ވިޔަފާރި

އިންޑިއާގެ ކޮވިޑް ހާލަތާ ގުޅިގެން ރާއްޖެއަށް އަލުވި، ފިޔާ އަދި ބިސް ލިބުން ދަތިވެފައި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އަވައްޓެރި އިންޑިއާގެ ކޮވިޑް-19 ހާލަތާ ގުޅިގެން މާލޭގެ ބާޒާރުން ފިޔާ، އަލުވި އަދި ބިސް ލިބުން ދަތިވެފައިވާ ކަމަށް ބައެއް ވިޔަފާރިވެރިން ބުނެފިއެވެ.

ބާޒާރުގައި ވިޔަފާރި ހިންގާ ބައެއް ފަރާތްތަކުން ބުނެފައި ވަނީ، މި ތަކެތި ލިބުން މިހާރު އިންތިހާއަށް ދަތިވެ، މަދުވުމުގެ ސަބަބުން އަންނަ ހަފްތާގައި ބޮޑު އަގުގައި ވިއްކަން ވެސް ޖެހިދާނެ ކަމަށެވެ.

ފިޔާ، އަލުވި ބާޒާރުން ލިބުން ދަތިވުމުގެ ސަބަބުން ބައެއް ފިހާރަތަކުން މިހާރު ވަނީ ބަސްތާ ވިއްކުން ވެސް ހުއްޓައިލައިފައެވެ.

މުދާ އެތެރެކުރާ ބައެއް ފަރާތްތަކުން ބުނެފައި ވަނީ އިންޑިއާގެ ކޮވިޑްގެ ހާލަތާ ގުޅިގެން މިދުވަސްވަރު އެ ޤައުމުން ރާއްޖެއަށް ކާބޯތަކެތި އެތެރެކުރުން ދަތިވެފައިވާ ކަމަށެވެ. އަދި މިގޮތަށް އެކަން ދާނަމަ މަސް ދުވަސް ތެރޭގައި ބާޒާރުން ފިޔާ، އަލުވި އަދި ބިސް ލިބުން ހުއްޓިގެން ގޮސްދާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ވިޔަފާރިވެރިން ބުނެފައިވެއެވެ.

"ކޮވިޑްގެ ހާލަތާ ގުޅިގެން ރާއްޖެއާއި އިންޑިއާއާ ދެމެދު މުދާ އުފުލަނީ މިހާރު އެންމެ ބޯޓަކުން. އެ ބޯޓުން މުދާ ގެންނަން އެންމެން ވެސް ބޭނުންވޭ. އެކަމަކު މަދު ބަޔަކަށް ފުރުސަތު ލިބެނީ." ބާޒާރުގައި ފިހާރައެއް ހިންގާ ވިޔަފާރިވެރިއަކު ބުނެފައިވެއެވެ.

އެހެން ވިޔަފާރިވެރިއަކު ބުނީ މުދާ ލިބުމުގައި ހުރި ދަތިތަކަށް ހައްލެއް ނުލިބި، ބޭނުންވާ ވަރަށް ފިޔާ، އަލުވި އަދި ބިސް ނުލިބޭ ނަމަ ކުރިއަށް އޮތް ހަފްތާއެއް ތެރޭގައި އެތަކެތީގެ އަގު އުފުލިދާނެ ކަމަށް ބެލެވޭ ކަމަށެވެ.

މިވަގުތު ބާޒާރުގައި ބިސް ކޭހެއް ލިބެނީ 420 ރުފިޔާއަށް، ފިޔާ ކިލޯއެއް 20ރުފިޔާއަށް އަދި އަލުވި ކިލޯއެއް 15ރުފިޔާ އަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!