މޮނިކޮން ޓެގު ގަންނަން 2 މިލިއަން ރުފިޔާ ނެތޭ ބުނުމަކީ ނުރައްކާތެރި ސިގްނަލެއް: ބޮންޑޭ
ދައުލަތުގެ އެންމެ އިސް ގާނޫނީ ވާޖިބަކީ ރައްޔިތުންގެ މުދަލާ ފުރާނައިގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުން ކަމަށާއި އެކަމަށް ބޭނުންވާ 2 މިލިއަން ރުފިޔާ ވެސް ނެތްކަމަށް ބުނުމަކީ ނުރައްކާތެރި ސިގްނަލެއް ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.
ނުރައްކާތެރި ކުށްވެރިންގެ ހަރަކާތްތައް މޮނިޓަރކުރުމަށް ފައިގައި އަޅުވާ ޓެގް ނެތް ކަމަށް ހޯމްް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެފައިވާކަމަށް ރޭ އެމްޑީޕީން ބޭއްވި އެޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު އަދި ކޮމެޓީގެ މުގައްރިރު ހަސަން އަފީފް ވަނީ ވިދާޅުވެފައެވެ. މިކަމާ ގުޅޭ ގޮތުން ބޮންޑޭ ވިދާޅުވީ އެއީ ވަރަށް ނުރައްކާތެރި ސިގްނަލެއް ކަމަށެވެ.
"ދައުލަތުގެ އެންމެ އިސް ގާނޫނީ ވާޖިބަކީ ރައްޔިތުންގެ މުދަލާ ފުރާނައިގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުން ކަމަށް ވީހިނދު މިކަމަށް ބޭނުންވާ އެންމެ 2 މިލިއަން ރުފިޔާ ވެސް ނެތްކަމަށް ހޯމްލޭންޑް ސެކިއުރިޓީ އަޑީ ވުޒާރާއިން ބުނުމަކީ ނުރައްކާތެރި ސިގްނަލެއް.!" ބޮންޑޭގެ ޓްވީޓްގައި ބުނެފައިވެއެވެ.
ރޭގެ ޖަލްސާގައި އަފީފް ވިދާޅުވީ މިހާރު ފުލުހުން މަސައްކަތްކުރަނީ 100 މޮނިކޮން ޓެގް ހޯދުމަށް ކަމަށާއި އެކަމަށް މިލިއަނެއްހާ ރުފިޔާ ހަރަދުވާނެ ކަމަށެވެ. އަދި އެހަރަދަކީ ބަޖެޓުގައި ހިމެނިފައިވާ ހަރަދަކަށް ނުވާތީ އެ ތަކެތި ހޯދުމަށް ބޮޑެތި ދަތިތަކަކާއި ކުރިމަތި ލާން ޖެހިފައިވާ ކަމަށާއި އެހެން ނަމަވެސް ބަޖެޓުގެ ބޭރުން ވެސް އެވަރުގެ ހަރަދެއް ފިނޭންސް މިނިސްްޓްރީއަށް ދޫކުރެވޭނެކަމަށް ގަބޫލުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.