ދީން

އެންމެ ބަރަކާތްތެރިކަން ބޮޑު ޒަމާނަކީ ހައްޖުމަހުގެ ފުރަތަމަ 10 ދުވަސް: ޚުތުބާ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އަންނަ އާދީއްތަ ދުވަހަކީ މިއަހަރުގެ ހައްޖުމަހުން ފުރަތަމަ ދުވަހެވެ. ޙައްޖު މަހުގެ ފުރަތަމަ 10 ދުވަހަކީ އަހަރުގެ އެންމެ ބަރަކާތްތެރި 10 ދުވަހެވެ. އެ ދުވަސްތަކުގައި ކުރާ އަޅުކަމުގެ ސަވާބަށް ގިނަގުނަ ސަވާބާއި ދަރުމަ ދެއްވަވާނެކަން ﷲ ތަޢާލާ ވަނީ ބަޔާން ކުރައްވަވައިފައެވެ. މިއަދުގެ ހުކުރު ހުތުބާގެ މައުޟޫއުއަކީ "ހައްޖުމަހުގެ ފުރަތަމަ 10ދުވަހުގެ މާތްކަން" މިއެވެ.

ޚުތުބާގައި ބުނެފައި ވަނީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިވެގެންވާ މައްސަރުތަކަކީ، ޙުރުމަތްތެރިވެގެންވާ ހަތަރު މައްސަރު ކަމަށެވެ. އެ މައްސަރުތަކުގެ ތެރެއިން
އެންމެ ލޮބުވެތިކަން ބޮޑު މައްސަރަކީ، ޙައްޖު މަސް ކަމަށާއި ޙައްޖު މަހުގެ އެންމެ މާތް
ދުވަސްތަކަކީ، އެ މަހުގެ ފުރަތަމަ ދިހަ ދުވަސް ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން މި ދުވަސްތަކުގައި ކުރެވެން އޮތް ޞާލިޙު ޢަމަލުތަކުގެ ތެރޭގައި، ރޯދަ ހިފުން ހިމެނޭ ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ. އަދި މާތް ﷲއަށް ތަޤްވާވެރިވެ، މި ދުވަސްތަކުގައި ހެޔޮ
ޢަމަލު ކުރުން ގިނަ ކުުރުމަށް ނަސޭހަތްތެރިވެފައި ވާއިރު އެކަލާނގެއީ އިރާދަ ކުރައްވާ ކޮންމެ އެއްޗެއް ހައްދަވައި، އޭގެ ތެރެއިން އިރާދަ ކުރައްވާ އެއްޗެއް މާތް ކުރައްވައި ޚިޔާރު ކުރައްވާ ރަސްކަލާނގެކަން ހަނދާން ކޮށްދީފައިވެއެވެ.

"ދުނިޔެއަށް މިވަގުތު ކުރިމަތިވެފައި މިވާ ބަލިމަޑުކަމުގެ ސަބަބުން، މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ނިޔަތްގަނެފައިވާ އެތައް ބަޔަކަށް، ޙައްޖަށް ދެވޭ ގޮތް ނުވި ކަމުގައި ވިޔަސް، މާތް ﷲ ގެ ރަޙްމަތުން އުންމީދު ކަނޑައިނުލާށެވެ! އެކަލާނގެ ރަޙްމަތް އަޅުގަނޑުމެންގެ މައްޗަށް ތަނަވަސްވެގެން ވެއެވެ. އަމިއްލަ ޤައުމުގައި، އަމިއްލަ ވަޒަނުގައި، ތިބިކަމުގައި ވިޔަސް، ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ ދަރުމަޔާއި ޘަވާބު ލިބިގަތުމަށް މަސައްކަތް ކުރުމުގެ މަގު ވަނީ އަޅުގަނޑުމެންނަށް ތަނަވަސްވެފައެވެ." ޚުތުބާގައި އިތުރަށް ބުނެފައިވެއެވެ.

ބަރަކާތްތެރިކަން އެންމެ ބޮޑު ޒަމާނަކީ، ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަސް ކަމަށާއި އެ 10 ދުވަހުގެ މާތްކަމުގެ ތެރޭގައި، މާތް ﷲ މި މަތިވެރި އިސްލާމް ދީން ފުރިހަމަކޮށްދެއްވުން ހިމެނޭ ކަމުގައި ވެސް ޚުތުބާގައި ބުނެފައިވެއެވެ. މި ދީން ފުރިހަމަ ވުމުގެ ސަބަބުން، މި ދީނުގެ އަހުލުވެރިން ކުރާ ޢަމަލުތަކަށް ފުރިހަމައަށް ސަވާބު ލިބޭ ކަމަށާއި. އެމީހުންގެ އަމާންކަމާއި، ރައްކައުތެރިކަން ލިބިފައިވާ ހެޔޮ ލަފާ ޙަޔާތަކަށް ވާ ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!