ރިޕޯޓް

ޢީދަށް މިފަހަރު 10 ދުވަހުގެ ބަންދެއް، ރާވައިފައި އޮތީ ކޮންކަމެއް؟

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ދަތުރުވެރިން / ފޮޓޯ: ދެން އިމޭޖްސް

ހަމަޔަގީނުން ވެސް މިހާރު ގިނަ ބަޔަކު ތައްޔާރުވަމުން އަންނަ އެއް ކަމަކީ މި ފެށޭ ހަފްތާގައި އަންނަ ބަރަކާތްތެރި އަޟްޙާ ޢީދުގެ މުނާސަބަތު ކުލަ ގަދަކޮށް ފާހަގަ ކުރުމަށެވެ.

Ads by MWSC

އެކި މީހުން މިހާރު ވެސް ފޮށި ތަންމަތި ބަނދެގެން ޢީދު ފާހަގަ ކުރަން ރަށްރަށަށް ގޮސްފައިވާއިރު، އަނެއް ބަޔަކު މިވަގުތު ވެސް ތައްޔާރުވަމުން ދަނީ ޢީދަށް ކޮންމެވެސް ތަނަކަށް ފުރައިގެން ދެވޭނެ ގޮތަކަށެވެ.

މި އަހަރު އަޟްޙާ ޢީދު ބަންދާއި ސްކޫލްތައް ބަންދުވުމުން ލިބޭ "ބޮޑު ޗުއްޓީ" ގެ އިތުރުން މިނިވަން ދުވަސް ވެސް އެއް މަހަކާ ދިމާވުމުން، ޗުއްޓީ ހޭދަ ކޮށްލުމަށް ލިބިފައި މިވަނީ ބޮޑު "ބޯނަހެކެވެ."

ސްކޫލްތައް ބަންދުވުމުން ދަރިވަރުން އެކަމާ އުފާ ފާޅު ކުރުމުގައި އުޅޭއިރު، ބޮޑު ޢީދު ބަންދަށް ސަރުކާރު ބަންދުވާތީ ސަރުކާރު އޮފީސްތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް ވެސް މިވަނީ އުފާވެރިކަން ލިބިފައެވެ.

އެ "އުފާވެރިކަން" ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިވަނީ މިއަދު އިތުރު ވެސް ކޮށްދެއްވައިފައެވެ. ކަލަންޑަރުގައި ކުރިން ކަޅު ކުލައިން ފާހަގަ ކޮށްފައިވާ ދެ ދުވަސް ކަމުގައިވާ މި ހިނގާ ޖުލައި މަހުގެ 18 ވަނަ ދުވަހާއި 25 ވަނަ ދުވަސް ވެސް މިވަނީ ރަތް ކުލައަށް ބަދަލު ކޮށްލައިފައެވެ. މާނައަކީ މި މަހުގެ 18 އާއި 25 ވެސް ސަރުކާރު ބަންދު ދެ ދުވަސް ކަމުގައި ނިންމަވައިފައިވާކަމަށް ރައީސް އޮފީހުން ވަނީ ކަށަވަރު ކޮށްދެއްވައިފައެވެ. އެހެންކަމުން މިހާރު މި މަހުގެ 18 އިން ފެށިގެން 27 އާއި ހަމައަށް ސަރުކާރު ބަންދެވެ. އެއީ ޢީދު ބަންދަށް ފަހު، މިނިވަން ދުވަހާ ގުޅިގެން އަންނަ ބަންދާވެސް އެއްކޮށެވެ. މުޅިއަކު 10 ދުވަސް ޗުއްޓީއަށް ލިބޭނެކަމުގެ ފެހި ކާޑު ލިބުނީއެވެ.

މި ޗުއްޓީ ވެގެންދާނީ ހަމަޔަގީނުން ވެސް ރާއްޖޭގެ މުސްލިމު އަޚުންނާއި އުޚްތުންނަށް ޚާއްސަ ޗުއްޓީއަކަށެވެ. ކޮވިޑް-19ގެ އާލަމީ ވަބާގެ ސަބަބުން އެތައް އުފާތަކަކުން ދުވަސްތަކެއް ވަންދެން މަޙްރޫމް ވެފައި ތިބުމަށް ފަހު، ތެދަށް ބުނަންޏާ މިއީ ގިނަ ބަޔަކަށް "ހިންދަމައިލާން" ލިބޭ ފުރުސަތެކެވެ. ބައެއް މީހުން ސިފަ ކުރާ ގޮތުގައި މިއީ ކޮއްޓަކަށް ލައި ބަންދު ކޮށްފައި ތިބި ދޫނި ތަކެއް، މިނިވަން މާޙައުލަށް ދޫކޮށްލުން ފަދަ ކަމެކެވެ. ހަމަ ޔަގީނުން ވެސް އެތައް ބަޔަކު މި ބޮޑު ޗުއްޓީއަށް އެތައް ކަމެއް ރާވާނެއެވެ.

ނަމަވެސް މި އުފާވެރިކަމުގެ ތެރެއިން ވެސް ވިސްނަންވީ އެއް ކަމެއް އެބައޮތެވެ. ކޮވިޑް-19ގެ ބިރުވެރިކަން އަދިވެސް އަޅުގަނޑުމެންގެ މި ކުޑަ ފަސްގަނޑުން އެއްކޮށް ފިލައިގެން ގޮސްފައި ނުވާކަމެވެ.

ތެދެކެވެ. ކޮވިޑް-19އާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެޅި ވަރަށް ގިނަ ފިޔަވަޅުތަކަށް ވަނީ ލުއި ދީފައެވެ. މާލެ ސަރަޙައްދުތަކަށް އެޅި ކާފިއު ގަޑި އުވައިލައިފިއެވެ. ކެފޭ ރެސްޓޯރަންޓުތަކަށް ގޮސް ޑައިން-އިން ކުރުމުގެ ދޮރުތައް ހުޅުވައިލައިފިއެވެ. މީގެ އިތުރުން ވެކްސިންގެ ދެ ޑޯޒް ޖަހައިފައި ތިބި މީހުންނަށް 14 ދުވަސް  ކަރަންޓީނު ވުމަކާ ނުލައި ދަތުރު ކުރުމުގެ ފުރުސަތު ދީފިއެވެ. ކޮވިޑް ޖެހި، ދެ މަސް ނުވާނަމަ ވެސް ކަރަންޓީނު ވާކަށް ނުޖެހެއެވެ. އަދި މޮނީޓަރިންގައި ނެތް އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުމުގެ ހުއްދަ ވެސް ދީފައިވާއިރު، 18 އަހަރުން ދަށުގެ (ވެކްސިން ނުޖެހޭ) ކުދިންވެސް ކަރަންޓީނު ވުމަކާ ނުލައި ދަތުރު ކުރެވޭނޭ ހުއްދަ އެޗްޕީއޭއިން ވަނީ ދީފައެވެ.

މި ހުރިހާ އުފާވެރި ޚަބަރަކާ އެކު ވެސް ރޭގައި އެޗްޕީއޭއިން އަނެއްކާ ވެސް ވަނީ، ރައްޔިތުން މާޔޫސް ވާނެ ޚަބަރެއް ދީފައެވެ. ޗުއްޓީ ލިބުނަސް ޢީދު ކުޅިވަރާއި މުބާރާތްތައް އެންގި އެންގުމުން ޒުވާނުން ރާވަމުން ދިޔަ އެތައް ޙަރަކާތްތަކަށް ވަނީ ފަނޑުކަން އައިސްފައެވެ. އެގޮތުން އީދު ބަންދާއި ޗުއްޓީގައި ދަތުރުކުރުމާއި އެކިއެކި ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ކޮވިޑް-19އިން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އަންގައި އެޗްޕީއޭއިން ރޭގައި ނެރުނު އެންގުމުގައި ބުނެފައި ވަނީ ދަތުރުކުރުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގައި ހިފެހެއްޓުމަށް އިލްތިމާސް ކުރާ ކަމަށެވެ. ކުޅިވަރުތައް ބޭއްވުމާ ގުޅޭގޮތުން އިތުރަށް ތަފްސީލު ކޮށްދެމުން އެޗްޕީއޭއިން ބުނެފައި ވަނީ ގިނަ މީހުން އެއްވެގެން ބާއްވާ ހަރަކާތްތައް ނުބޭއްވުމާއި އީދު ފާހަގަކުރުމަށް ވެސް ގިނަ މީހުން އެއްވެ ނޫޅެވޭ ފަދަ ހަރަކާތްތައް އިހްތިޔާރުކުރުމަށެވެ. އަދި އެއް ރަށުން އަނެއް ރަށަށް މީހުން އައިސްގެން ބާއްވާ ހަރަކާތްތައް ނުބޭއްވުމާއި ކުޅިވަރު މުބާރާތްތައް ނުބޭއްވުމަށް ވެސް އެ އެންގުމުގައި އަންގައިފައިވެއެވެ.

ޢީދު އަޔަސް، ނުވަތަ ބޮޑު ޗުއްޓީއެއް އަޔަސް ކޮވިޑް-19ގެ އާލަމީ ވަބާ އަހަރުމެންގެ ތެރެއިން އަދި އެއްކޮށް ފިލައިގެން ނުދާކަމީ ޤަބޫލު ކުރަން ޖެހޭ ކަމެކެވެ. ފައްސި ވަމުން އަންނަ އަދަދުތައް މިވަގުތު ކޮންޓްރޯލު ވެފައިވީ ނަމަވެސް، އެ އަދަދުތައް އެފަދައިން ހިފެހެއްޓޭނީ ކޮންމެ މީހަކު ވެސް ފަރުދީ ޒިންމާ އަދާކޮށް، އުސޫލުތަކާއި ޤަވާއިދުތަކަށް ބޯލަނބައިގެންނެވެ. މަގުމަތީގައި އުޅޭއިރު އަދި ވައިގެ މަގުންނާއި ކަނޑު މަގުން ދަތުރުކުރާއިރު ވެސް ރަނގަޅަށް މާސްކް އަޅާ ތިމާއާ އެއްކޮށް ދިރިއުޅޭ މީހުން ފިޔަވައި އެހެން މީހުންނާ މަދުވެގެން 3 ފޫޓުގެ ގައިދުރުމިން ބެހެއްޓުމަށް އަަދިވެސް ސަމާލުކަމެއް ދިނުން މުހިންމެވެ.

ރައްކާވެ ތިބިއްޔާ ދަތުރެވެ!

 

  1. ސަރަނގު

    ކޮންމެހެން ކަމެއް ރާވަންޖެހޭތަ؟؟ ފަސްވަގުތު ނަމާދުކުރަން ރޭވިފައޮތީ ދުނިޔެއަށް ފޮނުއްވި އިރުވެސް. އެކަންތައް ކުތެވޭތަ؟ ކޮންކަމެއްހޯ ރާވާފަ އޮތީ. މީހަކު ފޫއްސެއްނުވާނެތަ؟