ޓިއުނީޝިއާގެ މަޖިލިސް އުވައިލާ ހުރިހާ ބާރެއް ރައީސްގެ އަތްޕުޅަށް ނަންގަވައިފި
ޓިއުނީޝިއާގެ ގާނޫނު ހަދާ މަޖިލީސް އުވައިލައި އެ ގައުމުގެ ހުރިހާ ބާރެއް ރައީސް ކައިސް ސައީދުގެ އަތްޕުޅަށް ނަންގަވައިފިއެވެ.
ރައީސް ކައިސް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މިހާރު އެ ގައުމުގެ ބޮޑުވަޒީރު ހިޗެމް މިޗީޗީ މަގާމުން ދުރުކުރެއްވުމަށް ފަހު އައު ބޮޑުވަޒީރެއް އައްޔަނު ކުރައްވާނެ ކަމަށެވެ. މިއާ އެކު އެގައުމުގެ ބައެއް ސިޓީތަކުގައި ވަނީ މިކަމާ މެދު އުފާފާޅު ކޮށްފައެވެ.
ޓިއުނީޝިޔާގެ ހާލަތު ގޯސްވެފައި ވަނީ ސަރުކާރުން ކޮވިޑް19 ގެ ހާލަތުގައި ސަރުކާރުން އަމަލު ކުރަމުން ގެންދާ ގޮތާމެދު ހިތްހަމަނުޖެހިގެން އެގައުމުގެ ސިޓީތަކުގައި މުޒާހަރާކުރަން ފެށުމުންނެވެ.
ސަރުކާރުން ރައީސް ކައިސް ނެރުއްވި ބަޔާނުގައި ބުނެފައިވާ ގޮތުގައި މި ނިންމުމަކީ އެގައުމުގައި 2014 ވަނަ އަހަރު ބާރުތައް ވަކިކުރެވިފައިވާ ޑިމޮކްރަޓިކް ވެރިކަމެއް އުފެއްދުުނު ފަހުން އެގައުމުން ނިިންމި އެންމެ އުނދަގޫ ނިންމުމެވެ.
"މިނިންމުމާ އެކު ގައުމު ހަލަބޮލިވާނެކަން އެނގޭ ، އެހެންނަމަވެސް ހަތިޔާރު ބޭނުންކޮށްގެން ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރާ ފަރާތްތަކަށް އަހުރެން އިންޒާރު ދެން. އޭގެ ބަދަލު އަސްކަރިއްޔާއިން ދޭނީ ހަތިޔާރުން" ރައީސް ކައިސް މީޑީޔާ މެދުވެރި ކުރައްވާ ދެއްވި ބަޔާނުގައި ވިދާޅުވިއެވެ.
ރައީސް ކައިސްގެ މިނިންމުމާ އެކު މުޅި ގައުމު ހަލަބޮލިވެ މުޒާހަރާތައް ކުރަން ފަށާފައިވާއިރު ސަރުކާރާ އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި ރައީސް ކައިސް ކުރެއްވީ އަސްކަރީ ބަޣާވާތެކެވެ. އަދި މިކަމުގެ ސަބަބުން އެގައުމުގައި ނުރައްކާތެރި ލޭ އޮހޮރުވުމެއް ހިނގައިދާނެކަމަށް ވެސް އިދިކޮޅުން ދަނީ ބުނަމުންނެވެ. ސަބަބަކީ ރައީސް ކައިސްއަށް ތާއިދު ކުރާ ފަރާތްތަކުން އުފާ ފާޅު ކުރުމަށް މަގުތަކަށް ނުކުމެފައިވާއިރު އިދިކޮޅު ފަރާތްތަކުން ހިތްހަމަ ނުޖެހި މުޒާހަރާކުރަން މަގުތަކަށް ނުކުތުން ކަމަށް ވެސް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.