ރާއީސް ޔާމީންއާއި ރައީސް ނަޝީދު އެއް ފިކުރަކަށް ނުވާނެ: ޝިޔާމް
އެމްޑީޕީއަކީ ރައީސް މުޙައްމަދު ނަޝީދު ކަމަށާއި އެއީ ފަނާ ކުރަވިނި ފިކުރެއް ކަމަށާއި އަދި ޕީޕީއެމްއަކީ ރައީސް ޔާމީންގެ ބިނާކުރަނިވި ފިކުރެއް ކަމަށާއި މި ދެ ފިކުރު އެއް ނުވާނެ ކަަމަށް ޕީޕީއެމްގެ ނައިބު ރައީސް ނައިފަރު ދާއިރާގެ މެންބަރު މުޙައްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ސަންގް ޓީވީ ގެނެސްދިން ޚަބަރަށް ފަހު ޕްރޮގްރާމުގައި އާއްމު ފަރާތަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވީ، އެމްޑީޕީގެ ގިނަ ސިޔާސަތުތަކަކީ އެބޭފުޅުންނަށް ކަމު ނުދާ ސިޔާސަތުތަކެއް ކަމަށާއި ހަރުމުދާ ވިއްކާ، މިނިވަންކަން ގެއްލޭ ހިސާބަށް އެގްރިމެންޓްތައް ހެދުމަކީ ޕީޕީއެމްގެ ވިސްނުމެއް ނޫން ކަަމަށެވެ. އަދި މިހެންވެ، ޕީޕީއެމްއާއި އެމްޑީޕީ އެއް ފިކުރަކަށް ނުވާނެ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.
ރައީސް ޔާމީނާއި އެކީގައި ވެރިކަމުގެ ނިޒާމު ބަދަލު ކުރައްވަން ބޭނުންފުޅުވާ ކަމަށް ރައީސް މުޙައްމަދު ނަޝީދު ދާދި ފަހުން ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވަމުން ޝިޔާމް ވިދާޅުވީ، ރައީސް ޔާމީންގެ ދައުރަކީ ދިވެހިރާއްޖޭގައި ރިޔާސީ ނިޒާމެއްގެ ފޮނި މީރުކަން ފެނިގެން ދިޔަ ފަސް އަހަރު ކަމަށެވެ. އަދި ރައީސް ހުންނަވާނީ ރައްޔިތުން ނިންމާ ގޮތެއްގެ މަތީގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވީ، ޤާނޫން އަސާސީއަށް ބަދަލު ގެނެސްގެން ނިޒާމު ބަދަލު ކުރެވިދާނެ ކަަމާއި އެކަމަށް ބޭނުން ވާނީ މަޖިލީހުގެ 4 ބައިކުޅަ 3 ބައިގެ އަޣްލަބިއްޔަތު ކަމަށެވެ. އެހެން ނަމަވެސް ރާއްޖޭގައި އޮންނާނީ ކޮން ނިޒާމެއްކަން މީގެ ކުރިން ވޯޓަކުން ރައްޔިތުން ނިންމާފައިވާ ކަމަށާއި އިތުރު ބަދަލެއް ގެންނަ ނަމަ އެކަން ކުރާނީ ވެސް ރައްޔިތުން ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ، ނިޒާމް ބަދަލު ކުރަން މަސައްކަތް ކުރައްވަނީ ސަރުކާރު ހިންގަން ނޭނގޭތީ ކަމަށާއި އެހެން ނަމަވެސް ނިޒާމުގެ މައްސަލައެއް ނެތްކަން ރައީސް ޔާމީންގެ ވެރިކަމުގައި ރަނގަޅަށް ހާމަ ވެގެން ގޮސްފައިވާ ކަަމަށެވެ.
"ރިޔާސީ ނިޒާމެއްގައި ރާއްޖޭގައި ނުކުރެވޭނެ ކަމެއް ނެތް. އަތްލެވޭ ތަރައްޤީ ރައީސް ޔާމީން ވަނީ ގެނެސްދީފައި." ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ބަރުލަމާނީ ނިޒާމަކަށް ދާނަމަ ރައްޔިތުންގެ އިތުބާރު ވަރަށް މުހިންމު ކަމަށާއި ނިޒާމަށް އަދި ނިޒާމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް، ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަން ޖެހޭ ކަމަށެވެ. އަދި މިހާލަތުގައި ނިޒާމް ބަދަލު ކުރެއްވުމުގެ ވާހަކަ ރައީސް ނަޝީދު ދައްކަވަނީ، އެ މަނިކުފާނު ވެރިކަމުގައި ބާކީވަމުން އަންނާތީ، ސިޔާސީ މައިދާނުގައި ކުރިން ކުރެއްވި މަސައްކަތްޕުޅު ކުރެވޭނީ ނިޒާމް ބަދަލުކޮށްގެން ކަމަށް ޤަބޫލު ކުރެވޭތީ ކަމަށެވެ. އަދި އެމްޑީޕީގެ ތެރޭގައި ރިޔާސީ ނިޒާމަކުން ފުރުސަތު އޮތީ ރައީސް ޞާލިޙްއަށް ކަަމަށާއި ރައީސް ޞާލިޙްއަށް ރިޔާސީ ނިޒާމެއްގެ ފުރިހަމަކަން މިހާރު އެނގިވަޑައިގަންނަވާނެ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.
"ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެންމެ ބޮޑަށް ބޭނުންފުޅު ވަނީ ރިޔާސީ ނިޒާމް. އެހެން ނަމަވެސް ތިމާ ވެރިކަމުގައި ނެތީތީވެ، ބާރު ހޯދަން އިތުރު ވާހަކަތަކެއް ދައްކަން ނެތީމާ ކަަމަށް އަޅުގަނޑު ޤަބޫލު ކުރަނީ ބަރުލަމާނީ ނިޒާމެއްގެ ވާހަކަ ދައްކަނީ." ޝިޔާމް ވިދާޅުވީ ފަހަރުގައި ފެއިލްވުމަށް ފަސް އަޅަން ނިޒާމް ގޯސް ކުރަނީ ކަމަށް ވެސް ވެދާނެ ކަމަށެވެ.
"މިސަރުކާރުން ކޯލިޝަނަކާއެކީގައި މަސައްކަތް ކުރިޔަސް، މިވެރިކަމަކީ މިއީ އެމްޑީޕީގެ ވެރިކަމެއް. ރައީސް ނަޝީދު އެމްޑީޕީގެ ހުރިހާ ޒިންމާއެއް ނަންގަވަން އެ މަސައްކަތް ކުރައްވަނީ. އަދި އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި މިސަރުކާރުން ހާވާ ހުރިހާ ހަޑިއެއްގެ ޒިންމާ ނަގަން ޖެހޭނެ ބޭފުޅަކީ ވެސް ރައީސް ނަޝީދު" ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމްގެ ވާހަކަފުޅުގައި ސަރުކާރަށް ވަރަށް ބޮޑަށް ވަނީ ފާޑު ވިދާޅުވެފައެވެ. މިގޮތުން ވިދާޅުވީ، ސަރުކާރުން މިއަދު ކޮވިޑް-19 ބޭނުން ކުރަނީ ކަން ނުވުމުން ބަހަނާއެއްގެ ގޮތުގައި ކަމަށާއި ކުރީ ސަރުކާރޭ ކިޔާ ބަހަނާ ދެއްކުން ކޮވިޑް-19އާ އެކު ހުއްޓިފައިވާ ކަމަށެވެ.
"ސަރުކާރުންވެސް ވަރަށް ބޮޑަށް އެބަ ބޭނުންވޭ ކޮވިޑް-19 ހާލަތު ނުނަގާ ވޭތޯ. ބަންދުގެ މުއްދަތު އިތުރު ކުރެވޭތޯ މަސައްކަތްތަކެއް ކުރަމުން މިދަނީ" ޝިޔާމް ވިދާޅުވިއެވެ.
މިވަގުތު ގޭބަންދުގައި ހުންނެވި ޕީޕީއެމްގެ ލީޑަރު ރައީސް ޔާމީންގެ ބަންދާ ގުޅޭ ގޮތުން ޝިޔާމް ވިދާޅުވީ، މިވަގުތަކީ މުޅި ޤައުމު ރައީސް ޔާމީނަށް ބޭނުންވެފައިވާ ވަގުތެއް ކަމަށާއި "ލަދުފުޅު" ކަނޑުވައިލައި ރައީސް ޞާލިޙް ، ރައީސް ޔާމީން އަރިހުން އިރުޝާދަށް އައްސަވަން ޖެހޭ ކަމަށެވެ. އަދި މިވަގުތަކީ މަޝްވަރާގެ މޭޒަށް ސިޔާސީ ޕާޓީތައް އެއްވެ ޤައުމު ސަލާމަތް ކުރަން ޖެހޭ ހާލަތް ކަމަށާއި ޕީޕީއެމްގެ ލީޑަރާ އެކު މަޝްވަރާގެ މޭޒަށް ދާން އެ ޕާޓީ އޮތީ ތައްޔާރަށް ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ، ރައީސް ޔާމީން ޖަލަށް ލެވުނު ދުވަހުން ފެށިގެން ވެސް އެ މަނިކުފާނު ޖަލަށް ލެވިފައި ހުރީ ސިޔާސީ ގޮތުން ކަަމަށް ރައީސް ނަޝީދު ޤަބޫލު ކުރައްވާ ކަމަށެވެ. އަދި ރައީސް ޔާމީން ޖަލުގައި ބަހައްޓަވަނީ ސަރުކާރު ހިންގަން ފަސޭހައަކަށް ކަމަށާއި މިއީ ދިވެހި ރައްޔިތުންނާއި ޚުދު ރައީސް ނަޝީދު ވެސް ޤަބޫލުފުޅު ކުރައްވާ ގޮތް ކަަމަށް ޝިޔާމް ވިދާޅުވިއެވެ.
ތިޔަ ދެމީހުންނަކީ ވެސް ވަގުން.ފުރުސަތެއް ދެނެއްނެތް.