ޚަބަރު ރައްޔިތުންގެ މަޖިލިސް

ރައީސް ނަޝީދުގެ ސެކިޔުރިޓީ ވަރުގަދަކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން، އެމަނިކުފާނުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަކޮށްފިއެވެ.

Ads by MWSC

މަޖިލީހުގެ 241 ކޮމިޓީން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވިގޮތް ހޯދުމަށް ކުރިއަށް ގެންދިޔަ ޕާލިމަންޓްރީ އިންކުއަރީގެ ރިޕޯޓު ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ރޭ ވަނީ ފާސްކޮށްފައެެވެ.

މި ރިޕޯޓް ފާސްކުރެއްވުމަށް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްއެވެ. އަދި އެ ހުށަހެޅުމަށް ތާއިދު ކުރެއްވީ މަޖިލީހުގެ ނައިބް ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ.

އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ މުހިންމު ހުށަހެޅުންތަކުގެ ތެރޭގައި ރައީސް ނަޝީދު އުޅުއްވާ ވަގުތުތަކާއި ނޫޅުއްވާ ވަގުތުގައި ވެސް އެ މަނިކުފާނުގެ ގެކޮޅުގެ ސެކިއުރިޓީ ކޮންޓްރޯލްކޮށް، ހަތިޔާރާ އެކު 24 ގަޑިއިރު ހަރަކާތްތެރިވުން ހިމެނެއެވެ. އަދި އިންޓެލިޖެންސް މައުލޫމާތު ރައްކާތެރިކަމާ އެކު ބަލަހައްޓަން، ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުން ލާޒިމްކުރާ އޮނިގަނޑު ގާއިމްކުރުން ހިމެނެއެވެ.

މީގެ އިތުރުން ހަމާލާއާ ގުޅޭ ކަންކަމުގައި އިހުމާލުވި މީހުންނާއި ޒިންމާ އަދާނުކުރި ފަރާތްތައް ވަކިކޮށް ފިޔަވަޅު އެޅުމާއި ރައީސް ނަޝީދުގެ ސަލާމަތީ ކަންކަން ބަލަހައްޓާ އޮފިސަރުން އަަހަރަކު އެއް ފަހަރު އެމީހުންގެ މަސްޢޫލިއްޔަތު އަދާކުރެވޭ ފެންވަރު ހުރިތޯ ދެނެގަތުން ހިމެނެއެވެ. އަދި އިންޓެލިޖެންސާ ބެހޭ އެކްޓެއް ނުވަތަ ޚާއްސަ ގާނޫނެއް އެކުލަވައިލުމާއި ޤައުމީ ސަލާމަތާ ބެހޭ ކަންކަމުގައި ސިފައިންނާއި ފުލުހުންނާ މަޝްވަރާކޮށް، ރައީސަށް ލަފާ ދޭ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރެއް ހަމަޖެއްސުމުގެ އިތުރުން ޓެރަރިޒަމާއި ހަރުކަށި ފިކުރު ފެތުރުމުގައި ބައިވެރިވާ މީހުންގެ މައުލޫމާތު ހިމެނޭ ޑާޓާ ބޭސްއެއް ގާއިމްކުރުން ވެސް އިންކުއަރީގެ ރިޕޯޓްގައި އިރުޝާދު ދީފައި ވެއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން 241 ކޮމިޓީން ކުރިއަށް ގެންދިޔަ އިންކުއަރީގައި ސުވާލު ކުރުމަށް ދައުލަތުގެ ވަޒީރުންނާއި ވަކިވަކި ފުލުހުންނާއި ސިފައިން ވެސް ވަނީ ހާޒިރުކޮށްފައެވެ. އެގޮތުން ރައީސް ނަޝީދުގެ ސެކިއުރިޓީ ބަލަހައްޓާ އެމްއެންޑީއެފުގެ އެސްޕީޖީގެ ސިފައިންގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ޖެނެރަލް ޢަބްދުއްރަހީމް ޢަބްދުއްލަތީފާއި ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވެސް ވަނީ ކޮމިޓީއަށް ހާޒިރުކޮށްފައެވެ.

އަދި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދާއި ފުލުހުންގެ މުއައްސަސާގެ އިސްވެރިން ވެސް ވަނީ ކޮމިޓީއަށް ހާޒިރުކޮށްފައެވެ. މީގެ އިތުރުން މަރުކަޒީ ބޭންކުގެ ގަވަރުނަރު އަލީ ހާޝިމްއާއި މާލެ ސިޓީގެ ކުރީގެ މޭޔަރު ސިފާ މުޙައްމަދު ވެސް ހާޒިރުކޮށްފައިވެއެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން 8 މީހަކު މިހާތަނަށް ހައްޔަރު ކޮށްފައިވާއިރު އޭގެ ތެރެއިން ވަނަވަރު ހާމަކޮށްފައި ވަނީ 4 މީހެއްގެއެވެ. އެ މީހުންނަކީ ރައީސް ނަޝީދަށް ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދުގެ އިތުރުން މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހުއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!