އަވަހަށް ކައިވެނި ކުރަން ޔާމީ ބޭނުމެއް ނޫން، ކައިވެނި ކުރީ މާމަ ބުނެގެން

އަވަހަށް ކައިވެނި ކުރަން ބޭނުން ނުވާ ކަމަށާއި ކައިވެނި ކުރީ މާމަ ބުނެގެން ކަމަށް ފިލްމީ ތަރި ޔާމީ ގޯތަމް ބުނެފިއެވެ.
ޔާމީ ބުނީ އަވަހަށް ކައިވެނި ކުރުމަކީ އޭނާ ބޭނުންވި ކަމެއް ނޫން ކަމަށެވެ. އަދި މާމައާ އެކު ދެކެވުނު ވާހަކައެއްގެ ތެރެއިން ކައިވެނި ނުކޮށް އުޅެން މާމަ ބޭނުން ނުވާ ވާހަކައާއި އާއިލާގެ އެންމެން ވެސް އަވަހަށް ކައިވެނި ކުރިކަމަށް މާމަ ބުނި ކަމަށެވެ. އެހެންވެ މާމަގެ އެދުމުގެ މަތިން އަވަހަށް ކައިވެނި ކުރީ ކަމަށް އޭނާ ބުންޏެވެ.
ޔާމީ ބުނީ އޭނާގެ ލޯބިވެރިޔާ އަދިތިޔާ ދާރް ގާތުގައި އަވަހަށް އިންނަން މާމަ ބުނި ކަމަށާއި ޖަވާބުގައި އަދިތްޔާ ބުނީ ޔާމީ ކައިވެނި ކުރަން ތައްޔާރަށް ހުރި ނަމަ މިހާރު ވެސް ކައިވެނިކުރަން ވީ ކަމަށެވެ.
މާމަގެ އެދުމުގެ މަތިން އަވަހަށް ކައިވެނިކުރެވުމުން މިހާރު އުފާވާ ކަމަށް ޔާމީ ބުންޏެވެ. އަދި އެއީ މިހާތަނަށް ލިބުނު އެންމެ ބޮޑު އުފާ ކަމަށް ޔާމީ ބުންޏެވެ. އޭނާ ބުނީ ކައިވެނިކުރިއިރު ވެސް ބައިވަރު ފިލްމުތަކުގެ މަސައްކަތް ކުރަން ޖެހިފައި ހުރިކަމަށާއި ހަނީމޫނަށް ވެސް ނުގޮސް ނުކުތީ ފިލްމީ މަސައްކަތަށް ކަމަށެވެ.