ވިޔަފާރި

 ގަރލްސް ޓު ކޯޑް ކުޅުދުއްފުށި ސީރީޒްގައި ބައިވެރިވާން ހުޅުވައިލައިފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ދިރާގާއި ވިމެންއިން ޓެކް މޯލްޑިވްސް ގުޅިގެން، އަންހެންކުދިންނަށް ކޯޑިން ދަސްކޮށްދޭ ޕްރޮގްރާމް  "ގަރލްސް ޓު ކޯޑް" ގެ ތިންވަނަ ޕްރޮގްރާމް ހދ.ކުޅުދުއްފުއްޓަށް އަމާޒުކޮށްގެން ބޭއްވުމަށް ރަޖިސްޓްރޭޝަންއަށް ހުޅުވައިލައިފިއެވެ.

Ads by Sosun Fihaara

މިޕްރޮގްރާމް އަމާޒުކޮށްފައި ވަނީ އުމުރުން 14 އަހަރާއި 20 އަހަރާ ދެމެދުގެ އަންހެންކުދިންނަށެވެ.  މި ޕްރޮގުރާމުގައި ދަސްކޮށްދޭ ކަންތައްތަކުގެ ތެރޭގައި އެޗް.ޓީ.އެމް.އެލް.އާއި ސީ.އެސް.އެސް އަދި ޖާވާ ސްކްރިޕްޓް ބޭނުންކޮށްގެން ވެބްސައިޓް ފަރުމާކޮށް ޑިވެލޮޕްކުރަން ހިމެނެއެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމަށް ކުރިން އެއްވެސް ވަރަކަށް ކޯޑް ކުރުމުގެ ހުނަރު ނުވަތަ ތަޖުރިބާ ހުންނާކަށް ނުޖެހޭނެއެވެ.

އަންހެން ކުދިންނަށް ކޯޑުކުރަން ދަސްކޮށް ދިނުމާއި އެ ކުދިންގެ މެދުގައި ޓެކްނޮލޮޖީއަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގްސަދުގައި ހިންގާ މި ޕްރޮގްރާމް ކުރިއަށްދާނީ ދެ މަސް ދުވަހުގެ މުއްދަތަށް އޮންލައިންކޮށެވެ.މިޕްރޮގްރާމްގެ ބައިވެރިންގެ އަތުން އެއްވެސް ފީއެއް ނުނަގާނެވެ.

ގަރލްސް ޓު ކޯޑް ޕްރޮގްރާމަކީ އަންހެން ކުދިން ޓެކްނޮލޮޖީ ދާއިރާއަށް ޝައުގުވެރިކުރުވުމާއި އަދި ހުނަރު ތަރައްގީކޮށް ދާއިރާގައި ދެމިތިބުމުގެ ނިސްބަތް އިތުރުކުރުމަށް ޓަކައި ދިރާގާއި ވިމެން އިންޓެކް މޯލްޑިވްސް ގުޅިގެން 2019 ވަނަ އަހަރުގައި ފެށި ޓްރެއިނިންގ ސީރީސްއެކެވެ. މީގެ އެންމެ ފުރަތަމަ ޕްރޮގްރާމް ބޭއްވުނީ ފުވައްމުލަކުގައެވެ. އަދި މިޕްރޮގްރާމްއަށް ލިބުނު ތަރުހީބުގެ ސަބަބުން 2021 ވަނަ އަހަރުގެ ޖަނަވަރީ މަހު ވަނީ މި ސީރީސްގެ 2 ވަނަ ޕްރޮގްރާމް ގދ.ތިނަދޫގައި ވެސް ކުރިއަށް ގެންގޮސްފައެވެ.

ކުޅުދުއްފުށިން މި ޕްރޮގްރާމުގައި ރަޖިސްޓްރީ ވާން ބޭނުންވާ ފަރާތްތަކުން https://bit.ly/girlstocodemv2021  މި ލިންކަށް ޒިޔާރަތްކޮށް ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު ހުށައަޅުއްވާށެވެ. ޕްރޮގްރާމްގައި ބައިވެރިވުމުގެ ސުންގަޑިއަކީ 15 އޯގަސްޓް 2021ގެ ނިޔަލަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!