ޚަބަރު

ހިޔާ ފްލެޓް ލިބުނު ކަމަށްބުނެ އެޗްޑީސީގެ ނަމުގައި ފޭކް ކޯލް ތަކެއް!

ރައުފާ ރަޝީދު ، ދެން އޮންލައިން

ހިޔާ ފްލެޓް ލިބުނު ކަމަށް ބުނެ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަމުގައި ފޭކް ކޯލް ކުރަމުންދާތީ ސަމާލުވާން އެދިއްޖެއެވެ.

Ads by MWSC

އެޗްޑީސީން ވިދާޅުވީ ހިޔާ މަޝްރޫޢުއިން ފުލެޓު ލިބިފައިވާ ފަރާތްތަކަށް އެކޯޕަރޭޝަނުގެ ނަމުގައި ގުޅަމުންދާ ކަމަށެވެ. އަދި ހިޔާ މަޝްރޫޢުގެ ދަށުން އިމާރާތްކޮށްފައިވާ ފުލެޓުތަކަށް ހޮވިފައިވާ ފަރާތްތަކަށް ފުލެޓު ގުރުއަތުން ލިބޭ ފުލެޓު ކަނޑައެޅުމަށް ފަހު ގުރުއަތުން އެއްވެސް ފަރާތަކަށް ކަނޑައެޅިފައި ނުވާ ފުލެޓުތަކަށް ހޮވިފައިވާކަމަށް ބުނެ އެ ކޯޕަރޭޝަނުން އެއްވެސް ފަރާތަކަށް ފޯނު މެދުވެރިކޮށް ނުގުޅާނެކަމަށް އެޗްޑީސީން ވިދާޅުވިއެވެ.

މީގެ އިތުރުން އެޗްޑީސީން ވިދާޅުވީ އެ މަޝްރޫޢުގެ ދަށުން ފުލެޓަށް ހޮވިފައިވާ ފަރާތްތަކަށް ލިބޭ ފުލެޓު ކަނޑައެޅުމަށް އަމަލުކުރަމުންދާ އުޞޫލަކީ، ފުލެޓު ގުރުއަތު ނެގުން ހަމަޖެހިފައިވާ ތާރީޚް އަދި އެދުވަހެއްގެ ގުރުއަތުގައި ފުލެޓު ކަނޑައެޅޭނެ ފަރާތްތައް ހިމެނޭ ލިސްޓު އާންމުކޮށް އަންގައި އިޢުލާނުކުރުމަ ށްފަހު، ޓީ.ވީގެ ޒަރިއްޔާއިން ގެނެސްދެވޭ ލައިވް ޕްރޮގްރާމެއް މެދުވެރިކޮށް ގުރުއަތު ނެގުން ކުރިއަށް ގެންދިއުން ކަމަށެވެ.

އެހެންކަމުން، ގުރުއަތުން ފުލެޓު ލިބިފައިވާ ފަރާތްތަކާއި، ފުލެޓު ލިބިފައި ނުވާ އެއްވެސް ފަރާތަކަށް ފޯނު މެދުވެރިކޮށް ލިބިފައިވާ ފުލެޓުގެ ތަފްޞީލު ހިއްސާކުރުމަށް ނުގުޅާނެ ކަމަށާއި އެ މަޝްރޫޢުއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ހިއްސާ ކުރާނަމަ، އެކަން ކުރާނީ އާންމު އިޢުލާނެއްގެ ޒަރިއްޔާއިން ނުވަތަ އެ ކޯޕަރޭޝަނުގެ މީސްމީޑިއާ ޕޭޖުތައް މެދުވެރިކޮށް ކަމަށް އެޗްޑީސީން ވިދާޅުވިއެވެ.

އެޗްޑީސީން ވިދާޅުވީ މިފަދަ ކަމެއްގައި އެޗްޑީސީގެ ފަރާތުން ގުޅާ ނަމަ ބޭނުން ކުރާނީ އެ ކޯޕަރޭޝަނުގެ ރަސްމީ ނަންބަރުތައް ކަމަށެވެ. އެހެންކަމުން އޮޅުވައިލައިގެން އެ ކޯޕަރޭޝަނުގެ ނަމުގައި ކުރާ ކޯލުތަކަށް ސަމާލުވުމަށް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!