ދުނިޔެ

އަސްކަރިއްޔާގެ އެހީއާ އެކު އީރާން ލޮކްޑައުން ކުރުމަށް ސިއްހަތާ ބެހޭ ވަޒީރު ގޮވައިލައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން
އީރާނުގެ ސުޕްރީމް ލީޑަރ އަލީ ހާމަނާއި ވެކްސިން ޖައްސަވަނީ/ ފޮޓޯ އަލްޖަޒީރާ

ކޮވިޑް-19ގެ ސާޖެއް އައުމުގެ ބިރު އޮތުމާ އެކު އަސްކަރިއްޔާގެ އެހީގައި ދެ ހަފްތާއަށް އީރާންގައި ލޮކްޑައުން އިއުލާނުކުރުމަށް އެގައުުމުގެ ސިއްހަތާ ބެހޭ ވަޒީރު ގޮވައިލައްވައިފިއެވެ.

Ads by WAMCO

އީރާންގެ ސިއްހަތާ ބެހޭ ވަޒީރު ސައީދު ނަމާކީ، އީރާންގެ ސުޕްރީމް ލީޑާރ އަލީ ހާމަނާއީއަށް ފޮނުވި ސިޓީފުޅެއްގައި މިކަމަށް އެދިފައިވާއިރު އެސިޓީގެ ކޮޕީއެއް އީރާނުގެ މީޑިޔާތަކަށް ވެސް ވަނީ ފޮނުވައިފައެވެ.

ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19ގެ ވޭރިއެންޓެއްކަމުގައިވާ ޑެލްޓާ ވޭރިއަންޓާ އެކު އީރާނަށް މިހާރު ކޮވިޑް-19ގެ 5 ވަނަ ރާޅެއްގެ ބިރު ބޮޑުވެފައެވެ. އަދި މިފަހަރުގެ ރާޅު ކުރީގެ ރާޅުތަކަށް ވުރެ ނުރައްކާތެރިވާނެކަމަށް ލަފާކުރެވޭކަމަށް ސައީދުގެ ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ. އެހެންކަމުން ހޮސްޕިޓަލްތަކާއި ބެޑްތައް ނުފުރުނު ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅު ހަރުކަށި ކުރުމަކީ މުހިންމުކަމެއްކަމުގައި ދެކޭކަމަަށް ވެސް މިސިޓީގައި ވިދާޅުވެފައިވެއެވެ.

"އަހަރެންގެ ކޯ ވޯކަރުންނަކީ ވެކްސިން ޖަހައިފައިވާ ބައެއް ނަމަވެސް ދިގު ޑިއުޓީތަކާއި ސްޓްރެސްގެ ސަބަބުން އެމީހުން ދަނީ ބަލިވަމުން" އީރާނުގެ ސިއްހަތާ ބެހޭ ވަޒީރުގެ ސިޓީފުޅުގައި ބުނެފައިވެއެވެ.

އީރާނުގައި ލޮކްޑައުން އިއުލާނުކުރުމަށް އީރާނުގެ 65 މެޑިކަލް ޔުނިވާރސިޓީއެއްގެ އިސްވެރިންގެ ފަރާތުން ވެސް އެގައުމުގެ ސުޕްރީމް ލީޑަރ ހާމަނާއީއަށް މިދިޔަ ހަފްތާގައި ވަނީ ސިޓީއެއް ފޮނުވައިފައެވެ.

2020 ވަނަ އަހަރުގެ ފެބްރުއަރީމަހުން ފެށިގެން މިހާތަނަށް އީރާނުގެ 3.9 މިލިއަން މީހަކަށް ކޮވިޑް-19 ޖެހިފައިވާކަމަށް ރިޕޯޓްކޮށްފައިވާއިރު މިހާތަނަށް އެގައުމުން ކޮވިޑް-19 ޖެހިގެން ނުވަދިހަ އެއްހާހަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

މިހާރު އެގައުމުގައި ހަލުވިކަމާ އެކު އަނެއްކާ ވެސް ކޮވިޑް-19 ފެތުރެމުންދާއިރު އިއްޔެ އެކަނި ވެސް އެގައުމުން ވަނީ 366 މީހަކު މިބަލީގައި މަރުވެފައެވެ. އަދި އިއްޔެ އެކަނި ވެސް އެގައުމުގެ 32500 މީހުންނަށް ވަނީ މިބަލި ޖެހިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!