ޚަބަރު

ހައެއް ފަހެއްގެ ހަމަލާ: ބައިވެރިވި ހަތަރު މީހަކު ޝަރީއަތް ނިމެންދެން ބަންދު ކޮށްފި

މަރްޔަމް ވަޙީދާ

ކުރީގެ ރައީސް މުޙައްމަދު ނަޝީދުއަށް އަމާޒުކޮށް މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ނިރުބަވެރި ހަމަލާ ރޭވުމާއި ދިނުމުގައި ބައިވެރިވި  ހަތަރު މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

މަޖިލިސް ރައީސް އަވަހާރަކޮށްލަން ބޮމެއް ގޮއްވައިލި މައްސަލައިގައި ނުވަ މީހަކު ހައްޔަރުކުރިއެވެ.

އޭގެތެރޭގައި އެކަމުގައި އަމަލީ ގޮތުން އުޅުނު ކަމަށް ތުހުމަތު ކުރެވެނީ އަދުހަމް އަހުމަދު ރަޝީދު (25އ.)، އާއި މއ. ފޭރުގެ މުޖާޒް އަހްމަދު (21އ.)، އާއި ގއ. ކޮނޑޭ/ ފޮޅޭމާ ތަހުމީން އަހްމަދު (32އ.) އަދި ދަރަވަންދޫއިން ހައްޔަރު ކުރި ލ.ގަން، ދުންފިނި އުފާ، އަހުމަދު ފާތިހު (23އ.) ގެ އިތުރުން ނ. މަނަދޫ/ ނޫރީގެ އަލީ ހައިޝަމްއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި މައްސަލައިގައި ހައްޔަރު ކޮށްފައިވާ މީހުންގެ ތެރެއިން މުޖާޒް އަހުމަދުއާއި ތަހުމީން އަހުމަދުގެ އިތުރުން އަދުހަމް އަހުމަދު ރަޝީދާއި ހައިޝަމްގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ކޮށްފައިވާ ކަމަށެވެ.

ރައީސް ނަޝީދަށް އަމާޒުކޮށްގެން ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހަތަރު މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ވެސް މިއަދު ވަނީ ފޮނުވައިފައެވެ. އެގޮތުން ދައުވާ ކުރުމަށް އެދި ފޮނުވައިފައި ވަނީ އަދުހަމް އަހުމަދު ރަޝީދާއި، މުޖާޒް އަހްމަދާއި، ތަހުމީން އަހްމަދާއި، އަހްމަދު ފާތިހުގެ މައްޗަށް ކަމަށް ޕީޖީ އޮޮފީހުގެ މީޑިއާ އޮފިޝަލު ވިދާޅުވެފައިވެއެވެ.