ސިޓީ ކައުންސިލުން ބިން ހުސްކުރިއިރު ބައެއް ތަކެތި ވަނީ ގެއްލިފައި: ސްޓެލްކޯ

އިންޓަރ ކަނެކްޝަންގެ މަސައްކަތްތަކަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އަށް ދީފައިވާ ބިމެއްގައި، އެ ކުންފުނިން ބަހައްޓައިފައި ހުރި ބައެއް ތަކެތި، ސްޓެލްކޯއަށް އެންގުމަކާ ނުލައި މާލެ ސިޓީ ކައުންސިލުން ބޭނުންކޮށްފި ކަމުގެ ތުހުމަތު އުފުލިއްޖެއެވެ.
ސްޓެލްކޯގެ އޮފިޝަލަކު މިކަމާ ގުޅޭ ގޮތުން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާާޅުވީ، އެ ބިމަކީ އިންޓަރ ކަނެކްޝަންގެ މަސައްކަތްތައް ކުރުމަށް ސްޓެލްކޯއަށް ވަގުތީ ގޮތުން ދީފައިވާ ބިމެއް ކަމަށެވެ. އެގޮތުން އިންޓަރ ކަނެއްކަޝަންގެ މަސައްކަތްތައް ކުރަން އެތަނުގައި ސްޓެލްކޯގެ ބައެއް ތަކެތި ބަހައްޓައި، އެތަނުގެ ވަށައި ބޮޑު ފެންސެއް ޖަހައިފައި ވާނެ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.
"ސިޓީ ކައުންސިލުން ވަނީ ސްޓެލްކޯއަށް އެންގުމެއް ނެތި، އެތަނަށް ގޮސް އެތަނުގައި ޖަހައިފައި ހުރި ހުރިހާ ދަގަނޑެއް ކީހައިލައިފައި، ދަގަނޑުތަކާ އެކު ފެންސް ނައްޓައިލައިފައި، އެ މީހުންގެ އަމިއްލަ ބޭނުމަކަށް އެއާ ޖެހިގެން އޮތް ބިމުގައި ފެންސެއް ޖަހައިފައި (ފެންސް ޖަހައިފައި ވަނީ ސްޓެލްކޯގެ އެއްޗެހި ބޭނުން ކޮށްގެން)، އެކަން ކޮށްފައި ވަނީ ސްޓެލްކޯއަށް އެއްވެސް ވަރަކަށް ނާންގައި،" އޮފިޝަލު ވިދާޅުވިއެވެ.

ސްޓެލްކޯ އިން ކުރިން ޖަހާފައި ހުރި ފެންސް: ފޮޓޯ: ސްޓެލްކޯ
އޭނާ އިތުރަށް ވިދާޅުވީ، ސްޓެލްކޯގެ ތަކެތި އެގޮތަށް ބޭނުން ކުރުމުން އެހެން ބައެއް ތަކެތި ގެއްލިފައި ވެސް ވެފައިވާ ކަމަށެވެ.
"ސީސީޓީވީ ޖަހަން ވެގެން ހަދައިފައި ހުރި އިންފްރާސްޓްރަކްޗާ އޭގެ އެއްޗެހިތައް ވެސް ގެއްލިފައި ހުރީ. ސްޓެލްކޯގެ އެއްޗެއް ސްޓެލްކޯއަށް ނާންގައި ބޭނުން ކުރުމާއި އެ ބިމަށް އެ ގޮތަށް ވަނުމުން ވެސް ހިތާމަކުރަން. ސްޓެލްކޯއިން ޖަހައިފައި ހުރި އެއްޗެއް އެމީހުން ނައްޓައިގެން ވެސް ނުވާނެތާ، ސްޓެލްކޯ ކައިރީ ނާހާ. އެ ތަކެތި ޣަނީމާ މުދަލަށް ވީމަތާ އެމީހުން ބޭނުން ކުރާނީ." ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވެފައިވެއެވެ.
ސްޓެލްކޯގެ ހުއްދަ ނުހޯދައި ސިޓީ ކައުންސިލުން ތަކެތި ބޭނުން ކުރިކަމަށް ބުނާ ބިން، ސްޓެލްކޯއިން މިއަދު ވަނީ ނޫސްވެރިންނަށް ދައްކައިލައިފައެވެ.
އެ ބިމަކީ މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި ސްޓެލްކޯއިން މާލޭގެ ބެކަޕް ޕަވަރު ހައުސް ޕްލާންޓެއް އެޅުމަށް ޓަކައި އެ ކުންފުންޏަށް ދީފައިވާ ބިމެއްކަމަށް މައުލޫމާތު ލިބެއެވެ. ގާތްގަނޑަކަށް 21،000 އަކަފޫޓުގެ އެ ބިމުގައި ސްޓެލްކޯއިން ވަނީ އިތުރު ޕްލޭންތަކެއް ވެސް ކޮށްފައެވެ.
"މި ބިމަކީ ސްޓެލްކޯއަށް ވަރަށް ޚާއްސަވާ ބިމެއް. އެއީ ސަރުކާރުގެ މާސްޓާ ޕްލޭނުގައިވާ ގޮތުން ގްރޭޓާ މާލެ ގްރީޓް ކަނެކްޝަނަށް. ފޭސް 1 މިވަނީ ނިންމައިލައިފައި. މާލެއާ ހުޅުމާލޭގެ އިންޓަރ ކަނެކްޝަން މިވަނީ ގާއިމް ކުރެވިފައި. އެހެން ނަމަވެސް އެ ހިސާބުން މުޅި ޕްރޮޖެކްޓު ނިމުނީކީ ނޫން. މި ޕްރޮޖެކްޓުގެ ދެވަނަ ފޭސްގައި މި އަންނަނީ ތިލަފުއްޓާއި މާލެއާ އިންޓަރ ކަނެކްޓް ވެގެން އަންނަ ހިސާބުން." ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސްޓެލްކޯގެ އޮފިޝަލު ވިދާޅުވެފައިވެއެވެ.

ސްޓެލްކޯއަށް ދީފައިވާ ވަގުތީ ބިމުގައި ބަހައްޓާފައި ހުރި ބައެއް ތަކެތި ސިޓީ ކައުންސިލުން ނަގާފައި/ ދެން އިމޭޖްސް
މި ބިމުގައި ބެކަޕް ޕަވާ ހައުސްގެ އިތުރުން ގްރިޑް ޕްރޮޖެކްޓުގެ ދަށުން ތިލަފުއްޓާއި މާލޭގެ ކަރަންޓު އެއް ވިއުގައަކުން ގުޅުވައިލަން ބޭނުންވާ 132 ކިލޮވޮޓުގެ ސަބްސްޓޭޝަނެއް ވެސް ބަހައްޓާނެއެވެ. މި ސަބްސްޓޭޝަން އަޅާނީ ތިލަމާލެ ބްރިޖާ އެކުގައެވެ.
ހުއްދަ ހޯދުމެއް ނެތި، ސްޓެލްކޯގެ ތަކެތި މާލެ ސިޓީ ކައުންސިލުން ބޭނުން ކުރިކަމުގެ ތުހުމަތާ ގުޅިގެން އަދި އެ ކައުންސިލުގެ ބަހެއް ލިބިފައެއް ނުވެއެވެ.