އީދު ދުވަހު ހަވީރު މާލެ ސިޓީގައި އެއްގަމު އުޅަނދު ދުއްވުން މަނާ

މި އަހަރުގެ ބަރަކާތްތެރި އަޟްހާ ޢީދު ދުވަހަކީ މާލެ ސިޓީގެ ރައްޔިތުން ހަމަޖެހިލައިގެން އުފާ ފާޅުކޮށްލައި ހިތްހަމަ ޖައްސައިލައި އުޅޭ ދުވަހަކަށް ހެދުމަށް ޓަކައި އެ ދުވަހު ހަވީރު ވެހިކަލް ދުއްވުން މަނާ ކޮށްފިއެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ނެރުނު އިއުލާނެއްގައި ބުނީ އަންނަ އަންގާރަ ދުވަހު ހަވީރު 4:00 އިން ރޭގަނޑު 8:00އަށް މާލެ ސިޓީގައި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ ކަމަށެވެ. އެހެންކަމުން މިވަގުތުގައި އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ހުއްދަ ނުލިބޭ އުޅަނދެއް ދުއްވާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ވެސް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެއެވެ.
ވެހިކަލް މަނާ ގަޑީގައި އިސްތިސްނާވާ އުޅަނދުތައް:
▪︎ ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމުއުޅަނދު
▪︎ އެމްބިއުލެންސް
▪︎ ފުރާމީހުން ބޭނުންކުރުމަށް ހުއްދަދެވޭ އުޅަނދު
▪︎ ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ހާއްސަކުރެވިފައިވާ އުޅަނދު
▪︎ ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ދެމުންގެންދާ ބަހުގެ ޚިދުމަތް
▪︎ އެދުވަހުގެ އެ ގަޑީގައި ދުއްވުމުގެ ހުއްދަދެވޭ އުޅަނދު
މިއެންގުމާ ޚިލާފްވާ ފަރާތްތައް 2009/5 (އެއްގަމުދަތުރުފަތުރުގެ ޤާނޫނު) ގެ 67 އަދި 68 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެކަމުގައި ޓްރާންސްޕޯޓް އޮތޯރިޓީން ބުނެއެވެ.