ރަޝީއާގައި ކޮވިޑް-19 ޖެހިގެން އެންމެ ގިނަ މީހުން މަރުވީ އިއްޔެ، މުޅި ގައުމު ކަރުނަ އަޅަނީ
މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ރަޝިއާއިން ޖުމްލަ 752 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެއެވެ.
މިއީ ކޮވިޑް-19 ރަޝިއާއިން ފެނުނު ފަހުން 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނަ މީހުން މަރުވި ފަހަރެވެ. މިއާއެކު ކޮވިޑް-19 ޖެހިގެން ރަޝިއާއިން މަރުވި މީހުންގެ އަދަދު 142,253 އަށް ވަނީ އަރާފައެވެ.
މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ރަޝިއާއިންވަނީ 25,082 މީހަކު އަލަށް ބައްޔަށް ފައްސިވެފައެވެ. އޭގެ ތެރޭގައި ވެރިރަށް މޮސްކޯ އިން ބައްޔަށް ފައްސިވި 5,694 މީހުން ހިމެނެއެވެ. އިއްޔެ ބައްޔަށް ފައްސިވި މީހުންނާއެކު މިހާރު އެޤައުމުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 5,758,300 އަށް އަރައެވެ.
ރަޝިއާއިން ކޮވިޑް-19 ޖެހިގެން 142,253 މީހުން މަރުވި ކަމަށް ސަރުކާރުން ހާމަ ކުރިނަމަވެސް ރޮއިޓާސް އިން ރިޕޯޓް ކުރާ ގޮތުގައި ކޮވިޑް-19 ޖެހިގެން އެޤައުމުން މަރުވި މީހުންގެ އަދަދު 428،000 އަރައެވެ. މި ނަންބަރު ހޯދާފައިވަނީ މީގެ ކުރީ އަހަރުތަކުގައި އެޤައުމުން މަރުވި މީހުންނާއި މިދިޔަ އަހަރު ކޮވިޑް-19 ފެތުރެން ފެށިގެން މަރުވި މީހުންގެ އަދަދާ އަޅާ ކިއުމަށް ފަހުގައެވެ. މިގޮތުން މިއަހަރުގައި ޖުމްލަ ފަސް ލައްކައަށްވުރެ ގިނަ މީހުން އެހެން އަހަރުތަކެކޭ އަޅާ ބަލާއިރުވަނީ މަރުވެފައެވެ.
ރަޝިއާގައި ކޮވިޑް-19 ވަރަށް ހަލުވި ކަމާއެކު ފެތުރެން ފަށާފައިވާއިރު، އެޤައުމުގައި ވެކްސިން ޖެހުން ބައެއް ދާއިރާތަކުގައި އުޅޭ ފަރާތްތަކަށްވަނީ މަޖުބޫރުކޮށްފައެވެ. އަދި ރަޝީއާގައިވެސް ކޮވިޑް-19 ވޭރިއަންޓްތައް ފެތުރެމުންދާތީ އެޤައުމުގައި ވެކްސިންގެ ތިންވަނަ ބޫސްޓާ ޑޯޒެއް ދިނުމަށްވަނީ ނިންމާފައެވެ. ރަޝިއާއިން އުފައްދާފައިވާ ސްޕްޓްނިކް ވެކްސިންގެ ވޭރިއަންޓާ ދެކޮޅަށް ވަރުގަދައަށް މަސައްކަތް ކުރާ ވެކްސިންގެ އާ ވައްތަރެއްވެސް އެޤައުމުންވަނީ އުފައްދާފައެވެ.
ރަޝިއާގައި ކޮވިޑް-19 ކޭސްތައް ކުއްލިއަކަށް އިތުރުވެފައިވަނީ ޔޫރޯ ބެލުމަށް އެޤައުމަށް ގިނަ ބަޔަކު ދިއުމުގެ ސަބަބުންނެވެ.