މުނިފޫހިފިލުވުން

ބޭބެމެންނަށް ހިތްވަރު ދިނަސް، އަހަރެން ފިލްމު ކުޅޭކަށް ބައްޕަ ބޭނުމެއް ނުވޭ: އީޝާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގައި ނަން ވިދާލި އެއް ތަރި ކަމުގައިވާ އީޝާ ޑިއޯލް، އެންމެ ފަހުން ފިލްމަކުން ފެނިފައިވަނީ 2011ވަނަ އަހަރު "ޓެލް މީ އޯ ޚުދާ"އިންނެވެ. އޭގެ ފަހުން ދާއިރާއިން ބްރޭކެއް ނެގުމަށް ފަހު 2012 ވަނަ އަހަރު ބާރަތު ތަޚްތާނީއާ އޭނާ ކައިވެނިކޮށް ދެ އަންހެން ދަރިންގެ މަންމައަކަށް ވިއެވެ.

Ads by STELCO

މި މަހު ކުރީ ކޮޅު އީޝާ ވަނީ ބާރަތު އީޝާ ފިލްމްސް (ބީއީއެފް)ގެ ނަމުގައި އޭނާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް އެއް ވެސް ހުޅުވައިފައެވެ. އަދި ވަރަށް އަވަހަށް ބީއީއެފްގެ އެންމެ ފުރަތަމަ ފިލްމު ކަމަށްވާ "އޭކް ދުއާ"ގެ މަސައްކަތް ފެށޭނެ ކަމަށް ވެސް އީޝާ ބުނެފައިވެއެވެ. އެ ފިލްމު ޑައިރެކްޓު ކުރަނީ ރާމްކަމާލް މުކަރްޖީއެވެ. ލީޑް ރޯލުން ފެނިގެން ދަނީ އީޝާއެވެ.

މި ފިލްމާ ބެހޭ ގޮތުން އިންޑިއާގެ ނޫހަކަށް މައުލޫމާތު ދެމުން އީޝާ ވަނީ އަންހެނުންނާއި ފިރިހެނުންނާ މެދު ތަފާތު ކުރުންތައް ގެންގުޅޭ ކަމަށް ބުނެފައެވެ.

އެގޮތުން އީޝާގެ ބައްޕަ، ސުޕާސްޓާ ދަރްމެންދްރަ، އޭނާގެ ބޭބެމެން ކަމުގައިވާ ސަނީ ޑިއޯލްއާއި ބޮބީ ޑިއޯލް މި ދާއިރާގައި މަސައްކަތް ކުރަން ހިތްވަރު ދިނަސް، އީޝާއާ މެދު ކަންތައް ކުރީ ތަފާތުކޮށް ކަމަށް ބުންޏެވެ.

"ބައްޕަ ބޭނުމެއް ނުވި އަހަރެން ފިލްމު ކުޅޭކަށް، އެކަމަކު ބޭބެމެންނަށް އަބަދުވެސް ހިތްވަރު ދޭނެ. ކުރިން ވެސް ބައްޕަ ބޭނުންވީ އަހަރެން ފިލްމު ނުކުޅެން. މިހާރު ވެސް މި ދާއިރާއަށް އަލުން ނުކުންނަން އުޅޭތީ ހިތްހަމައެއް ނުޖެހޭ. މަންމަގެ ހިތްވަރުން މި ކުރިއަަށް ދެވެނީ" އީޝާ ބުނެފައިވެއެވެ.

އީޝާ ބުނީ ފިލްމީ ދާއިރާގައި ކުރިއަށް ދާން އޭނާގެ މަންމަ ހެމާ މާލިނީ އަބަދުވެސް އޭނާއަށް ހިތްވަރުދޭ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!