ޝަފީއު ގެއްލުނުތާ ހަތަރު އަހަރު: ސަރުކާރުން ހަނދާން ނައްތައިލިޔަސް، އާއިލާގެ ލޮލުން ކަރުނަ ނުހިކޭ!

ޝަފީއު "ގެއްލުނު" ރޭ، ކަން ހިނގައި ދިޔައީ ކިހިނެއް؟
ޝަފީއު ގެއްލިފައި ވަނީ 2017 ވަނަ އަހަރު ޖުލައި މަހުގެ 14 ވަނަ ދުވަހުގެ ރޭ 9:30 ހާއިރެވެ. އޭނާ ގެއްލިފައިވާކަން ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ އެރޭ 10:30 ހާއިރުއެވެ. ފުލުހުންނަށް ރިޕޯޓު ކުރީ، އޭނާއަކީ އާންމުގޮތެއްގައި އެފަދައިން ރޭގަނޑު ބޭރުތެރޭގައި އުޅޭ މީހަކަށް ނުވުމުން ކަމަށް ވެސް މައުލޫމާތު ލިބެއެވެ. ޝަފީއުގެ އަނބިމީހާ އައިޝަތު ނަޝީދާ އެ ރެއާ ބެހޭ ގޮތުން އެ އިރު ނޫސްތަކަށް މައުލޫމާތު ދެމުން ބުނެފައި ވަނީ، އެ ރޭ ޝަފީއު ގެއިން ނިކުތީ އޭނާގެ މަންމަގެ ގެއަށް ދަނީ ކަމަށް ބުނެ ކަމަށެވެ. ބޭރަށް ދިޔައިރު އޭނާ ދިޔައީ ފޯނާއި ވޮލެޓު ގޭގައި ބާއްވައިފައި ކަމަށް ވެސް ނަޝީދާ ބުނެފައިވެއެވެ. ނަމަވެސް އަނބިމީހާގެ ގެއިން ނިކުމެގެން ދިޔަފަހުން ޝަފީއުގެ މަންމައަށް ގުޅުމުން އެ ގެއަށް އޭނާ ނުދާކަން އެނގުނު ކަމަށާއި އޭނާ ދަންނަ އެހެން މީހުންނަށް ވެސް ގުޅައި އެހުމުން އޭގެން އެކަކަށް ވެސް ޝަފީއު ފެނިފައިނުވާކަމަށް ބުނުމުން ހާސްވި ކަމަށް ވެސް ނަޝީދާ އެއިރު ބުނެފައިވެއެވެ. އެ ރެއަށް ފަހު ޝަފީއު ހޯދުމުގެ މަސައްކަތް އެންމެ ގަދައަޅާ ކުރީ އޭނާގެ އާއިލާއެވެ. ރެއާއި ދުވާލު އަދި ދަންވަރުގެ ވަގުތުގައި ވެސް ޝަފީއު ހޯދުމުގެ މަސައްކަތް ކުރިއެވެ. ރަށުގެ ރައްޔިތުންގެ އިތުރުން ފުލުހުންނާއި އެމްއެންޑީއެފްއިން ވެސް ޝަފީއު ހޯދުމުގައި އެހީތެރިވިއެވެ. ނަމަވެސް އެރެއިން ފެށިގެން އަދި މިހާތަނަށް ވެސް ޝަފީއުގެ އެއްވެސް ޚަބަރެއް ނުވުމަކީ ހިތާމަ ހުރި ކަމެކެވެ.
ގެއްލުނު މައްސަލަ ރިޔާސީ ކޮމިޝަނަށް ހުށަހެޅި، އަނބިމީހާއަށް ތުހުމަތުތަކެއް!
ލޯމަތިން ޝަފީއު ގެއްލުނު ކަމުގައި ވިޔަސް، އޭނާ އަލުން ފެންނާނެކަމަށް އިންތިޒާރު ކުރުން އެ އާއިލާއިން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ހުއްޓައެއް ނުލައެވެ. ޝަފީއު ހޯދުމުގެ މަސައްކަތް އެއްވެސް ކޮޅަކުން ނުޖެހި، ނާއުންމީދު ވެފައި ވަނިކޮށް، އެ އުންމީދަށް ކުޑަކޮށް ވެސް އަލިކަމެއް އަނެއްކާ ވެސް ލިބުނީ "ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަ ތަހުގީގު ކުރަމުންދާ ރިޔާސީ ކޮމިޝަނަށް" މި މައްސަލަ އާއިލާގެ ފަރާތުން ހުށަހެޅުމުން، 2019 ވަނަ އަހަރު އެ ކޮމިޝަނުން މި މައްސަލަ ބަލަން ފެށުމުންނެވެ. މައްސަލައިގައި އޭރު ސުވާލު ކުރި ގޮތާއި ކަން ހިނގައި ދިޔަ ގޮތް އާއިލާގެ ފަރާތުން "ދެން"އަށް ހިއްސާ ކުރަމުން، ޝަފީއުގެ އެއްބަނޑު ކޮއްކޮއެއް ބުނީ، ކޮމިޝަންގެ ޓީމެއް އެ ރަށަށް އެއިރު ދިޔަ ކަމަށާއި ޝަފީއު ގެއްލުނު ރޭ ކަންކަން ވެގެންދިޔަ ގޮތް ވެސް އޮޅުން ފިލުވި ކަމަށެވެ. އަދި ޝަފީއުއާ ބެހޭގޮތުން ސުވާލު ކުރި ކަމަށް ވެސް ބުންޏެވެ. "އަހަރުމެން ބުނިން ބޭބެއަކީ ވަރަށް ރަނގަޅު، ވަރަށް އެކުވެރި މީހެކޭ އެންމެންނާ ވެސް. އާއިލާ އެންމެންނަށް ވެސް ވަރަށް އޯގާތެރި މީހެކޭ. މަޑުމައިތިރިކޮށް ހުންނަ އަޚްލާގު ރަނގަޅު މީހެކޭ. ގެއްލުނު ދުވަހުގެ ހަވީރުކޮޅު ބޭބެގެ ދޮންދަރިފުޅު ގޮވައިގެން ފިހާރައަކަށް ދިޔަ ކަމަށް ވެސް ބައެއް މީހުން ބުނި. އެވާހަކަތައް ވެސް ކިޔައިދިނިން. ދެން ބޭބެގެ އަންހެނުން ބުނި ވާހަކައާއި ގެއްލިއްޖެ ކަމަށް ކަނޑައަޅައިފައި ބުނި ބަސްތައް ވެސް ކިޔައިދިނިން" ޝަފީއުގެ ކޮއްކޮ ބުންޏެވެ. ޝަފީއު ގެއްލުމާ ގުޅިގެން އޭނާގެ އަނބިމީހާ ނަޝީދާގެ މައްޗަށް އެ އިރު ވަނީ ގިނަ ތުހުމަތުތަކެއް އުފުލިފައެވެ. އޭގެ ސަބަބު ވެސް އާއިލާގެ ފަރާތުން ވަނީ ވަރަށް ތަފްސީލުކޮށް ކިޔައިދީފައެވެ.އެ ގޮތުން އެންމެ ފުރަތަމަ ޝައްކެއް ކުރެވުނީ، ޝަފީއު "ގެއްލިއްޖެ" ކަމަށް ނަޝީދާ މާ އަވަހަށް ނިންމުމުންނެވެ.
ނަޝީދާ އެ އިރު އެ އާއިލާއާއި ފުލުހުންނަށް އަދި އޮންލައިން ނޫހަކަށް ވެސް މައުލޫމާތު ދީފައިވާ ގޮތުގައި ޝަފީއު އެގެއިން އެންމެ ފަހުން ނުކުތީ އެރޭ 9:30 ހާއިރެވެ. އެއިރު ނިކުތީ "މަންމަ ގެއަށް ގޮސްފަ އެބަ އަންނަމޭ" ބުނެ ގޭގައި ޝަފީއުގެ ވޮލެޓާއި ފޯނު ވެސް ބާއްވައިފައި ކަމަށް ނަޝީދާ ބުނެފައިވެއެވެ.
ނަމަވެސް އޭގެ ގާތްގަނޑަކަށް އެއް ގަޑިއިރު ފަހުން ނަޝީދާ ވަނީ ޝަފީއުގެ މަންމަ އަށާއި އާއިލާގެ އެކި މީހުންނަށް ފޯނުކޮށް، ޝަފީއު "ގެއްލިގެން" އުޅޭކަމަށް ބުނެފައެވެ.
"10:30 ހާއިރު ވާނީ، މަންމައަށް ގުޅާފަ ބުނި މިއުޅެނީ ބޭބެ ގެއްލިގެންނޭ ތި ގެއަށޭ ކިޔާފައޭ ދިޔައީ އެބަހުރިހޭ. އަހަންނަށް ވެސް ގުޅާފަ ހަމަ އެހެން ބުނީ. ގެއިން ނިކުތީ ކިހާ އިރަކުތޯ އެހީމަ ބުނީ 9:30 ގައޭ. ގެއިން ނިކުތްތާ އެންމެ އެއް ގަޑިއިރު ތެރޭ ބޭބެ ގެއްލުނީކަން އެންގި އެގޮތަށް ނިންމައިގެން ވާހަކަ ދެއްކީމަ، ގޯހެއް އުޅޭހެން ހީވި" އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
އޭގެ އިތުރުން ދެން ޝައްކުވީ ބޭރަށް ނުކުތީ ގޭގައި ފޯނާއި ވޮލެޓު ވެސް ބާއްވައިފައި ކަމަށް ބުނުމުންނެވެ. ބޭރަށް ނިކުންނައިރު ފޯނާއި ވޮލެޓާއި ދޭތި ވެސް ބާއްވައިފައި ގޮސްފާނެކަމަށް އާއިލާއަށް ވަރަށް ޤަބޫލު ނުކުރެވެއެވެ. ޝަފީއު ގެއްލިއްޖެ ކަމަށް ބުނުމުން ފުލުހުންނަށް އެންގުމެއް އޭނާގެ މަންމަ އެންގުމުން، ޝަފީއުގެ ކޮއްކޮ އެ ވާހަކަ ވެސް ނަޝީދާއާ ހިއްސާ ކުރިއެވެ.
"އަހަރުމެންގެ ބޭބެ ކަމުގައި ވިޔަސް، އޭނަގެ ފިރިމީހާ ވީމަ ފުރަތަމަ އޭނަ ކައިރީގައި އެހީ. އެކަމަކު ހީވެސް ނުކުރާފަދަ ޖަވާބެއް ދިނީ."ބުނީ ކަލޭމެންގެ ބޭބެއޭ ކަލޭމެންނަށޭ އެނގޭނީ، ތިމަންނައަކަށް ނޭނގެއޭ މައްސަލަ ހުށަހަޅަންވީ ކަމެއް
ޝަފީއު ގެއްލިގެން ރަށުގެ ގިނަ އަދަދެއްގެ މީހުން އެރޭ ވެސް އަދި އޭގެ އަނެއް ދުވަހު ވެސް ރަށުތެރޭގެ އެކިތަންތަން ބަލައި ހޯދިއެވެ. އާއިލާގެ މީހުންނާއި އެކިއެކި މީހުން، އަދި ފުލުހުންނާއި އެމްއެންޑީއެފް މީހުންވެސް ޝަފީއު ފެނޭތޯ މުޅި ރަށުގައި އަތް ފުނާ އަޅަމުން ދިޔައިރު، އޭނާ "ގެއްލުނު" ކަމަށް އެންމެ ފުރަތަމަ ވެސް އިއުލާނު ކުރި ނަޝީދާ، ޝަފީއު ހޯދުމުގައި އެއްވެސް ވަރަކަށް އަމަލީގޮތުން ބައިވެރި ނުވާކަން ވެސް އާއިލާއިން ފާހަގަ ކޮށްފައިވެއެވެ.
"ބޭބެ ގެއްލިއްޖެ ކަމަށް ނަޝީދާ އެހާ އަވަހަށް ބުނީމަ ޝައްކު ކުރެވުނު ނަމަވެސް، އަހަރުމެން އެ ވަގުތުން ފެށިގެން ވެސް ބޭބެ ފެނޭތޯ މަސައްކަތް ފެށިން. ބޭބެ ހޯދުމުގެ އެއްވެސް މަސައްކަތެއްގަ ނަޝީދާ ނޫޅޭ. ގޭގަ ހަމަ އިނީ. މަންމަ ކައިރިއަށް ވެސް ނާދޭ. މަންމައާ ހަމައަށް ވެސް އައީ ބޭބެ ގެއްލިގެން އެކަމާ ގުޅިގެން އޭނައަށް ޝައްކުތަކެއް ކުރެވެން ފަށައިފިކަން އޭނައަށް އެނގުނު ހިސާބުން އެ ވާހަކަ ދައްކަން އެކަނި" މައުލޫމާތު ދިން ފަރާތުން ބުންޏެވެ.
ގެއްލިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ސުވާލުތަކެއް ކުރުމަށް، އެ އިރު ނަޝީދާ ވަނީ އެކޮމިޝަނަށް ހާޒިރުކޮށްފައެވެ. އެކަމާ ގުޅޭގޮތުން ނަޝީދާގެ އާއިލާ މީހަކު ދެ ނޫހަކަށް މައުލޫމާތު ދެމުން ބުނީ ފުވައްމުލަކުން މާލެ އައިސް އެއާޕޯޓުގައި ހުރެ ކޮމިޝަނަށް ގުޅުމުން އެވަގުތު ހާޒިރުވާން އެންގެވި ކަމަށާއި ވަކީލަކާ ވެސް ނުލައި ހަ ގަޑިއިރު ވަންދެން އެ ކޮމިޝަންގައި ނަޝީދާ ސުވާލު ކުރުމަށް ބޭންދި ކަމަށެވެ. އަދި އެ ކޮމިޝަނުން ބުނާ ގޮތަށް ބަޔާން ނުދެނީސް ނަޝީދާ ދޫކޮށްނުލާނެ ކަމަށް ކޮމިޝަނުން ބުނެ މަޖުބޫރުކުރި ކަމަށް ވެސް އާއިލާ މީހާ މައުލޫމާތު ދިން ކަމަށް ވެއެވެ. ޗާޓެއް ދައްކައިފައި ޝަފީއު ވަޅުލައިފައި އޮތީ ކޮންތާކުތޯ ދެއްކުމަށް އެ ކޮމިޝަނުން މަޖުބޫރުކުރާ ފަދަ ގޮތަކަށް ނަޝީދާ މައުލޫމާތު ދިން ކަމަށް ވެސް އެއިރު ޝާއިއު ކުރި ބައެއް ޚަބަރުތަކުގައިވެއެވެ.
އެކަމާ ގުޅޭގޮތުން އެހެން އޮންލައިން ނޫހަކުން އެ އިރު އެ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދުއާ ސުވާލު ކުރުމުން އޭނާ ވިދާޅުވީ އެއްވެސް ގޮތަކަށް މަޖުބޫރެއް ކޮށްފައި ނުވާނެ ކަމަށާއި ނަޝީދާ ހާޒިރު ކުރެވުނީ މައުލޫމާތެއް ސާފު ކުރުމަށް ކަމަށާއި އެކަން ނިމުމުން އަނބުރާ ރަށަށް ފޮނުވައިލައިފައިވާ ކަމަށެވެ.
"މަޖުބޫރު ކުރާނީ ކިހިނެއްތޯ؟ މަޖުބޫރެއް ނުކުރަން އެއްވެސް ގޮތަކަށް. އޭނާ ހާޒިރު ކުރެވުނީ އެމައްސަލައާ ގުޅޭގޮތުން މައުލޫމާތެއް އޮޅުން ފިލުވުމަށް. އާދީއްތަ ދުވަހު ހާޒިރުކޮށްފަ ދެވަނަ ފަހަރަކަށް އިއްޔެ ވެސް ހާޒިރު ކުރިން. އަދި ހަމަ އިއްޔެގެ ވަގުތެއްގަ އޭނަ ވަނީ އަނބުރާ ރަށަށް ފޮނުވާލާފަ. މައުލޫމާތު ސާފު ކުރުމަށް އެކަނި އޭނާ ހާޒިރު ކުރެވުނީ" ސުއޫދު ވިދާޅުވެފައިވެއެވެ. ނަޝީދާއަށް ޗާޓެއް ދެއްކުމާ ގުޅޭގޮތުން ސުއޫދު އެއްވެސް މައުލޫމާތެއް ދެއްވައިފައެއް ނުވެއެވެ.
އޮންލައިން ނޫހަކަށް އެ އިރު މައުލޫމާތު ދެމުން ނަޝީދާ ބުނީ، އޭނާގެ އާއިލާގެ މީހަކު ނޫހަކަށް މައުލޫމާތު ދީފައިނުވާނެ ކަމަށާއި ނޫސްތަކުން ޚަބަރު ލިޔަނީ ކިހިނެއްކަމެއް ނޭނގޭ ކަމަށެވެ.
މީގެ އިތުރުން ރިޔާސީ ކޮމިޝަނުން އޭނާއަށް ތުހުމަތު ނުކުރާ ކަމަށް ވެސް ނަޝީދާ ބުންޏެވެ. ނަމަވެސް ޗާޓެއް ދެއްކި ކަމަށް ނަޝީދާ ވެސް ބުނެފައިވެއެވެ.
"އަޅުގަނޑު ކޮމިޝަނަށް ހާޒިރުކޮށްފަ ސުއޫދު އެތަނަށް ވަޑައިގަތް. ވަޑައިގެންފަ ޗާޓެއް ދައްކާފަ ބުނި ގެ ފާހަގަ ކުރުމަށް. އަދި ގެ ކައިރީގަ އޮތް ފަޅު ގޯއްޗެއް ދައްކާފަ، އެތަނުގައި ޝަފީއު ވަޅުލާފަ އޮތް ތަން ދެއްކުމަށް ސުއޫދު ވިދާޅުވި. އަޅުގަނޑު ބުނިން ޝަފީއު ވަޅުލާފަ އޮތްތަން އަޅުގަނޑަކަށް ނޭނގެއޭ އެހެންވީމަ ކިހިނެއްހޭ ދައްކާނީ. ދެން ފޮނުވާލީ. ދެވަނަ ދުވަހު ހާޒިރުކޮށްފަ ދެންނެވި އަސްލުގަ އަޅުގަނޑު ހާޒިރުކުރީ ތުހުމަތެއް ކޮށްގެނެއް ނޫން ކަމަށް، އެކަމަކު އަޅުގަނޑަކީ ޝަފީއުގެ އަނބިމީހާއަށް ވެފަ، އެންމެ ފަހުން ޝަފީއު ފެނުން މީހާ ކަމަށް ވެސް ވާތީ ހާޒިރުކުރީ ކަމަށް ވިދާޅުވީ" ނަޝީދާ ބުންޏެވެ.







ކޮމެންޓް