ދީން

ތިޔަބައިމީހުންގެ ތެރޭގައިވާ އެންމެ ރަނގަޅު މީހަކީ، އެމީހެއްގެ އަހުލުންނަށް އެންމެ ރަނގަޅު މީހާއެވެ.: ޚުތުބާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައި ވަނީ ރިޒްޤް ހޯދުމަށް މަސައްކަތް ކުރުމާ ގުޅޭ ގޮތުންނެވެ.

Ads by STELCO

ޚުތުބާގައި އެންމެ ފުރަތަމަ ވިދާޅުވެފައި ވަނީ ރިޒްޤު ހޯދުމަށް ޓަކައި މަސައްކަތް ކުރުމަކީ މާތް ﷲ ހެއްދެވި މަޚްލޫޤުންގެ ކިބައިގައި ލައްވައިފައިވާ ފިޠުރީ ކަމެއް ކަމުގައެވެ. އެގޮތުން ކޮންމެ ދުވަހަކު ހެނދުނު، ކޮންމެ މީހަކު ވެސް އެކަމަށް ޓަކައި އަވަސްވެގަންނަތަން ފެންނަ ކަމަށާއި ކޮންމެ މީހަކު ވެސް އެމީހަކަށް މިންވަރު ކުރައްވައިފައިވާ ރިޒްޤު ލިބޭތޯ މަސައްކަތް ކުރާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

"އެމީހަކަށް އެނގިފައިވާ މަސައްކަތެއް ކޮށްގެންނެވެ. ނުވަތަ ލިބިފައިވާ މުދަލެއް ހޭދަ ކޮށްގެންނެވެ. މިއީ ހުރިހާ މަޚްލޫޤުންގެ ވެސް ހާލެވެ. ދޫނި ސޫފާސޫފި ވެސް ހެނދުނުވުމުން އެސޮރުމެންގެ ހާލިތަކުން އުދުހިގެން ދަނީ، އެސޮރުމެންގެ މައްޗަށް މާތް ﷲ އެ ދުވަހަށް ކަނޑައަޅުއްވައިފައިވާ ރިޒްޤު ހޯދުމަށެވެ." ޚުތުބާގައި ވިދާޅުވެފައިވެއެވެ.

ކާމިޔާބު މީހަކީ، އޭނާގެ މަސައްކަތުން އޭނާގެ ޙަޔާތް އާރާސްތު ކުރާ މީހާއެވެ. އޭނާގެ ނިތްކުރިން އޮހޮރޭ ދަލުން އޭނާގެ އުންމީދުތަކުގެ އޮށްތަކަށް ފެންދީ ހައްދާ މީހާއެވެ. އެއީ އޭނާގެ ރިޒްޤު ހޯދުމުގައި މާތް ﷲ އަށް ވަކީލު ކޮށްގެންނެވެ.

މާތް ﷲ ވަޙީ ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

އަދި ހީވެސް ނުކުރާ ފަދަ ގޮތްގޮތުން އެކަލާނގެ އޭނާއަށް ރިޒްޤު ދެއްވާނެތެވެ. އަދި ﷲއަށް ވަކީލު ކުރާ މީހާ (ދަންނާށެވެ!) ފަހެ، އޭނާއަށް އެކަލާނގެ ފުދެއެވެ. ހަމަކަށަވަރުން، ﷲ އީ އެކަލާނގެ އަމުރުފުޅު ހިންގަވައި ފުރިހަމަ ކުރައްވައި ރަސްކަލާނގެއެވެ. ހަމަކަށަވަރުން، ﷲ ކޮންމެ އެއްޗަކަށް މިންވަރެއް ކަނޑައަޅުއްވާފައިވެއެވެ.

ޚުތުބާގައި އެންމެ ބޮޑަށް ފާހަގަ ކުރައްވައިފައި ވަނީ، ރިޒްޤު ތަނަވަސްކޮށްދެއްވައި، ރިޒްޤުގައި ބަރަކާތް ލައްވާ ކަންތައްތަކުގެ ތެރޭގައި ރަޙިމުގެ ގުޅުން ދެމެހެއްޓުމާއި، ގާތް ތިމާގެ މީހުންނަށް ހެޔޮ ފޯރުވުމުގެ މުހިންމުކަމުގެ މައްޗަށެވެ. އަދި އެއީ އިސްލާމީ މަތިވެރި އަޚްލާޤުގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގައި ވެސް ޚުތުބާގައި ހަނދުމަކޮށްދެއްވައިފައިވެއެވެ.

ރަސޫލާ (ޞޢޥ) ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

ތިޔަބައިމީހުންގެ ތެރޭގައިވާ އެންމެ ރަނގަޅު މީހަކީ، އެމީހެއްގެ އަހުލުންނަށް އެންމެ ރަނގަޅު މީހާއެވެ. އަދި ތިމަންކަލޭގެފާނަކީ ތިމަންކަލޭގެފާނުގެ އަހުލުންނަށް އެންމެ ރަނގަޅު މީހާއެވެ.

ގާތްތިމާގެ މީހުންނަށް ހެޔޮ ފޯރުވުމަކީ އެކަމުގައި އެތައް ލާބަތަކެއް ހުރި ކަމެކެވެ. އޭގެ ތެރޭގައި އޭނާގެ މުދަލުގައްޔާއި، އޭނާގެ ޢުމުރުގައި ބަރަކާތްލެއްވުންވެއެވެ.

ރަސޫލާ (ޞޢވ) ޙަދީޘްކުރެއްވި އެހެން ބަސްފުޅެއްގެ މާނައިގައިވެއެވެ.

އޭނާގެ ރިޒްޤު ތަނަވަސްކޮށްދެއްވުމަށާއި، އޭނާގެ ޢުމުރު ދިގުކޮށް ދެއްވުމަށް ލޯބިކުރާ މީހާ، ފަހެ އޭނާގެ ރަޙިމުގެ ގުޅުން ގުޅުވައި، ބަދަހި ކުރާ ހުށިކަމެވެ!

މިއަދުގެ ހުކުރު ޚުތުބާގައި ވަނީ ރިޒްޤުގައި ބަރަކާތްލައްވާ ބައެއް ކަންތައްތައް ވެސް ހަނދުމަކޮށްދެއްވައިފައެވެ. އެ ގޮތުން ރިޒްޤުގައި ބަރަކާތްލައްވާ ކަންތައްތަކުގެ ތެރޭގައި ފަޤީރުންނަށާއި، މުހުތާދުވެރިންނަށް ހޭދަކުރުން ހިމެނެއެވެ. އެގޮތުން ދަތި ޙާލު ޖެހިފައިވާ މީހަކަށް ލުއި ފަސޭހަ ކޮށްދިން މީހާއަށް، މާތް ﷲ ލުއި ފަސޭހަ ކޮށްދެއްވާނެއެވެ. ކަންބޮޑުވެފައިވާ މީހެއްގެ ކަންބޮޑުވުން ފިލުވައި ދިން މީހާގެ ކަންބޮޑުވުންތައް މާތް ﷲ ފިއްލަވައި ދެއްވާނެތެވެ.

މާތް ﷲ އަޅުތަކުންނާ ކުރިމަތިވެފައިވާ ބުރަތަކުން އެމީހުން ސަލާމަތް ކުރުމަށް މަސައްކަތް ކުރާށެވެ! ތިޔަބައިމީހުންގެ ޞަދަޤާތްތަކުން، ޔަތީމުންނާއި މިސްކީނުންގެ ކަރުނަތައް ފުހެދޭށެވެ! ހަމަކަށަވަރުން ޞަދަޤާތަކީ މުދާ އިތުރު ކޮށްދެއްވައި، މުދާ ރައްކާތެރިކޮށްދެއްވާނެ ކަމެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!