ގެ ޢާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންނާއި ރާއްޖޭގެ ފޮރިން މިނިސްޓަރުކަމުގެ ހައިސިއްޔަތުން ކުރައްވާ މަސައްކަތުގައި ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެކަމަށް ދެކެވަޑައިގަންނަވާކަމުގައި ވިދާޅުވެ، މިނިސްޓަރ ޝާހިދުގެ މަސައްކަތުގައި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ދެއްކެވި ވާހަކަފުޅުގައި އދ.ގެ ޢާންމު މަޖިލީހުގެ 76ވަނަ ސެޝަންގެ ރައީސްކަމަށް އެމަނިކުފާނު ވާދަކުރެއްވުމަށް އެފުރުޞަތު ދެއްވައި އެ އިންތިޚާބު ކާމިޔާބުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން ކޮށްދެއްވި މުހިންމު މަސައްކަތްތައް ފާހަގަ ކުރައްވައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރެއްވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!