ދީން

ކިތަންމެ ބޮޑު ބާރެއް ލިބުނަސް، ﷲއަށް އީމާން ނުވާ ނަމަ އެއީ ހަޤީޤީ ބާއްޖަވެރިކަމެއް ނޫނެވެ.: ޚުތުބާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިއަދުގެ ހުކުރު ޚުތުބާ ޚާއްސަ ކޮށްފައި ވަނީ ޙަޤީޤީ ބާއްޖަވެރިކަމުގެ މައްޗަށެވެ.

Ads by STELCO

މިއަދުގެ ޚުތުބާގައި ވިދާޅުވެފައި ވަނީ މި ދުނިޔޭގައި ކޮންމެ މީހަކު ވެސް އެންމެ ބޮޑަށް މަސައްކަތް ކުރަނީ ބާއްޖަވެރި ދިރިއުޅުމެއް ހޯދުމަށް ކަމަށެވެ. އަދި ބާއްޖަވެރިކަން މާނަ ކުރުމުގައި މީހުންގެ ވިސްނުން ތަފާތުވާކަން ވެސް ޚުތުބާގައި ފާހަގަ ކުރައްވައިފައިވެއެވެ.

"އެއްބަޔަކު ދެކޭ ގޮތުގައި ބާއްޖަވެރިކަމަކީ މުއްސަނދިކަމެވެ. ނުވަތަ އެންމެ ބޭނުންވާ އެއްޗެއް ހާސިލުވުމެވެ، ނުވަތަ މަތީ މަގާމަކާ ހަމައަށް ވާސިލުވުމެވެ. ނުވަތަ އެކި ރޮނގުރޮނގުން ކާމިޔާބީތައް ހާސިލުވުމެވެ." ޚުތުބާގައި ވިދާޅުވެފައިވެއެވެ.

ނަމަވެސް އުފެދޭ ސުވާލަކީ ބާއްޖަވެރިކަމަކީ ހަމައެކަނި މިއީ ހެއްޔެވެ؟ ބާއްޖަވެރިކަމަކީ މުދާވެރިވުން ކަމުގައި ވީނަމަ، ޤާރޫނަކީ އެންމެ ބޮޑު ބާއްޖަވެރިޔާއަށް ވާނެ ނޫން ހެއްޔެވެ؟ ނަމަވެސް ޤާރޫނާ ބެހޭގޮތުން މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

"ހަމަކަށަވަރުން ޤާރޫނަކީ މޫސާގެފާނުގެ ޤައުމުގެ ތެރެއިންވީ މީހެކެވެ. ފަހެ، އޭނާ އެއުރެންގެ މައްޗަށް ބޮޑާވެގަތެވެ. އަދި ތިމަންރަސްކަލާނގެ އޭނާއަށް ގިނަވެގެންވާ (މުދާތަކުގެ) ޚަޒާނާތައް ދެއްވީމެވެ. ހަމަކަށަވަރުން ވަރުގަދަ ޖަމާޢަތެއްގެ މީހުންނަށް، އެ ޚަޒާނާތަކުގެ ތަޅުދަނޑިތައް އުފުލުންވީ ބުރަވެފައެވެ. އޭނާގެ ޤައުމުގެ މީހުން އޭނާއަށް ބުނި ހިނދެވެ. (ކިބުރުވެރިވުމުގެ ގޮތުން) އުފާ ނުކުރާށެވެ! ހަމަކަށަވަރުން، ބޮޑާވުމުގެ ގޮތުން އުފާކުރާ މީހުން ދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވެއެވެ."

ދުނިޔެމަތީގައި ކިތަންމެ ބޮޑު ބާރެއް، މަތިވެރި ޖާހެއް ލިބުނަސް، ﷲ އަށް އީމާން ނުވާނަމަ އެއީ ހަޤީޤީ ބާއްޖަވެރިކަމެއް ނޫނެވެ.

ހަޤީޤީ ބާއްޖަވެރިކަމަކީ، އަޅާ، ﷲއަށް އީމާންވެ އެކަލާނގެ އެންގެވި ގޮތް އިޚްތިޔާރުކޮށް، އެކަލާނގެ ނަހީ ކުރެއްވި ކަންކަމާ ދުރުހެލިވުމުން މާތް ﷲ އޭނާގެ ހިތުގައި ލައްވައި ހަމަޖެހުމާއި، އުފާވެރިކަމުގެ ޝުޢޫރެކެވެ. އެއީ އެއްގޮތަކަށް ވެސް މާއްދީ ގޮތުން ހާސިލު ކުރެވޭނެ ކަމެއް ނޫނެވެ.

ލޮބުވެތި ނަބިއްޔާ (ޞޢވ) ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

"އެމީހެއްގެ ހުރިހާ ވިސްނުމަކާއި ފިކުރެއް އާޚިރަތް ހާސިލު ކުރުމަށް ހުސްކޮށްފި މީހާ ދަންނާށެވެ! ﷲ އެމީހެއްގެ ހިތުގައި ފުދުންތެރިކަން ލައްވައެވެ. އަދި އޭނާއަށް ހުރިހާ ކަމެއް ފަހި ކުރައްވާ ހުއްޓެވެ! އަދި ނުރުހިގެންވާ ހާލުގައި ދުނިޔެ އޭނާ ގާތަށް އަންނާނެއެވެ. އެބަހީ، (ދުނިޔެއިން ﷲ އޭނާއަށް މިންވަރު ކުރައްވާފައިވާ އެއްޗެއް އޭނާއަށް ލިބޭނެއެވެ) އަދި އެމީހެއްގެ ހުރިހާ ވެސް ވިސްނުމަކާއި ފިކުރަކީ ދުނިޔެ ހާސިލު ކުރުން ކަމުގައި ހަދައިފި މީހާ ދަންނާށެވެ! އޭނާގެ ބޭނުންތައް ނުފުދިފައިވާ ތަން ﷲތަޢާލާ އޭނާއަށް ދައްކަވާނެތެވެ. އަދި އެކަން ކަމުގެ މައްޗަށް އޭނާގެ ހުރިހާ ކަމެއް ވިއްސިވިހާލި ކުރައްވާނެތެވެ. އަދި އޭނާ ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް ﷲ މިންވަރު ކުރެއްވި އެއްޗެއް މެނުވީ އޭނާއަށް ނުލިބޭ ހުއްޓެވެ."

މިއަދު ކޮންމެ މީހަކު ވެސް ގަދައަޅައި ބުރަ މަސައްކަތް ކުރަނީ، އުފާވެރި ހިތްހަމަޖެހޭ ދިރިއުޅުމެއް ހޯދުމަށެވެ.

މާތް ﷲ އެންމެ ލޯބެވެވޮޑިގެންވާ އަޅުކަމަކީ ނަމާދުކުރުންކަން ޚުތުބާގައި ހަނޑުމަކޮށްދެއްވާފައިވެއެވެ. އަދި ނަމާދަށް ރައްކާތެރިނުވެ، ކިތަންމެ ބުރަ މަސައްކަތެއް ކުރިކަމުގައި ވިޔަސް ބާއްޖަވެރިކަން ނުލިބޭނެކަން ވެސް ހަނދުމަކޮށްދެއްވާފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!