ލުއި ޚަބަރު

މިފަހަރު ބޮޑު އީދު ކުޅިވަރު އޮތީ ކުލަބް ހައުސްގައި !

އާމިނަތު ސަަޒްރާ

އަޟްހާ ޢީދު ނުވަތަ ބޮޑު އީދަކީ އެއްގޮތަކުން ބުނާ ނަމަ "ތަނެއް ފަޅައިލައިފައި ވެސް" ރަށަށް ނުގޮސް ނުވާ އީދެކެވެ. ހައްޖު ދުވަހުގެ އިރު އޮއްސު މާއެކު ބޮޑު އީދު ފެށުނީއެވެ. ފިރިހެންވެރިން އީދު ބަޑި ރޯކުރަން ތައްޔާރުކުރަން ދާއިރު އަންހެންވެރިން ވަންނަނީ ބަދިގެއަށެވެ. އީދު ދުވަހު ހެނދުނަކީ ކައްކާނެ ވަގުތެއް ވާނެ އިރެއް ނޫނެވެ. ނަމާދުކޮށްގެން ކުޅިވަރު ފެށުނީއެވެ. ކުޅިވަރު ނިމޭނީ އީދު ފަސް ދުވަހަށް ފަހުއެވެ. މާލެ އަންނައިރު ގައިގެ ކުލައިން ވެސް އީދު ފާހަގަ ކުރިކަން އެނގޭނެއެވެ. ވާނީ ވެސް އެހެން ނޫން ހެއްޔެވެ. ކުޅިވަރުގެ ސަބަބުން ގެއަށް ވަންނާނެ ވަގުތެއް ނުވާނެއެވެ.

އެހެން ނަމަވެސް ހާލަތު ބަދަލުވެއްޖެއެވެ. ޓެކްނޮލޮޖީގެ ސަބަބުންނެވެ. ކޮވިޑް19ގެ ސަބަބުންނެވެ. ކޮވިޑް19ގެ ސަބަބުން އަދިވެސް ބައެއް ރަށްރަށް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ. ކުޅިވަރު ކުޅުން މުޅިން މަނާ ނޫނަސް އަސްލު މަޖާ ކުރެވޭކަށް ނެތެވެ. އެހެން ނަމަވެސް ދިވެހިންނަކީ ދިވެހިންނެވެ. އެއްގޮތުން ނުވިއްޔާ އަނެއް ގޮތުން ވެސް ދިވެހިންނަކީ ކުރަން ބޭނުންކަމެއް ކުރާނެ ބަޔެކެވެ.

އީދުގައި ރަށުގައި ހުރި ނަމަވެސް ކުޅިވަރެއް ނެތުމުން ފޫހިވެގެން ފޯނު ހާވަން އޮވެފައި "ކްލަބް ހައުސް"އަށް ވަދެލީ "ވާނުވާ" ބަލައިލާށެވެ. ކުލަބްހައުސްއަށް އޮތީ ބޮޑު އީދު އައިސްފައެވެ. އީދު މުބާރިކް ކިޔާ ގުރޫޕްތަކެވެ. ފެންކުޅި ކުޅޭ ގުރޫޕްތަކާއި ފަންމާލި ހަދާ ގުރޫޕްތަކުން ކުލަބް ހައުސް އޮތީ ގުގުމައިލައިފައެވެ.

ގުރޫޕަކަށް ބޯ ދިއްކޮށްލިތަނާ ގޮވައިލިއެވެ. މިއީ ފަންމާލި ހަދާ ގުރޫޕެކޭ ބުނެ މަރުހަބާ ކިޔެވެ. ރަނގަޅަށް ބަލާލި އިރު މިއީ ކޮވިޑް19ގެ ސަބަބުން މޮނިޓަރިންގައި އޮތް ރަށެކެވެ. ކުޅިވަރު ކުޅުން މަނާވެފައި އޮތުމުން މިފަހަރު ފަންމާލި ހެދުން އޮތީ ކުލަބް ހައުސްގައެވެ. އެމީހުން ބުނި ގޮތުގައި އެގަޑިއަކީ އެމީހުން ފަންމާލި ހަދާ ގަޑިއެވެ. ވަންނަ ކޮންމެ މީހަކަށް އީދު މުބާރިކް ކިޔައި، ހާލު އަހުވާލު އަހާ ގުޅައިލައެވެ. ހިތަށް ސިފަވަމުން ދިޔައީ މާލި ހަދަން ގޮސް އުޅޭ އިރު އެކުވެރިކަމާ މަޖާކަމާ އެކު ޖަހާ ސަކަރާތެވެ. ތަފާތަކަށްވީ ހަމައެކަނި އެކި މީހުން އެކި ތަނުގައި ތިބިކަމެވެ. އެކަކަށް އަނެކަކު ނުފެންނަކަމެވެ. ދިވެހިންގެ އެކުވެރިކަމާ އަހުވަންތަކަން އިހްސާސްވެ ދިވެއްސަކަށް ވީތީ ފަހުރުވެރިކަން އިހްސާސްވިއެވެ.

ކަންމިހެން ހުރި ނަމަވެސް ކޮވިޑް19ގެ ބިރުވެރިކަން ކުޑަވެފައި އޮތް ރަށްރަށުގައި މިއަހަރުގެ ބޮޑު އީދު ކުލަގަކޮށް ދަނީ ފާހަގަކުރަމުންނެވެ. ދޮޅު އަހަރަށްފަހު އީދު ކުޅިވަރުގެ އުފާ ލިބިގަންނަ ފަރާތްތަކަށާއި ކްލަބު ހައުސްގައި ޢީދު ފާހަގަކުރާ ފަރާތްތަކަށް ވެސް އީދު މުބާރިކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!