އެއަރޕޯޓްގައި ކުއްތާ ގެންގުޅޭ ގޮތާމެދު ކަންބޮޑުވުން ފާޅުކޮށްފި
ފުލުހުން ބަލަހައްޓާ ކުއްތާ ސްކޮޑް ވެލާނާ އިންޓަނޭޝަލް އެއާޕޯޓުގައި ސެކިއުރިޓީގެ ކަންކަމުގައި ބޭނުން ކުރާ ނިޒާމަކީ އެންމެ އެކަށީގެންވާ ނިޒާމެއް ނޫން ކަމަށް ބުނެ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފު ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.
ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝަަރީފު ވިދާޅުވީ، އޮޕަރޭޝަންތަކުގައި ކުއްތާ ބޭނުންކުރާ ގޮތް ހަރުދަނާކޮށް ދުނިޔޭގެ އެހެން ގައުމުތަކުގައި ބޭނުންކުރާ ފަދަ ނިޒާމެއްގެ ތެރެއިން ކުއްތާތައް ބޭނުންކުރަން ޖެހޭ ކަމަށާއި ކުއްތާ ބަލަހައްޓައި އެ ގެންގުޅެނީ ފުލުހުން ކަމަށާއި، މިހާރު ކުއްތާ ސްކޮޑުން މާބޮޑު ކާމިޔާބީތަކެއް ނުލިބޭ ކަމަށެވެ.
ޝަރީފް ވިދާޅުވީ ކުއްތާ ގެންގުޅެން އެއަށް ވަރަށް ބޮޑަށް ޓްރެއިންވެ އެޓޭޗްވާން ޖެހޭ ކަމަށެވެ. އެހެން ނަމަވެސް ރާއްޖެއަކީ ސަތޭކަ ޕަސަންޓް މުސްލިމު ގައުމަކަށް ވާތީ، މިއީ މާހައުލަށް މާ އެކަށީގެންވާ ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މީހުން ކައިރީގައި ކުއްތާ އުޅެން ބައެއް މީހުން ހިތްހަމަ ނުޖެހޭކަން ފާހަގަކޮށް ޝަރީފް ވިދާޅުވީ، ހިނގާފައި ދާ މީހާއަށް ކުއްތާ ނުފެންނަ ގޮތަށް ޕާތުވޭއެއް ހަދައި ވައިގެ ޒަރިއްޔާއިން ދެނެގަނެވޭނެ ނިޒާމެއް ގާއިމް ކުރެވޭނެ ކަަމަށެވެ.
މިއީ ބައެއް ޤައުމުތަކުގައި މިކަން ކުރަމުންދާ ގޮތް ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ ރާއްޖޭގައި ވަންނަ ގޭޓް ކައިރީގައި ކުއްތާ ބާއްވައިގެން ކަންކުރުން އިފެކްޓިވް ނޫން ކަމަށެވެ.
ރާއްޖޭގައި މިހާރު ބޭނުންކުރާ ކުއްތާތައް ރާއްޖެއަށް ގެނެސްފައި ވަނީ 2015 ވަނަ އަހަރުއެވެ. މިކަމާ ގުޅިގެން ޝަރީފް ވަނީ މި ކުއްތާތަކަށް އެކަށީގެންވާ ޓްރެއިނިން ނުލިބޭ ކަމަށް ވިދާޅުވެ، ވަރަށް ބޮޑަށް ފޮރުވައިގެން ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތި ކަހަލަ ބާވަތްތައް އަތުލައިގަތުމުގައި އެ ކުއްތާތަކުގެ ހުޝިޔާރު ކުޑަވެދާނެކަމަށް ބެލެވޭ ކަމަށް ވިދާޅުވެފައެވެ.