އިންޑިއާގައި ދެ ކުދިންނަށްވުރެ ގިނަ ކުދިން ހޯދާ ފަރާތްތަކަށް ސަރުކާރުން ވަޒީފާ ނުދޭ ގޮތަށް ހަމަޖައްސަނީ
އިންޑިއާގެ އެންމެ ތޮއް ޖެހިފައިވާ ސްޓޭޓްކަމުގައިވާ އުއްތަރަ ޕްރަދޭޝްގައި ކޮންމެ ދެމަފިރިއަކަށް ހޯދޭނީ ދެ ކުދިން ކަމަށް ކަނޑައަޅަން ޤާނޫނެއް ފާސްކުރަން ހުށަހަޅައިފިއެވެ.
އުއްތަރަ ޕްރަދޭޝްގެ ސަރަހައްދީ ސަރުކާރުން ހުށަހެޅި އިސްލާހް ފާސްވެއްޖެ ނަމަ ދެ ކުދިންނަށް ވުރެ ގިނަ ކުދިން ތިބޭ ދެމަފިރިންނަށް ސަރުކާރުން އެ ޤައުމުގެ ރައްޔިތުންނަށް ދޭ އިނާޔަތްތަކުންނާއި ސަރުކާރުގެ ވަޒީފާތަކަށް ކުރިމަތިލުމުން މަހްރޫމް ކުރެވިގެންދާނެއެވެ.
ސަރުކާރުން ހުށަހެޅި މި ބިލުގައި ބުނެފައި ވަނީ މިގޮތަށް ހަދަން ނިންމައިފައި ވަނީ އުއްތަރަ ޕްރަދޭޝްގެ އާބާދީ ވަރަށް ހަލުވި ސްޕީޑެއްގައި މަތިވާތީ، މުސްތަޤްބަލުގައި ސްޓޭޓަށް ނުކަތާ ވަރަށް އާބާދީ އިތުރުވުމުގެ ބިރު އޮތުމުގެ ސަބަބުންނެވެ. އަދި ލިބެން ހުރި ވަސީލަތްތަކަށް އަޅާ ބަލާއިރު، ކުރިޔަށް އޮތްތާންގައި މިހާރު ދާ ރޭޓުން އާބާދީ އިތުރުވެއްޖެ ނަމަ ހުރިހާ އެންމެންނަށް ބޭނުންވާ ވަރަށް ވަސީލަތްތައް ނުހުންނާނެ ކަމުގެ ބިރު ބޮޑުވެފައިވާ ކަމަށް ސަރުކާރުން ބުނެއެވެ.
އުއްތަރަ ޕްރެދޭޝަކީ އިންޑިއާގެ ސްޓޭޓްތަކުގެ ތެރެއިން ފަޤީރު ސްޓޭޓްތަކުގެ ލިސްޓުގެ ވަރަށް ކުރީގައި އޮތް ސްޓޭޓެކެވެ. މިގޮތުން އެ ޤައުމުގައި ބޮލެއްގެ މައްޗަށް ޖެހޭ އާއްމުދަނީ އެޤައުމުގައި އާއްމު މީހެއްގެ ބޮލަށް ޖެހޭ އަދަދަށް ވުރެ ދެ ގުނަ ދަށްކަން ފާހަގަކޮށްލެވެއެވެ.
ސަރުކާރުން ހުށަހަޅާފައިވާ މި ބިލަށް ޖުލައި މަހުގެ ނިޔަލަށް އާއްމުންގެ ޚިޔާލު ހޯދާނެއެވެ. އެއަށް ފަހު އޯގަސްޓް މަހު ކުރީކޮޅު މި ބިލު ޤާނޫން ހަދާ މަޖިލީހަށް ފާސް ކުރަން ފޮނުވާނެއެވެ.
2027 ވަނަ އަހަރާ ހަމައަށް އިންޑިއާއަކީ ދުނިޔޭގެ އެންމެ ބޮޑު އާބާދީއަށް ވެދާނެ ކަމަށް ލަފާ ކުރެއެވެ. މިހާރު އެންމެ އާބާދީ ބޮޑު ޤައުމަކީ ޗައިނާއެވެ، ޗައިނާއިން އާބާދީ ކޮންޓްރޯލް ކުރުމަށް މީގެ ކުރިން ވަނީ މަސައްކަތްކޮށްފައެވެ. އެހެން ނަމަވެސް އާބާދީގައި ޒުވާނުން އަދި ކުޑަކުދިން މަދުވެ، މުސްކުޅިން ގިނަ ވުމުގެ ސަބަބުން އާބާދީ ކޮންޓްރޯލް ކުރަން އެޤައުމުން ކުރި މަސައްކަތްވަނީ ހުއްޓައިލައިފައެވެ،
މިމިޔަ މަހު އަސަމް ސްޓޭޓްއިން ވެސް ވަނީ ދެ ކުދިން ތިބޭ އާއިލާތަކަށް ސަރުކާރުން އިނާޔަތްތަކެއް ދިނުމަށް ނިންމައިފައެވެ. މި ދެ ސްޓޭޓްގައި ވެސް ވެރިކަން ކުރަމުންދަނީ ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ޕާޓީ ބީޖޭޕީ އިންނެވެ.
އުއްތަރަ ޕްރަދޭޝަކީ ގިނަ އަދަދަށް މުސްލިމުން ދިރިއުޅޭ ސްޓޭޓެކެވެ.
ސަރުކާރުން ހުށަހަޅާފައިވާ ބިލް ފާސްކޮށްފިނަމަ ދެ ކުދިންނަށް ފަހު ދަރިން ނުލިބޭ ގޮތަށް އޮޕަރޭޝަން ހަދާ ފަރާތްތަކަށް ލުއި ލޯން ދީ، ގެ ހެދުމަށް އެހީތެރިވި، ޓެކްސް ދެއްކުމާއި ބިލްތައް ދެއްކުމުގައި ލުއި ތަކެއް ދޭންވަނީ ނިންމައިފައެވެ.
މުސްލިމުން މަދުކުރަން ހިންގާ ޖަރީމާއެއްތީ.