ދިއްދޫގެ ވިޔަފާރިތައް ބަނގުރޫޓުވެ ރައްޔިތުން ނިކަމެތިވެއްޖެ: ކައުންސިލް
ކޮވިޑް-19ގެ ސަބަބުން 3ވަނަ ފަހަރަށް މޮނިޓަރިންއަށް ލައިފައިވާ ހއ. ދިއްދޫގެ ވިޔަފާރިތައް ބަނގުރޫޓުވެ ރައްޔިތުން ނިކަމެތިވެފައިވާކަމަށް ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވެއްޖެއެވެ.
"ދެން"އަށް މައުލޫމާތު ދެއްވަމުން ރަޝީދު ވިދާޅުވީ ދިއްދޫ އެންމެ ފުރަތަމަ މޮނިޓަރިންއަށްއިން ނެގިތާ 13 ވަރަކަށް ދުވަސް ފަހުން ދެވަނަ ފަހަރަށް އެރަށް މޮނިޓަރިންއަށް ލައިފައިވާކަމަށެވެ. އަދި ދެވަނަ ފަހަރު މޮނިޓަރިން އިން ނެގިތާ ހަފްތާއެއް ފަހުން 3ވަނަ ފަހަރަކަށް ރަށް ބަންދު ކުރުމުން ރައްޔިތުން ވަރަށް ބޮޑަށް ނިކަމެތިވެ ވިޔަފާރިތައް ވެސް ބަނގުރޫޓުވެފައިވާ ކަމަށް ރަޝީދު ވިދާޅުވިއެވެ.
"މިހާ ގިނަ ދުވަހު ރައްޔިތުން ބަންދުވެފައި ތިބެން ޖެހުމުން ރައްޔިތުން މިވަނީ ވަރަށް ބޮޑަށް ނިކަމެތިވެފަ. ވިޔަފާރިތައް. ކެފޭ ރެސްޓޯރެންޓްތައް ބަންދު ކޮށްފައި މިހާ ދުވަހު މިހެން ތިބެން ޖެހުމަކީ ވަރަށް ބޮޑު ގެއްލުމެއް ވިޔަފާރިތައް ބަނގުރޫޓުވެއްޖެ" ރަޝީދު ވިދާޅުވިއެވެ.
ރަޝީދު ވިދާޅުވީ ރަށުގެ ހާލަތަށް ބައްލަވައިފައި އެޗްޕީއޭއަށް ސިޓީ ފޮނުވިތާ 8 ދުވަސް ވެފައިވާ ކަމަށާއި މިހާ ދުވަސް ވީ އިރުވެސް ޖަވާބެއް ނުލިބޭ ކަމަށެވެ. އޭނާ ވިދާޅުވީ އެޗްޕީއޭގެ ގައިޑްލައިންތައް ދިއްދޫއަށް ނުފެތޭކަމަށާއި އެގައިޑްލައިންތަކަށް ހުރުމަތްތެރިކޮށް ނުހިތައިފި ނަމަ ބޮޑެތި އަދަބު ލިބޭ ކަމަށެވެ.
"އެޗްޕީއޭގެ ގައިޑްލަައިންތައް މިތާކަށް ފިޓެއް ނޫން. ރަށް މޮނިޓަރިންއަށް ލީމަ އެޗްޕީއޭއަށް ނިމުނީ. ރައްޔިތުންގެ ޝަކުވާތަކާ ކުރިމަތިލާން ޖެހެނީ ކައުންސިލުން. ރަށުގެ ހާލަތު ބަލަން ޖެހެނީ ކައުންސިލުން. ކައުންސިލަށް ބާރުތަކެއް ދީފައިވާ ނަމަވެސް އެޗްޕީއޭގެ ޑައިޑްލައިންތަކަށް އެބަޖެހޭ ތަބާވާން. އެހެން ނޫނީ ބޮޑެތި އަދަބު ލިބޭ. ރަށް މޮނިޓަރިންއަށް ލައިފައި ސިޓީތަކަށް ޖަވާބު ނުދީ އެޗްޕީއޭއިން ފިލީމަ އެކަން ކުށްވެރިކުރަން" ރަޝީދު ވިދާޅުވިއެވެ.
ރަޝީދު ވިދާޅުވީ ދިއްދޫ މިފަހަރު މޮނިޓަރިންއަށް ލީ ފަހުން ބައްޔަށް ފައްސިވެފައި ވަނީ 25 މީހުން ކަމަށާއި އޭގެ ތެރެއިން 5 މީހުން ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. އަދި މިދިޔަ ޖުލައި މަހުގެ 29 ވަނަ ދުވަހުގެ ފަހުން ، ވަކި ތަރުތީބެއް ނެތި ނެގި އެއްވެސް ސުންކެއް ބައްޔަށް ފައްސި ނުވާކަމަށާއި މިހާރު ފައްސި ވަނީ ކަރަންޓީނުގައި ތިބި ފަރާތްތައް ކަމަށް ވެސް ރަޝީދު ވިދާޅުވިއެވެ.