ވިޔަފާރި

"އުރީދޫ އަތޮޅު ދުވުން" އަންނަ މަހުގައި، ބައިވެރިވާން ތައްޔާރުތަ؟

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އުރީދޫ މޯލްޑިވްސްއިން އުރީދޫ "އަތޮޅު ދުވުން" 2021 އިއުލާނުކޮށް ބައިވެރިން ރެޖިސްޓަރވުމުގެ ފުރުސަތު އޮންލައިން ޕޯޓަލް މެދުވެރިކޮށް މިއަދު ހުޅުވައިލައިފިއެވެ.

Ads by STELCO

ރާއްޖޭގައި ބޭއްވި ފުރަތަމަ ނޭޝަންވައިޑް ވަރޗުއަލް ރަން "އުރީދޫ އަތޮޅު ދުވުން" ފުރަތަމަ ފެށިގެންދިޔައީ 2020ވަނަ އަހަރު އެ ކުންފުނީގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި ހިސާބުތަކުން 5،000 އަށްވުރެ ގިނަ ބައިވެރިންނާ އެކުއެވެ. މި އަހަރު އެކުންފުނީގެ 16ވަނަ އަހަރީ ދުވަހުގެ މުނާސަބަތާ ގުޅިގެން ކުރިއަށް ގެންދާ ހާއްސަ ހަރަކާތްތަކުގެ ތެރެގައި އިތުރު ފުރިހަމަކަމާ އެކު މި ވަރޗުއަލް ރަން ބާއްވަން ހަމަޖެހިފައި ވަނީ މި ރަންއަށް ލިބިފައިވާ ބޮޑު ތަރުހީބާ އެކު ދުރުގައި ތިއްބެވި ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭނެ އިވެންޓަކަށް ވާތީއެވެ.

މި އަހަރުގެ ރަންގައި 5 ކިލޯމީޓަރުގެ އިތުރުން، އަލަށް ތައާރަފް ކުރެވުނު 10 ކިލޯމީޓަރގެ ކެޓެގަރީއަށް ރެޖިސްޓަރވުމުގެ ފުރުސަތު ވެސް ވަނީ މިހާރު ހުޅުވައިލައިފައެވެ. ދެ ކެޓެގަރީގައި ބައިވެރިވުމަށް ބޭނުންފުޅުވާ ދުވުންތެރިން ދެކެޓެގަރީއަށް ވަކިން 27 ޖުލައި 2021 ދުވަހުގެ ހަވީރު 6ގެ ކުރިން ރެޖިސްޓަރވެ މުޅިއަކު 15 ކިލޯމީޓަރު ފުރިހަމަކުރަން ޖެހެއެވެ. މި ދުވުމަކީ، އެކަނި ވިޔަސް އަދި އާއިލާއާއި ރައްޓެހިންނާއެކުގައި ވެސް، ގައިދުރުކަމާ އެކު ބައިވެރިވެ މަޖާ ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ އިވެންޓެކެވެ. 5 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ވެސް ބައިވެރިވެވޭ މި ދުވުމުގައި ބައިވެރިވާ ފަރާތްތައް، 1 އޯގަސްޓްއާއި 7 އޯގަސްޓްއާ ދެމެދުގެ ކޮންމެ ވަގުތެއްގައި ވެސް ދުވުން ފުރިހަމަ ކުރެވޭނެއެވެ.

"އަތޮޅު ދުވުން އަޅުގަނޑުމެން ފުރަތަމަ ބާއްވައިފައި ވަނީ އުރީދޫގެ އަހަރީ ދުވަހާ ގުޅިގެން މިދިޔަ އަހަރު. ވަރޗުއަލް ރަންއެއްގެ ގޮތުގައި މި ރަން އަޅުގަނޑުމެން ފަރުމާކޮށްފައި މިވަނީ ޕެންޑެމިކްއާ އެކު އެންމެން އެއްތަން ވެގެން އުޅެވެން ނެތުމުގެ ސަބަބުން. އަތޮޅު ރަންގެ މައިގަނޑު މަޤްސަދަކީ ކުޅިވަރު މެދުވެރިކޮށް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރޫހު ދައްކައިދިނުން. އެއް އިވެންޓެއްގައި އެކި ކަންކޮޅުތަކުން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމުން މި ދުވުމަށް ވަރަށް ހޫނު ތަރުހީބެއް ލިބިގެން ދިޔަ. އެހެންކަމުން މި އަހަރު އުރީދޫގެ 16 ވަނަ އަހަރީ ދުވަހާ ގުޅިގެން މި ފުރުސަތު އަޅުގަނޑުމެން މި ހުޅުވައިލަނީ އަޅުގަނޑުމެންގެ ކަސްޓަމަރުންނާ އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ އުއްމީދުގައި." ޗީފް ކޮމަރޝަލް އޮފިސަރ، ހުސެން ނިޔާޒް ވިދާޅުވިއެވެ.

ރެޖިސްޓްރޭޝަން ފުރިހަމަ ކުރުމުން ޑިޖިޓަލް ބިބް އަދި ކޮންފަރމޭޝަން މެސެޖެއް ލިބިވަޑައިގަންނަވާނެއެވެ. ރެޖިސްޓަރކުރައްވާފައިވާ ދުވުންތެރިން، އެބޭފުޅެއްގެ ދުވުން ސްޓްރާވާ އެޕް، ގާމިން ކަނެކްޓް، ރަންޓާސްޓިކް، ނައިކް ރަން ކްލަބް ނުވަތަ ރަންކީޕަރ އެޕްލިކޭޝަން މެދުވެރިކޮށް ޓްރެކްކޮށް، ނިންމައިފައިވާ ރަން ރޫޓްގެ ސްކީންޝޮޓް، ކޮންފަރމޭޝަން މެސެޖާ އެކު ލިބުނު ލިންކަށް އަޕްލޯޑް ކުރުމުން ޑިޖިޓަލް މެޑަލެއް ލިބިވަޑައިގަންނަވާނެއެވެ. ފިސިކަލް މެޑަލް ބޭނުންވާ ފަރާތްތަކަށް ކުޑަ އަގަކާ އެކު މޫލީ މެދުވެރިކޮށް އަޕްގްރޭޑްކޮށްލުމުން ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރި ނަމަވެސް ހިލޭ ޑެލިވަރ ކޮށްލަދޭނެއެވެ.

މުޅި ރާއްޖެއާއި ރާއްޖެއިން ބޭރުން ވެސް ބައިވެރިވުމަށް ހުޅުވައިލެވިފައިވާ މި ދުވުމަށް ޝައުގުވެރިވާ އެންމެހާ ފަރާތްތަކުން ބައިވެރިވުމަށް އުރީދޫއިން މަރުހަބާ ކިޔައެވެ. މި ވަރޗުއަލް ދުވުމުގެ އިތުރު މަޢުލޫމާތު އުރީދޫ ވެބްސައިޓުން އަދި އުރީދޫ މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޕޭޖްތަކުން ލިބިގެން ދާނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!