ސަރުކާރުން ވަކި ކުރީ ނިކަން ރަނގަޅަށް "ހަވަރަށް" ދިނުމަށް ފަހު: ޑރ.ޝަހީމް

ސަރުކާރުން ވަޒީރުން ވަކިވާން ޖެހުނީ އަދި ވަކި ކުރީ ނިކަން ރަނގަޅަށް "ހަވަރަށް" ދީފައިކަމަށް ޑރ. މުހައްމަދު ޝަހީމް އަލީ ސަައީދު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފް ޓެގު ކުރައްވާ ޑރ. ޝަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަހްލޫފް ވަޒީރުކަމުން ވަކި ކުރާނެކަމަށް ލަފާކުރެއްވޭ ކަމަށެވެ.
"އަޅުގަނޑަށް ލަފާ ކުރެވެނީ މަނިކުފާނު އަހުމަދު މަހްލޫފް ވަޒީރުކަމުން ވަކި ކުރާނެކަމަށް. އެއީ ސަރުކާރުން މިހާތަނަށް ވަކި ކުރި ހުރިހާ ވަޒީރުން ވަކި ކުރީ ނުވަތަ ވަކި ވާން ޖެހުނީ ނިކަން ރަނގަޅަށް ހަވަރަށް ދިނުމަށް ފަހު. ވީމާ މިކަމާ ވިސްނަވާ" ޑރ. ޝަހީމްގެ ޓްވީޓުގައި ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ފައިސާ މިނިސްޓަރު މަހްލޫފަށް ލިބުނުކަމަށް ކުރެވޭ ތުހުމަތުގައި، މިނިސްޓަރުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އޭސީސީން ދެ ފަހަރެއްގެ މަތިން ވަނީ ޕީޖީ އޮފީހުގައި އެދިފައެވެ.
ޕީޖީ އޮފީހުގައި އޮތް މަހުލޫފްގެ މައްސަލައާ ގުޅޭގޮތުން މަހްލޫފު މީގެ ކުރިން ވިދާޅުވީ ކުރިން ނިންމައިގެން ހުރީ ޕީޖީ އޮފީހުން ގޮތެއް ނިންމުމުން އިސްތިއުފާ ދޭން ކަމަށެވެ. އެހެން ނަމަވެސް މިހާ ގޯސްކޮށް ޕީޖީ އޮފީސް ތެރެއިން ކަންކަން ދިޔުމާ ގުޅިގެން ދެން އިސްތިއުފާ ދިނުމާ މެދު އިތުރަށް ވިސްނާނެ ކަމަށެވެ. އަދި ޤާނޫނާއި ގަވައިދުގެ ތެރެއިން އަދި ކޮމިޝަން، ޕޮލިސް، ޕީޖީ އަދި އޭސީސީއިން އަމިއްލައަށް ގެންގުޅުއްވާ އުސޫލުތަކާ އެއްގޮތަށް ތަފާތުނުކޮށް މައްސަލަ ގެންދާނަމަ ކުރިން ދެންނެވިހެން އެންމެ ދުވަހަކު ވެސް މަގާމުގައި ދެމިނުހުންނާނެ ކަމަށް ވެސް މަހުލޫފް ވިދާޅުވިއެވެ.