އީދު ކުޅިވަރުގެ ތެރެއިން ރ. މީދޫ ކާފާބެ

ބޮޑު އީދުގައި ރަށްރަށުގައި ތަފާތު ގިނަ ކުޅިވަރުތައް ކުޅެއެވެ. ރޭގަނޑުގެ މާލި ކުޅުމާއި ބޮޑުމަސް ނެރުމުގެ އިތުރުން އަދިވެސް ތަފާތު އެކި ކުޅިވަރުތައް ކުޅެމުންދެއެވެ. އީދުގައި ރާއްޖޭގެ އެކި ރަށްރަށުގައި ކުޅޭ ކުޅިވަރުތައް ތަފާތެވެ. މި ގޮތުން ރ.މީދޫގައި އީދުގައި ކުޅޭ ހާއްސަ ކުޅިވަރެއް ކަމުގައިވާ "ކާފާބެ"އަކީ ވެސް ޚާއްޞަ ކުޅިވަރެކެވެ.
"ކާފާބެ" އަކީ ވަށް ބައްޓަމަށް ހަދާ މާއްޔެކެވެ. ކުޅޭމީހުން ވަކިނުވާ ގޮތަށް ހަދައި، ވައްކޮށް ހަދާފައި ދެފަޔާއި ދެއަތް އަދި ބޮލަށް ވެސް ހިމަކޮށް ދިގުކޮށް ގޯނި އޮޅައިފައި ހުރެއެވެ. އަދި ބޮލުގައި ކޯންއެއްގެ ސިފައަށް މައްޗައް ހިމަކޮށް ހަދާފައި ކޮޅަށް ކުޑަ ރުކެއް ޖަހައިފައި ހުރެއެވެ. އަދި މޫނުމަތީގައި މާސްކެއް އަޅައިފައި ހުރެއެވެ.

"ކާފާބެ ވަށްކޮށް ހަދަން ކުރިން އަހަރުމެން އެޔަށް ލައްވަނީ މަގޫފަތް. މިހާރު ބެޑު ނުވަތަ ސްޕަންޖު ލައްވަނީ.." ކާފާބެ ހަދާގޮތާ ބެހޭ ގޮތުން އެކުވެރިއަކު ކިޔައިދިނެވެ.
ކާފާބެ ކުޅިވަރުގައި ދައްކުވައިދެނީ އޮޑި މޫދަށް ބާލައިގެން މަހަށް ގޮސް ދިވެހިން އިހުގެ މަސްވެރިކަން ކުރާގޮތެވެ. ކާފާބެ ހަދާމީހުން ކާފާބެއަށް ވެގެން ނުކުންނަނީ މަގުމައްޗަށެވެ. ކުޅިވަރު ފެށުމަށް ކާފާބެތައް މަގުމައްޗަށް ނުކުންނާނީ އީދު ފުރަތަމަ ދުވަހުގެ ރޭ 10 ޖަހާއިރުއެވެ. ކާފާބެތައް މަގުމައްޗައް ނުކުމެ ކެޔޮޅު މީހާގެ ގޮވައިލުމަށް އިންތިޒާރު ކުރާނެއެވެ. ދެން ކެޔޮޅު މީހާ ކާފާބެއަށް ގޮވާ އެންދަމާށޭ ބުނީމައި އެންދަމައިގެން ކެޔޮޅު މީހާގެ "ކޮމާންޑާ" އެއްގޮތަށް މަސްވެރިކަން ކުރެއެވެ. އަދި ކިޔެވެލިތައް ކިޔަވައި މޫސުމަށް ބަލައި މަސްވެރިކަން ކުރިއަށް ގެންދެއެވެ.
ކާޕާބެ ކުޅިވަރުގައި ރަށުގެ ޒުވާނުން ބައިވެރިވާއިރު ރަށުގެ ކުދިބޮޑު ރައްޔިތުން ކާފާބެ ބަލަން ދެއެވެ. މިކުޅިވަރަކީ ކާބަފައިންގެ ޒަމާނުންސުރެ އެރަށުގައި ކުޅެމުން އައި ކުޅިވަރުތަކުގެ ތެރެއިން ކުޅިވަރެކެވެ.