ކުށްވެރިންގެ ފައިގައި އަޅުވާ "މޮނިކޮން ޓެގު" ހުސްވެއްޖެ
ނުރައްކާތެރި ކުށްވެރިން މޮނިޓަރ ކުުރުމަށް ފައިގައި އަޅުވާ "މޮނިކޮން ޓެގް" ހުސްވެއްޖެއެވެ،
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު އަދި ކޮމެޓީގެ މުގައްރިރު ހަސަން އަފީފް ވިދާޅުވީ މޮނިކޮން ޓެގް ނެތްކަމަށް މީގެ ކުރިން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެފައިވާ ކަމަމާއި ފުލުހުން ވެސް އެހެން ވިދާޅުވި ކަމަށެވެ.
"އާދެ މި މޮނިކޮން ޓެގް ނެތް ކަމަށް. އޭގެެ ސްޓޮކެއް ނެތްކަމަށް ވަނީ މީގެ ކުރީގައި އަޅުގަނޑުމެން ހޯމް މިނިސްޓަރއާ ބައްދަލުކުރިއިރު ވެސް ނެތް ކަމަށް ވަނީ. ފުލުހުން ވެސް ވިދާޅުވީ ނެތްކަމަށް އެހެން ނަމަވެސް އެ ބޭފުޅުން މޮނިކޮން އަމުރު ނެރެފައިވާ ފަރާތްތައް މޮނިޓަރކުރަން ސަވައިލެންސް ކުރިއަށް ގެންދާ ކަމަށް ވިދާޅުވި. ދެން މިހާރު މޮނިކޮން ޓެގް ހޯދުމުގެ މަސައްކަތް ކުރިއަން ގެންދަވަނީ" އަފީޕް ވިދާޅުވިއެވެ.
އަފީފް ވިދާޅުވީ މިހާރު ފުލުހުން މަސައްކަތްކުރަނީ 100 މޮނިކޮން ޓެގް ހޯދުމަށް ކަމަށާއި އެކަމަށް މިލިއަނެއްހާ ރުފިޔާ ހަރަދުވާނެކަމަށެވެ.
އޭނާ ވިދާޅުވީ އެ ހަރަދަކީ ބަޖެޓުގައި ހިމެނިފައިވާ ހަރަދަކަށް ނުވާތީ އެ ތަކެތި ހޯދުމަށް ބޮޑެތި ދަތިތަކަކާއި ކުރިމަތި ލާން ޖެހިފައިވާކަމަށެވެ. އެހެން ނަމަވެސް ބަޖެޓުގެ ބޭރުން ވެސް އެވަރުގެ ހަރަދެއް ފިނޭންސް މިނިސްްޓްރީއަށް ދޫކުރެވޭނެ ކަމަށް ގަބޫލުކުރެވޭ ކަމަށާއި އެހެންކަމުން އެ އަދަދު ދޫކުރުމަށް ފިނޭންސް މިނިސްޓަރަށް އިލްތިމާސް ކުރައްވާކަމަށް ވެސް އަފީފް ވިދާޅުވިއެވެ.