ވިޔަފާރި

އުރީދޫ އަތޮޅު ދުވުމުގައި ރެޖިސްޓަރވުމުގެ ފުރުސަތު އަލުން ހުޅުވައިލައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އުރީދޫ އަތޮޅު ދުވުމުގައި ރެޖިސްޓަރވުމުގެ ފުރުސަތު އަލުން ހުޅުވައިލައިފިއެވެ.

Ads by Hajj Corporation

އަތޮޅު ދުވުމުގައި ބައިވެރިވުމަށް ގިނަ ފަރާތްތަކަކުން އެދުމާ އެކު ރެޖިސްޓަރވުމުގެ ފުރުސަތު 31 ޖުލައި 2021ގެ ހަވީރު 6 ހަމައަށް އޮންލައިން ޕޯޓަލް: ore.do/regstr މެދުވެރިކޮށް މިއަދު ވަނީ ހުޅުވައިލައިފައެވެ. ހަމައެއާއެކު ރެޖިސްޓަރވެފައިވާ ދުވުންތެރިން ފޭސްބުކް، ޓްވިޓަރ އަދި އިންސްޓަގްރާމްގައި 31 ޖުލައި 2021 ގެ މެންދަމު 12ގެ ކުރިން ވަރޗުއަލް ބިބް ޝެއަރކޮށްގެން އަތޮޅު ދުވުމުގެ ޓީޝާރޓެއް ހޯދުމުގެ ފުރުސަތު ވެސް ވަނީ ހުޅުވައިލައިފައެވެ. 

މިއަހަރުގެ ރަންގައި 5 ކިލޯމީޓަރުގެ އިތުރުން، އަލަށް ތައާރަފް ކުރެވުނު10 ކިލޯމީޓަރ ގެ ކެޓެގަރީގައި ވެސް ބައިވެރިވެއެވެ. ދެ ކެޓެގަރީގައި ބައިވެރިވުމަށް ބޭނުންފުޅުވާ ދުވުންތެރިން ދެ ކެޓެގަރީއަށް ވަކިން ރެޖިސްޓަރވެ މުޅިއަކު 15 ކިލޯމީޓަރު ފުރިހަމަކުރަން ޖެހެއެވެ. 5 އަހަރުން މަތީގެހުރިހާ ފަރާތްތަކަށް ވެސް ބައިވެރިވެވޭ މި ދުވުމުގައި ބައިވެރިވާ ފަރާތްތަށް، 1 އޯގަސްޓް އާއި 7 އޯގަސްޓްއާ ދެމެދުގެ ކޮންމެ ވަގުތެއްގައި ވެސް ދުވުން ފުރިހަމަކުރެވޭނެއެވެ.  

ރެޖިސްޓްރޭޝަން ފުރިހަމަ ކުރުމުން ޑިޖިޓަލް ބިބް އަދި ކޮންފަރމޭޝަން މެސެޖެއް ލިބިވަޑައިގަންނަވާނެއެވެ. ރެޖިސްޓަރ ކުރައްވައިފައިވާ ދުވުންތެރިން، އެބޭފުޅެއްގެ ދުވުން ސްޓްރާވާ އެޕް، ގާމިން ކަނެކްޓް، ރަންޓާސްޓިކް، ނައިކް ރަން ކްލަބް ނުވަތަ ރަންކީޕަރ އެޕްލިކޭޝަން މެދުވެރިކޮށް ޓްރެކްކޮށް، ނިންމައިފައިވާ ރަން ރޫޓްގެ ސްކީންޝޮޓް، ކޮންފަރމޭޝަން މެސެޖާ އެކު ލިބުނު ލިންކަށް އަޕްލޯޑް ކުރުމުން ޑިޖިޓަލް މެޑަލެއް ލިބިވަޑައިގަންނަވާނެއެވެ. ފިސިކަލް މެޑަލް ބޭނުންވާ ފަރާތްތަކަށް ކުޑަ އަގަކާ އެކު މޫލީ މެދުވެރިކޮށް އަޕްގްރޭޑްކޮށްލުމުން ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރި ނަމަވެސް ހިލޭ ޑެލިވަރ ކޮށްލަދޭނެއެވެ.

އުރީދޫ އަތޮޅު ދުވުމަކީ އެކަނި ވިޔަސް އަދި އާއިލާއާއި ރައްޓެހިންނާ އެކުގައި ވެސް، ގައިދުރުކަމާ އެކު ބައިވެރިވެ މަޖާ ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ އިވެންޓެކެވެ. މުޅި ރާއްޖެއާއި ރާއްޖެއިން ބޭރުން ވެސް ބައިވެރިވުމަށް ހުޅުވާލެވިފައިވާ މި ދުވުމަށް ޝައުގުވެރިވާ އެންމެހާ ފަރާތްތަކުން ބައިވެރިވުމަށް އުރީދޫއިން މަރުހަބާ ކިޔައެވެ. މި ވަރޗުއަލް ދުވުމުގެ އިތުރު މަޢުލޫމާތު އުރީދޫ ވެބްސައިޓުން އަދި އުރީދޫ މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޕޭޖްތަކުން ލިބިގެން ދާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!