ވާހަކަ

ދުރުގާވުން ހިތްނޭދޭ! (ފަހުބައި)

އަޒްކީ ، ދެން އޮންލައިން

" އެނގޭތަ ތާޝާ ބިރުގަންނަވަން އަހަރެން ކައިރީގައި ބުނީ ކާކުކަން..؟ ތާޝާގެ ލޯބިވާ ޑާޑާ.. އޭނާ ބޭނުންވީ ތާޝާ ވަރަށް ބޮޑަށް ބިރުގަންނަވައިލަން.. އަދި އޭނާ ކައިރިއަށް މެލޭއަށް ތާޝާ އެނބުރިދާން.. އަދި އެނގޭތަ މީގެ ހަތަރު އަހަރުކުރިން ޒިދާނާއި ތާޝާ ދުރުކުރުވަން މަސައްކަތް ކުރީވެސް ތާޝާގެ ތި ލޯބިވާ ޑާޑާ.. އަދި ތާޝާގެ އެކްސިޑެންޓް ވެސް.... " ޝާމިނަށް ބުނެވުނީ އެވަރަށެވެ. ތާޝާ ކުއްލި ހަރަކާތަކާ އެކު ޑްރެސިންގް ޓޭބަލް މަތީގައި ހުރި ސެންޓްފުޅި ނަގައި އަތުގައި ހުރިހާ ބާރެއްލާފައި ޝާމިންގެ ބޯމަތީގައި ޖެހިއެވެ. އެ ވަގުތު ބޮލަށް އެނބުރުން އަރައި ޝާމިން ތިރިއަށް ވެއްޓުނެވެ.

Ads by Hajj Corporation

*****

ރީތިވެގެން ޖީނާ ތިރިއަށް ފޭބީ ހަފްލާގެ ހުރިހާ ކަމެއް ހުރީ އެންމެ ރަނގަޅަށްތޯ ފަހު ފަހަރަށް ޗެކް ކުރުމަށެވެ. ރަތްކުލައިގެ ބަޓްން ޑައުން މެކްސީއެއްގައި ޖީނާ ފެންނަލެއް ވަރަށް ހިތްގައިމެވެ. އެކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނީ އަޅައިފައިވާ މަޑުމުށި ކުލައިގެ ޝޯލްއެވެ. ބާރަށް މިއުޒިކް ޖަހައިފައި ހުރުމުން ޖީނާ ހިތްހަމަ ނުޖެހޭ ގޮތްވިއެވެ. އެހެންކަމުން އެންމެ ފުރަތަމަ ވެސް ގޮސް ޖީނާ މިއުޒިކް ނިއްވައިލިއެވެ. ކޭޓެރިންގް ކަންތައްތައް ހުރީ ރަނގަޅަށްތޯ ބަލައިލާން ދާންވެގެން އެނބުރުނު އިރު ކުރިމަތީގައި ހުރި އަނީކް ފެނިފައި ޖީނާއަށް ލިބުނީ ސިހުމެކެވެ. ރަންކުލައިގެ ޓަކްސީޑޯއެއްގައި ހުރި އަނީކް ފެންނަލެއް ވަރަށް ހިތްގައިމެވެ. އެހެން ނަމަވެސް އޭނާގެ މޫނުމަތީގައި އެއްވެސް އުފާވެރިކަމެއް ނެތެވެ. ޖީނާއަށް އަދިވެސް އެ ދެ ލޮލުން ފެންނަމުން ދިޔައީ އާދޭހެވެ.

" ޔޫ ލުކް ބިއުޓިފުލް... " އަނީކް ހިނިތުންވާން މަސައްކަތް ކުރަމުން ބުންޏެވެ.

" ތެންކިއު.." ޖީނާ ވެސް ބުނެލިއެވެ. އެ ވަގުތު ޖީނާގެ ނަޒަރު ހުއްޓުނީ ތަންކޮޅެއް ދުރުގައި އޭނާއާ ދިމާލަށް ބަލަހައްޓައިގެން ހުރި ދާނިޔާލް އަށެވެ. ދާނިޔާލް ޖީނާއަށް ބަލަން ހުރީ އަލިފާނުގެ ނަޒަރަކުންނެވެ، އެ ނަޒަރުން އޭނާ ފިހެލަފާނެ ކަހަލައެވެ.

" އެކްސްކިއުޒް.." އަނީކާ ދުރަށް ހިނގައިގަތުމުގެ ކުރިން ޖީނާ ބުންޏެވެ. އަނީކް އިތުރަށް ވާހަކަ ދައްކަން ބޭނުންވި ނަމަވެސް އެފުރުސަތު ޖީނާ އޭނާއަކަށް ނުދިނެވެ. އަނީކް ދެން ހޯދައިލީ ތާޝާ ފެނޭތޯއެވެ. ތާޝާއާ ވާހަކަ ދައްކައިގެން ނަމަވެސް ކައިވެނި ހުއްޓުވަން އޭނާ ބޭނުމެވެ. ޖީނާ ދެކެ ލޯބިވާ ވާހަކަ ބުނުމުން ކައިވެނި ހުއްޓުވަން ތާޝާ އެއްބަސްވާނެކަން ޔަގީނެވެ. އަނެއްކޮޅުން ޒިދާންގެ ކުށެއް ނެތް ވާހަކަ ވެސް އޭނާ ތާޝާއަށް ކިޔައިދޭން ބޭނުމެވެ.

ދާނިޔާލްއާއި އަންސޫދާ ކައިރީގައި ވާހަކަ ދައްކަން ތިބީ އަފީފާއި ސާއިރާގެ އިތުރުން އަންފޫޒާއެވެ. ސާއިރާގެ ނަޒަރު ހުއްޓިފައި ވަނީ އަނީކްގެ ހަރަކާތްތަކަށެވެ. ދަރިފުޅުގެ ހާލާ މެދު ދެރަވި ނަމަވެސް އޭނާއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ކަމެއް ބަދަލު ކުރެވޭ ވަރަށް ވުރެ ވަގުތު ކުޑަތަން ވެއްޖެއެވެ. އެމީހުން ވާހަކަ ދައްކާ ތަނުގައި ހުއްޓަސް އަންފޫޒާގެ ބަސްމަދެވެ. އޭނާ ހުރީ ފުން ވިސްނުމަކަށް ގެއްލިފައެވެ. މޫނުމަތިން ފެންނަމުން ދިޔައީ ނުތަނަވަސް ކަމެވެ.

އެމީހުންނާ ތަންކޮޅެއް ދުރުގައި ސިޑީގެ ތަނބުކައިރީގައި ދެއަތް އުރާލައިގެން ޝާނާ ހުއްޓެވެ. އޭނާ ވިސްނަމުން ދިޔައީ ކަންތައް ކުރަންވީ ގޮތާ މެދުގައެވެ. އޭނާ އެ ހުންނަނީ ރަނގަޅު ވަގުތެއްގެ އިންތިޒާރުގައެވެ. އިރުއިރުކޮޅާ ދޮރާ ދިމާލަށް ބަލަމުން ދިޔައީ މީހަކަށް އިންތިޒާރުކުރާ ފަދައަކުންނެވެ.

" ޖީނާ ކީއްވެތަ މިއުޒިކް ނިއްވައިލީ.. މިހާރު އެއޮއް މެހެމާނުން އަންނަން ފެށީ... ހަފްލާގައި އެއްވެސް ރޫހެއް ނެތެއްނު.. އެބަ އަންނަން މިއުޒިކް އޮން ކޮށްލައިފައި.." ދާނިޔާލް ބުންޏެވެ. އޭނާ ހުއްޓުވީ އަންސޫދާއެވެ.

" މިއުޒިކް ނުލާވެސް މަޖާ ކުރެވިދާނެއްނު.. އެހެން ނޫނަސް އަހަރެންނަކަށް ހިޔެއް ނުވޭ ޖީނާ އެހާ މިއުޒިކް ދެކެ ލައިކްވާ ހެނެއް.. ޕާޓީގަ އެންމެންގެ އިހުސާސްތަކަށް ވެސް ޤަދަރުކުރަންވާނެ.. އެންމެންގެ ތެރޭގައި ތިބެދާނެ ދޯ ޖީނާ ކަހަލަ މިއުޒިކް ޖެހިމާ އުނދަގޫވާ މީހުން.. ދެން އަޅައިނުލާބަލަ އެކަމާ.. އެއޮއް އަންނަން ފެށީ ގެސްޓުން.. ދާނިޔާލްމެން ދާންވީނު އެމީހުން ކައިރިއަށް އަހަރެން އެބަ އަންނަން ތާޝާ ގޮވައިގެން.." ދާނިޔާލްގެ ކޮނޑުގައި ފިރުމައިލަމުން އަންސޫދާ ބުނުމުން ހިތާ ދެކޮޅަށް ނަމަވެސް ދާނިޔާލް އެކަން ޤަބޫލުކުރިއެވެ. އަންފޫޒާ ބަހެއް ނުބުނެ ހިނގައިގަތީ އެމީހުންނާ ދުރަށެވެ. އޭނާގެ ސިކުނޑީގައި މިވަގުތު އެތައްކަމެއް އެނބުރެމުން ދިޔައެވެ.

ދާނިޔާލަށް ކުއްލި ސިހުމެއް ލިބުނީ ދޮރުން ވަދެގެން އައި ދެމީހުން ފެނިފައެވެ. ރާއިފް ޒިދާންގެ އަތުގައި ހިފައިގެން ހުރެ އެތެރެއަށް ވަދެގެން އައިއިރު ދެމީހުންގެ މޫނުމަތިން ވެސް ފެންނަނީ ޖެހިލުން ކުޑަކަމެވެ. ޝާނާގެ ތުންފަތްމަތީގައި ކުޅެލީ ހިނިތުންވުމެކެވެ. އެވަގުތު އަނީކަށް ވެސް އެމީހުން ފެނުނެވެ. އެންމެ ބޮޑަށް ހައިރާންވީ ޒިދާން ހުރި ހާލަތު ފެނުމުންނެވެ. ޖީނާއަށް ޒިދާން ފެނުނީ އިރުކޮޅެއް ފަހުންނެވެ. އެންމެ ފުރަތަމަ ވެސް ޖީނާއަށް ނުތަނަވަސްކަމެއް ލިބުނު ނަމަވެސް ދެވަނަ ހިނދުގައި ޒިދާން ހުރި ހާލަތު ފެނުމުން އޭނާގެ މޫނަށް ވެރިވީ ކަންބޮޑުވުމެވެ.

" ކަލޭ އަދިވެސް މަރެއް ނުވޭތަ؟ ކީއްކުރަން މިތަނަށް ތިއައީ.. ކާކު ކަލޭ މިތަނަށް ވެއްދީ؟" އެމީހުން ކައިރިއަށް ގޮސް ހުއްޓެމުން ދާނިޔާލް ބުންޏެވެ. މަޑުން ވާހަކަދެއްކި ނަމަވެސް އަޑުގައި ވަނީ ހަރުކަށިކަމާއި ރުޅިއެވެ. ދާނިޔާލް ކައިރީގައި ހުރި އަފީފް ހުރީ ހައިރާންވެފައެވެ. އޭނާ ހީކުރީ އެވެސް ކޮންމެވެސް މެހެމާނެއް ކަމަށެވެ. އެހެން ނަމަވެސް ދާނިޔާލް އެމީހުންނާ ވާހަކަ ދެއްކި ގޮތުން އެއީ ދާނިޔާލް މާ ގަޔާވާ ބައެއް ނޫންކަން އެނގުނެވެ. ދުރުގައި ހުރި އަންފޫޒާއަށް ވެސް މިމަންޒަރު ފެނުނެވެ. އެވަގުތު ވާން އުޅެނީ ކިހިނެއްބާއޭ ހިތަށް އަރެމާއެކު މުޅި ހަށިގަނޑުގައި ހީބިހި ނަގައިގެން ދިޔައެވެ.

" މަންމާ... ޑާޑާ..." ބާރު އަޑަކުން ތާޝާ ގޮވައިލިއެވެ. އެ އަޑުގައި ވަނީ ތުރުތުރެއް އުފެދިފައެވެ. އަޑު އައި ދިމާލަށް އެންމެނަނަށް ބަލައިލެވުނީ އެކުއެކީގައެވެ. ސިޑިން ފައިބައިގެން ތާޝާ ދުވެފައި އައި ވަގުތު ދާނިޔާލްއަށް ތާޝާއާ ދިމާލަށް ހިނގައިގަނެވުނީ ބޭއިޚްތިޔާރުގައެވެ. ތާޝާގެ މޫނުމަތިން ފެންނަމުން ދިޔަ ބިރުވެރިކަން އެތާ ތިބި އެންމެންނަށް ވެސް ފެނުނެވެ. ޒިދާން ވެސް ހާސްކަމާ އެކު އެ ދިމާލަށް ދާން އުޅުނެވެ. އެހެން ނަމަވެސް އޭނާ ހިފެހެއްޓީ ރާއިފެވެ.

ދުވަމުން އައިސް ތާޝާ ބެއްދީ ދާނިޔާލް ގައިގައެވެ. އޭރު އޭނާއަށް ރޮވެނީއެވެ. އިސާހިތަކު ހުރިހާ އެންމެން ކަހަލަ ގޮތަކަށް ތާޝާ ކައިރިއަށް ޖަމާވެއްޖެއެވެ. އެންމެންގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ ކަންބޮޑުވުމެވެ.

" ކިހިނެއްވީ ދަރިފުޅާ...؟" ތާޝާގެ ބޮލުގައި ފިރުމައިލަމުން އަަންސޫދާ އަހައިލިއެވެ.

" ކިހިނެއްވީ ތާޝާ..؟ ކީއްވެ ތިރޮނީ؟" ދާނިޔާލް ވެސް އަހައިލިއެވެ.

" ތާޝާ އެމީހާ ކަމެއް ކުރީތަ؟ އެ ބިރުވެރި މީހާ ފެނުނީތަ؟" ރާއިފް ހިފަހައްޓައިގެން ހުއްޓާ ވެސް ގަދަކަމުން ކުރިއަށް ޖެހިލަމުން ޒިދާން އަހައިލިއެވެ. ޒިދާންގެ އަޑުއިވުމާ އެކު ތާޝާއަށް ލިބުނީ ސިހުމެކެވެ. ހިނދުކޮޅަކަށް ބޭނުންވީ ޒިދާންގެ އަތުތެރޭގައި ހިމާޔަތް ހޯދުމަށެވެ. ނަމަވެސް ޒިދާން ކުރި ކަންތައް ހަނދާންވުމުން ތާޝާ އިތުރަށް ދެރަވެ ރޮވުނީއެވެ.

" އެ ތެދެއްތަ ތާޝާ އެމީހާ ކަމެއް ކުރީތަ؟" ތާޝާ ކައިރިއަށް ޖެހިލަމުން ޖީނާ އަހައިލިއެވެ. އަނީކާއި އަންފޫޒާގެ އިތުރުން ޝާނާ ވެސް ހުރީ ތާޝާގެ ޖަވާބެއްގެ އިންތިޒާރުގައެވެ. ވާނުވާ ނޭނގިފައި ހުރީ އަފީފްގެ ދެމަފިރިންގެ އިތުރުން އަންސޫދާއެވެ. ޒިދާން ފެނުމުން އަންސޫދާ ހިތްހަމަނުޖެހުނު ނަމަވެސް އެކަމާ އަޅާނުލީ މި ވަގުތު ތާޝާއަށް ވީގޮތެއް ހޯދުން މުހިންމު ވާތީއެވެ. ރާއިފްގެ ފޯނަށް މާދިހު ގުޅީ އެވަގުތުއެވެ. ޒިދާން ނެތްކަން އެނގުނީ ކަންނޭނގެއެވެ. އަންނަންވީ ތަން ލިޔެލުމަށް ފަހު ރާއިފް މާދިހަށް މެސެޖެއް ފޮނުވައިލިއެވެ. އަދި އަންނައިރު ޒައިނާ ވެސް ގެންނަން ބުންޏެވެ.

" ކާކުތަ؟ ކޮން ބިރުވެރި މީހެއްތަ؟" ނުރުހުންވެފައި ހުރި އަންސޫދާ އަހައިލީ އޭނާއަށް ނޭނގި އެތައްކަމެއް ވެއްޖެކަމުގެ އިހުސާސް ވުމުންނެވެ.

" އެއީ ކާކުކަން އަހަރެންނަށް އެނގިއްޖެ.... އޭނާ އުޅުނީ އަހަރެންގެ އިއްފަތްތެރިކަން....." އެ ހިސާބަށް ބުނެފައި ތާޝާއަށް ރޮއެ ގަނެވުނެވެ. އެންމެ ފުރަތަމަ ދާނިޔާލްގެ މޫނުން ނުތަނަވަސްކަން ފާޅު ވިޔަސް ތާޝާ ފަހުން ބުނި ޖުމްލައާ އެކު އޭނާގެ ލޭ ހޫނު ވެގެން ދިޔައެވެ. ޒިދާންގެ މުށް ބާރުވެގެން ދިއުމާ އެކު ދަތްތަކަށް ބާރުވެގެން ދިޔައެވެ. ރުޅި އައިސްގެން މުޅި މީހާ ތުރުތުރު އަޅަމުން ދިޔައިރު އަމިއްލަ ހަށިގަނޑުގައި އަޅަމުން ދިޔަ ވޭން މަތިން ވެސް ހަނދާން ނެތް ކަހަލައެވެ.

" ކާކުތަ އެއީ؟ އޭނާގެ ދުވަސް ދުއްވާލާނީ އަހަރެންގެ މި ދެ އަތުން.." ޒިދާންގެ އަޑުބާރެވެ. އެ ވަގުތު އެންމެންގެ ނަޒަރު ޒިދާނަށް ހުއްޓުނެވެ. ތާޝާގެ މޫނުމަތިން ފެނުނީ ރުޅިވެރިކަމެވެ.

" އެއީ ކާކުކަން އެނގުނީމަ ކަލެއަށް ކުރެވެނީ ކޮންކަމެއް؟ ވަކި ކަލޭ އަހަރެންނަށް ދިން ދެރަ ކުޑަތަ؟" ދާނިޔާލްއާ ދުރަށް ޖެހިލަމުން ތާޝާ ބުންޏެވެ.

" ހަމަ މިހާރު މިތަނުން ނިކުމޭ ޒިދާން! މިތަނުގަ ކަލެއާ ބެހޭ ކަމެއް ނުހިނގާ.." ދާނިޔާލް ޒިދާނަށް އަމުރުކުރިއެވެެ.

" ޒިދާނަށް މިހަފްލާއަށް ދަޢުވަތު ދިނީ އަަހަރެން... އެއީ އަހަރެންގެ މެހުމާނެއް.." ކުރިއަށް ޖެހިލަމުން ޝާނާ ބުންޏެވެ.

" މީ އަހަރެންގެ ދަރިފުޅަށް ވަރަށް ޚާއްސަ ދުވަހެއް... ޒިދާން މި ތަނަށް އެ އައީ ކީއްވެކަން އަހަރެންނަށް ވަރަށް ރަނގަޅަށް އެނގޭ..." ދާނިޔާލް ރުޅި އައި ނަމަވެސް ވީހާ ވެސް މަޑުމައިތިރިކޮށް ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިއެވެ.

" ޒިދާން މި ތަނަށް އައީ ކީއްކުރަން ކަމެއް ކުޑަބައްޕައަށް ކިހިނެއް އެނގެނީ؟ " ޝާނާ ވެސް ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ.

" ޕްލީޒް ހުއްޓާލަބަލަ.. މި ވަގުތު މުހިންމީ ތާޝާއަށް މި ވީހާ ދުވަހު އުނދަގޫކޮށް މިއަދު އޭނާގެ އިއްފަތްތެރިކަން ފޭރިގަންނަން އުޅުނީ ކާކުތޯ ބެލުން.. " ޖީނާ ބުންޏެވެ. އޭރު ވެސް ތާޝާއަށް ރޮވެނީއެވެ.

" އެއީ ތެދެއް.. ތާޝާ ބުނެބަލަ އެއީ ކާކުތަ؟ އޭރުން އެމީހަކަށް ސަލާމަތްވާކަށް ލާހިކެއް ނޫން.." އަނީކް ބުންޏެވެ. ތާޝާ ބަލައިލީ ޝާނާ އަށެވެ. ހިތުގައި ޝާނާއާ ދޭތެރޭގައި ނަފްރަތު އުފެދިފައިވީ ނަމަވެސް ޝާމިން އެކަހަލަ ކަމެއް ކުރިކަން އެނގުނިއްޔާ ދެރަވެ ލަދު ގަންނާނެކަން ޔަގީނެވެ. ފިރިއަކު އެ ގޮތަށް އުޅޭކަން އެނގުމުން ދެރަ ނުވާނީ ކޮން އަނތްބެއް ހެއްޔެވެ؟ އެހެން ނަމަވެސް ޝާމިންގެ ހަޤީގަތް އެންމެންނަށް އެނގެން އެބަ ޖެހެއެވެ. އެފަދަ ފިރިއެއްގެ ހަޤީގަތް ޝާނާއަށް ވެސް އެނގެން ޖެހޭނެއެވެ.

" އެމީހަކީ... ޝާމިން... ޝާނާގެ ފިރިމީހާ.." ތާޝާ ދެ ލޯ މަރާ ބާރުކޮށްލަމުން ބުންޏެވެ. އެންމެންނަށް ލިބިގެން ދިޔައީ ސިހުމެކެވެ. ޙާއްސަކޮށް ޝާނާއަށެވެ. ޝާމިނަކީ އަންހެނުން ހިތި މީހެއްކަން އޭނާއަށް ކުރިން ވެސް އެނގެއެވެ. އެކަމަކު ޝާމިން އެފަދަ ދަރަޖައަކަށް ވެއްޓިދާނެކަމަކަށް އުއްމީދެއް ނުކުރެއެވެ. އެތާ ތިބި މީހުން އެއް ފަހަރު ތާޝާއަށް ބަލައިލައިފިއްޔާ އަނެއް ފަހަރު ބަލައިލަނީ ޝާނާއަށެވެ. ރާއިފް ޝާނާއާ ދިމާލަށް ބަލަހައްޓައިގެން ހުރިއިރު އެހިތަށް ކުރާނެ އަސަރު ރާއިފަށް އިހުސާސްވިއެވެ.

" ކޮބާ މިހާރު އޭނަ؟" ދެ ލޮލުން ފައިބަން ތައްޔާރުވެފައިވާ ކަރުނަތައް އެތެރެއަށް ހިންދައިލަމުން ޝާނާ އަހައިލިއެވެ. ތާޝާ، ޝާމިން އެ ކޮޓަރިއަށް ވަން ހިސާބުން ފެށިގެން ކަންތައްވީ ގޮތް އެތާ ތިބި އެންމެންނަށް ކިޔައިދިނެވެ.

" އަދި އެނގޭތަ ޑާޑާ އޭނާ ބުނީ ކީކޭކަން؟. ބުނީ އަހަރެން ބިރުގަންނަވަން އޭނާ ކައިރީ ބުނި މީހަކީ ޑާޑާއޭ.. ޑާޑާގެ ބޭނުމަކަށްވީ އަހަރެން މެލޭޝިޔާއަށް ގެންދިއުމޭ.. އަދި ބުނި މީގެ ހަތަރު އަހަރު ކުރިން އަހަރެންނާއި ޒިދާން ދުރުކުރުވީ ވެސް ޑާޑާއޭ.." ތާޝާ ބުންޏެވެ. ދާނިޔާލަށް ހީވީ ލައިލައި ހުރި ނޭވާ އެތެރޭގައި ތާށިވީ ހެންނެވެ. މޫނުމަތިން ދާހިއްލައިލީ ކުޑަހިނދުކޮޅެއްގެ ތެރޭގައެވެ. އަންސޫދާ ދާނިޔާލާ ދިމާލަށް ބަލައިލީ ލިބުނު ސިހުމެއްގެ ބޮޑުކަމުންނެވެ.

" އެކަމަކު އަހަރެން ޤަބޫލެއް ނުކުރަން.. އެއީ އަހަރެންނަށް އެނގޭ އަހަރެން މިކޮޅަށް ގެންނަން ނިކް ކައިރީގައި ބުނީ ވެސް ޑާޑާކަން.. އެހެން ނޫނަސް ޒިދާނާ އަހަރެން ވަކިވި ސަބަބު އަހަރެންނަށް އެނގޭ.. އަހަރެން ހުރިހާ ކަމެއް ހަނދާން އެބަހުރި" ތާޝާ ބުންޏެވެ. ދާނިޔާލަށް ހިތްހަމަޖެހުމުގެ ނޭވައެއް ލެވުނެވެ.

" އެދުވަހު ކަންތައްވީ ތާޝާ ތި ހީކުރާ ގޮތަކަށް ނޫން... ހަޤީގަތް އަހަރެން ކިޔައިދެންތަ؟" ޝާނާ ބުންޏެވެ.

" ޝާނާ ކީކޭ ކިޔަން ތި އުޅެނީ.. އެދުވަހު ތާޝާއަށް ފެނުނު މަންޒަރަކީ ހަޤީގަތެއް ނޫނޭތަ؟ " ތާޝާ ޖަވާބު ދިނުމުގެ ކުރިން ވާހަކަ ދެއްކީ ދާނިޔާލްއެވެ.

" އާނ! ހަޤީގަތަކީ ކޮބައިކަން އަހަރެންނަށް ވެސް އަދި ކުޑަބައްޕައަށް ވެސް ރަނގަޅަށް އެނގޭނެ.." ޖެހިލުން ކުޑަ ގޮތަކަށް ޝާނާ ބުންޏެވެ. ދާނިޔާލްގެ މޫނުމަތިން ނުތަނަވަސްކަން ފާޅުވެގެން ދިޔައެވެ. އެ މަންޒަރު ފެނި ޝާނާ ތުންފަތުގެ އެއް މިޔަކަނުން ހީލިއެވެ. ދާނިޔާލްގެ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ.

" ހުއްޓާލާ ޝާނާ.... ތިމާ މީހާ ކުރި ކަންތައް ފޮރުވަންވެގެން ދެއްކޭނެ ބަހަނާއެއް ނޯންނާނެ.. ތާޝާ އެ ރޭ އެ މަންޒަރު ދުށީ އޭނާގެ ދެ ލޮލުން... " ދާނިޔާލް ބުންޏެވެ.

" އެމަންޒަރު އޭނާއަށް ފެނުނީތަ؟ ނޫނީ އެއީ ބަޔަކު މީހުންގެ ރޭވުމުގެ ދަށުން ކުރި ކަމެއްތަ؟ ނޫނީ އެމީހުން ބޭނުންވާ ގޮތަށް އޭނާއަށް އެމަންޒަރު ދެއްކުވީތަ؟" ސީދާ ދާނިޔާލްގެ ދެލޮލަށް ނަޒަރު ހުއްޓައިލައިގެން ހުރެ ޝާނާ ބުންޏެވެ. ތާޝާގެ މޫނުމަތިން މަޑުމަޑުން ރުޅިވެރިކަން ފިލައި ވެރިވަމުން ދިޔައީ ހައިރާން ކަމެކެވެ. އަންސޫދާއަށް މަންޒަރު ބަލަން ހުރުން ނޫން ކަމެއް ނުކުރެވުނެވެ.

ޝާނާގެ ދެލޮލުން ފެންނަމުން ދިޔަ އިންޒާރުން ދާނިޔާލްގެ މުޅި ހަށިގަނޑުން ހީބިހަ ނަގައިގެން ދިޔައެވެ. އޭނާ ދެން އިޚްތިޔާރުކުރީ އެންމެ ފަހުގެ ހަތިޔާރެވެ. ބާރު އަޑަކުން ޝާނާއަށް ގޮވައިލަމުން އަތް ހިއްލައިލީ ޝާނާ ގައިގައި ޖެހުމަށެވެ. ޝާނާއަށް މޫނުމަތީގައި އަތް ހުރަސްކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ. ނަމަވެސް ޝާނާގެ ގައިގައި ޖެހުމުގެ ކުރިން ދާނިޔާލްގެ އަތުގައި ހިފެހެއްޓީ އަންފޫޒާއެވެ.

" ޚަބަރުދާރު ދާނިޔާލް! އަހަރެން ދާނިޔާލް ބުނި ކޮންމެ ގޮތަކަށް ކަންތައްކުރި ނަމަވެސް އަހަރެންގެ ދަރިންގެ ގައިގައި ޖެހުމުގެ ހުއްދައެއް ނުދެން.. ދާނިޔާލް ބުނި ކޮންމެ ކަމެއް އަހަރެން ކުރަމުން މިއައީ އެދަރިންގެ ހައްޤުގައި.. ކޮންމެ ކަމެއް ދާނިޔާލް އަހަރެން ލައްވައި ކުރުވީ އެދަރިންނަށް ބަރުބާދުކޮށްލަން ބުނެ.. އެކަމަކު ދެން އަހަރެން ހަނަކު ނުހުންނާނަން.. ތާޝާ އެއީ ބަނޑުން ނުވިހާ އަހަރެންގެ ދަރިއެއް... ދާނިޔާލްގެ ސަބަބުން އެކުއްޖާގެ ހަޔާތުން ބޭކާރުވެގެން މިދަނީ ކިތައް އަހަރު.. އަދިވެސް ވަގުތު އެބައޮތް.. ތާޝާއަށް ހުރިހާ ހަޤީގަތެއް ކިޔައިދީ.. އެހެން ނޫނީ މިކަންތައް ނިމޭނީ ދާނިޔާލް ހީވެސް ނުކުރާހާ ހިތިގޮތަކަށް.." ދާނިޔާލްގެ އަތުން ދޫކޮށްލަމުން އަންފޫޒާ ބުންޏެވެ.

" ދައްތާ ކީކޭތަ ތިކިޔަނީ؟ ދާނިޔާލް ދައްތައާއި ޝާނާ ކީކޭތަ މިކިޔަނީ؟" ދާނިޔާލާއި އަންފޫޒާގެ ދެމެދުގައި އައިސް ހުއްޓެމުން، ފަހަރަކު މީހެއްގެ މޫނަށް ބަލައިލައިފައި އަންސޫދާ އަހައިލިއެވެ. އެތާ ތިބި ކޮންމެ މީހެއްގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ ހައިރާންކަމެވެ. ޒައިނާ އާއި މާދިހު ވެސް ގެއަށް އައިސް ވަނީ އެވަގުތުއެވެ. ރާއިފާއި ޒިދާން ފެނުމާ އެކު އެ ދެމީހުން ގޮސް އެމީހުން ކައިރީގައި ހުއްޓުނެވެ.

" ރާއިފް ކީއްވެ ޒިދާން މިގެއަށް ގެނައީ؟" ޒައިނާ ވައި އަޑުން އެހެން ބުނީ ހިތްހަމަނުޖެހިފައެވެ.

" ދޮންތަ ބަލަން ހުރެބަލަ ފިލްމުގެ ބާކީބައި އަދި ކުރިއަށް އޮތީއޭ..." ރާއިފް ބުންޏެވެ. ވަމުން ދިޔަ ކަންތަކުން އޭނާއަށް ލިބެމުން ދިޔައީ އާދަޔާ ޚިލާފު ހިތްހަމަޖެހުމެކެވެ. އޭނާއާއި ޒިދާން ދުރުވީ ދާނިޔާލްގެ ސަބަބުންނެވެ. ދާނިޔާލް އެންމެންގެ ކުރިމަތީގައި ފަޟީހަތްވާތަ ން ދުށުމަކީ އޭނާއަށް ލިބޭނެ އެންމެ ބޮޑު އުފަލެވެ.

" ދާނިޔާލް އަންސޫދާއަށް ކިޔައިދީބަލަ" އަންފޫޒާ ބުންޏެވެ. ދާނިޔާލްގެ މޫނުމަތިން ފެންނަމުން ދިޔައީ އަލިފާން ކަހަލަ ރުޅިއެވެ.

" މާފުކުރޭ ކުޑަމަންމާ! އެކަމަކު ހަޤީގަތް އެންމެންނަށް އެނގެންޖެހޭ ވަގުތު އައިސް ޖެހިއްޖެ.. ކުޑަބައްޕައަކީ ކުޑަމަންމަ ތިހީކުރާކަހަލަ ރަނގަޅު އިންސާނެއް ނޫން.. އަދި ތާޝާ ތިހީކުރާ ކަހަލަ ކެއާރިންގ ބައްޕައެއްވެސް ނޫން.. ޝާމިން ތާޝާ އާ ދޭތެރޭގައި ކަންތައް ކުރީ ރަނގަޅަކަށް ނޫން.. އެކަމަކު އޭނާ އެބުނީ ދޮގުވާހަކައެއް ނޫން.. މީގެ ހަތަރު އަހަރު ކުރިން ޒިދާނާއި ތާޝާ ދުރުކުރުވީ ހަމަ ތާޝާގެ ޑާޑާ... އެކަމުގެ އެންމެ ބޮޑު ހެއްކަކީ އަހަރެން.. އަހަރެން އެގޮތަށް ކަންތައް ކުރީ ކުޑަބައްޕައާއި އަހަރެންގެ މަންމަ ބުނެގެން.." ޝާނާ އެއްވެސް ޖެހިލުމެއް ނެތި އޭރު ހިނގައިދިޔަ ހުރިހާ ކަމެއް ތާޝާ އަށް ކިޔައިދިނެވެ. އަންސޫދާ އާއި ތާޝާ ދާނިޔާލަށް ބަލައިލީ ޤަބޫލުކުރަން ދަތިވެގެންނެވެ.

" އެހަދަނީ ހުސްދޮގު.. ތިމާގެ ފިރިމީހާ ކުރި ނުބައި ކަންތަކުގެ ވާހަކަ އޮއްބާލަން ވެގެން ދައްކާ ހަޤީގަތެއް ނެތް ވާހަކަތަކެއް އެއީ..." ދާނިޔާލް އަދިވެސް ހުރީ އަމިއްލަ ކުށް ޤަބޫލުކުރާ ގޮތަކަށް ނޫނެވެ.

" ޝާނާ އެދެއްކީ ހަމަ ތެދުވާހަކަތަކެއް... އޭގެ އިތުރުންވެސް ދާނިޔާލް އެތައް ކަމެއް ކުރި... ތާޝާ ދަރިފުޅާ.. ބޮއްތަ މިބުނަން އުޅޭ ވާހަކައިން ދަރިފުޅު ވަރަށް ދެރަވާނެ.. ތާޝާ ހަނދާންވެގެން ތިއުޅެނީ މާޒީގެ އެއްްބައި.. " ތާޝާގެ ކޮނޑުގައި ފިރުމާލަމުން އަންފޫޒާ ބުންޏެވެ. އަންސޫދާއަށް ރޮވެމުން ދިޔައިރު ތާޝާގެ ހިތް ނެގިނެގިފައި ޖެހެނީއެވެ. ވަމުން ދިޔަ ކަންތަކުން އަފީފްގެ ދެމަފިރިންނަށްވެސް ލިބެމުން ދިޔައީ ޝޮކަކަށްފަހު ޝޮކެކެވެ.

" ދަރިފުޅުގެ އެކްސިޑެންޓްގެ ފަހަތުގައި ވަނީ ކާކުގެ އަތެއްކަން އެނގޭތަ؟" އަންފޫޒާ އަހައިލިއެވެ. ތާޝާގެ ނިތަށް ރޫގިނަވެގެން ދިޔައެވެ. ދާނިޔާލް ދެލޯ ބޮޑުވެގެންދިޔައެވެ. މޫނުމަތިން ދާތިކި ހިއްލައިލީ ލިބުނު ނުތަނަވަސްކަމެއްގެ ސަބަބުންނެވެ.

" ދައްތާ އާދޭސްކޮށްފަ ބުނަން.. ތިބުނަން އުޅޭ އެއްޗެއް ސީދާލަށް ބުނެބަލަ.. " އަންސޫދާގެ އަޑު ކުރެހިގެން ދިޔައެވެ.

" މާފުކުރޭ ކޮއްކޯ.. އެކަމަކު ހަޤީގަތް އޮޅުވައިލައިގެން ވަރަށް ދުވަހު ދައްތައަށް އުޅެވިއްޖެ.. މާތްﷲ ދެނެވޮޑިގެންވާނެ ދައްތަ މިދައްކަނީ ހައްޤު ތެދުވާހަކަ ކަން.. ތާޝާ އެކެސިޑެންޓް ކޮށްލީ ދެވަނަ އެހެންމީހެއް ނޫން.. ދާނިޔާލް...:" އަންފޫޒާގެ ޖުމްލައާ އެކު އެތަނަށް ބިންހެލުމެއް އައި ކަހަލައެވެ. ތާޝާއަށް އެޖުމްލަ އިވުނީ ހޮނުގުގުރިއެއް ފަދައިންނެވެ. ލިބުނު ސިހުމުގައި އަންސޫދާގައި ގައިން ވަރުދޫވެގެން ވެއްޓެން އުޅުނު ވަގުތު ހިފެހެއްޓީ ސާއިރާއެވެ. ޒިދާން ދާނިޔާލާ ދިމާލަށް ބަލައިލީ އަލިފާނުގެ ބެލުމަކުންނެވެ. އަނީކްވެސް ހުރީ ލިބުނު ޝޮކްގައި ދެލޯ ބޮޑުވެފައެވެ. ޖީނާއަށް އަނގަމަތީގައި އަތް އަޅައިލެވުނެވެ، ޝާނާވެސް ބުނާނެ އެއްޗެއް ނޭނގިފައި ހުރީ އެއީ ކުރިން އޭނާއަށް އެނގޭ ވާހަކައަކަށް ނުވީމައެވެ. މާދިހާއި ޒައިނާ އަދި ރާއިފްވެސް ހުރީ ކިޔާނެ ބަހެއް ނޭނގިފައެވެ. އެތާ ތިބި މަދު މެހެމާނުންގެ މެދުގައިވެސް ފާޑުފާޑުގެ ގޮތްގޮތައް ވާހަކަދެކެވެން ފެށުނެވެ.

ތާޝާ އަށް މުޅިތަން އެނބުރޭހެން ހީވާން ފެށިއެވެ. ލޮލަށް ސިފަވަމުން ދިޔައީ ނުސާފު މަންޒަރު ތަކެކެވެ. ސިކުނޑިއަށް ބާރުވަމުން ދިޔަވަރުން ދެއަތުން ބޮލުގައި ހިފަހައްޓައިލެވުނެވެ. މަޑު އާހެއް އަނގައިން ނިކުތެވެ. މަންޒަރު އަނދިރިވަމުން ގޮސް ގައިން ޙަބަރުހުސްވެގެން ތާޝާ ވެއްޓެން އުޅުނެވެ. އެވަގުތު އެދިމާލަށް ދާނިޔާލާއި ޒިދާން ދިޔައީ އެކުއެކީގައެވެ. ނަމަވެސް ދާނިޔާލް ކޮއްޕައިލުމަށްފަހު ވެއްޓެން ދިޔަ ތާޝާ ގައިގައި ހިފެހެއްޓީ ޒިދާނެވެ. އަންސޫދާވެސް ދުވެފައި ތާޝާ ކައިރިއަށް ދިޔައެވެ. ޒިދާންގެ ހާލަތު ހުރިގޮތުން ޒިދާނަކަށް ތާޝާ އުފުލައެއް ނުލެވުނެވެ. އެހެންކަމުން ތާޝާ އަތްމައްޗަށް އުފުލާލައިގެން ގޮސް ސޯފާގައި ބާއްވައިލީ އަނީކެވެ.

**********

ޒިދާންގެ އަތުގައި ހިފައިގެން ގެންގޮސް ދާނިޔާލް ގެއިން ނެރެލާ މަންޒަރު ބަލާކަށް ތާޝާއަކަށް ކެތެއްނުވިއެވެ. އޭނާގޮސް ކޮޓަރިއަށް ވަދެ އެތައް އިރަކު ރޯން އިނެވެ. ތާޝާ ބޭނުންވީ ވީހާވެސް އަވަހަކަށް ރާއްޖެ ދޫކޮށް ދާށެވެ. ވެދިޔަ ކަންތަކަށްފަހު ޒިދާނާ އެއް ފަސްގަނޑެއް ހުރުމަކީ އޭނާއަށް އުނދަގޫކަމަކަށްވާތީއެވެ. ލޮލުން އައިސްފައިވާ ކަރުނަތައް ފޮހެލުމަށްފަހު ތާޝާ ކޮޓަރިން ނިކުތެވެ، އޭނާގެ މިސްރާބު ހުރީ ދާނިޔާލްގެ ކޮޓަރިއާ ދިމާލަށެވެ. ނަމަވެސް އެކޮޓަރިއަށް ވަނުމުގެ ކުރިން އިވުނު ވާހަކަތަކެއްގެ ސަބަބުން ތާޝާ ހުއްޓުން އެރިއެވެ.

" އަހަރެން ބޭނުންވި ކަންތައްވެއްޖެ.. ހުރިހާ ޝުކުރެއް އަންފޫޒާ އާއި ޝާނާއަށް.. ޝާނާވެސް ހާދަ މޮޅޭ އެކްޓް ކުރަން.. އަހަރެން ބޭނުންވި ގޮތަށްވިއްޔަ ތާޝާއަށް އެމަންޒަރު ދެއްކީ.. ޕުއަރ ޒިދާން... ހަހަހަ.." ޒިދާންގެ ކުށެއް ނެތްކަން އެވަގުތު ތާޝާއަށް އެނގުނެވެ. ހަމައެހިނދު ޒިދާނާމެދު ކަންތައްކުރެވުނު ގޮތުން ދެރަވެސް ވިއެވެ. ދާނިޔާލަށް އެއްލި ކަޅިއަކުން ތާޝާ ފެނުނެވެ. ތާޝާގެ ދެލޮލުން ދާނިޔާލަށް ފެންނަމުން ދިޔައީ ރުޅުއާއި ނަފްރަތެވެ. ދާނިޔާލް ތާޝާއަށް ގޮވައިލަން އުޅުނު ވަގުތު ތާޝާ އެނބުރުނީ އަނެއްކޮޅަށެވެ. ޖީނާގެ ކޮޓަރިއާ ދިމާލަށް ދަމުން ތާޝާ އަވަހަށް ގުޅީ ޒިދާނަށެވެ.

" އަހަރެންނަށް މައާފުކުރޭ ޒިދާން.. އަހަރެންނަށް ޒިދާންގެ ކުށެއް ނެތްކަން އެނގިއްޖެ.. އަހަރެން ހަމަމިހާރު މިދަނީ ޒިދާން ކައިރިއަށް.. އަހަރުމެން އަބަދުވެސް ބައްދަލުވާތަނުން ކުޑައިރުކޮޅެއްގެ ތެރޭގައި އަހަރެން ޒިދާނާ ބައްދަލުކުރާނަން..." ތާޝާ ފޯނު ބޭއްވުމަށްފަހު ވަނީ ޖީނާ ކޮޓަރިއަށެވެ. ޖީނާ ކައިރީގައި ޒިދާންގެ އެއްވެސް ކުށެއް ނެތްވާހަކަ ބުނުމަށްފަހު ތާޝާ އެތަނުން ނިކުތީ ޒިދާން ކައިރިއަށް ދިއުމަށެވެ. ފަހަތުން ދާނިޔާލް އޭނާއަށް ގޮވަމުން އައި ނަމަވެސް ތާޝާ އެނބުރި ބަލައިވެސް ނުލައި ހިނގައިގަތެވެ. ކާރަށް އަރަން އުޅުމުން ޑްރައިވަރަށް ކާރު ދުއްވަން މަނާ ކުރީ ދާނިޔާލެވެ. އެހެންކަމުން ތާޝާ ނިންމީ ހިނގާފައިނަމަވެސް ޒިދާން ކައިރިއަށް ދާށެވެ. މަގުގެ ވަކި ހިސާބަކަށް ދެވުނުތަނާ ދާނިޔާލް ތާޝާގެ އަތުގައި ހިފައި ހުއްޓުވިއެވެ.

" އަހަރެން މިވަގުތު އެއްވެސް ވާހަކައެއް ދައްކަން ބޭނުމެއްނޫން.. އަހަރެން ބޭނުމީ އަހަރެންގެ ޒިދާން ކައިރިއަށް ދާން... " ދާނިޔާލްގެ އަތް ފޮޅުވައިލަމުން ތާޝާ ބުންޏެވެ.

" ދަރިފުޅު ޕްލިޒް ޑާޑާ މިދައްކާ ވާހަކަ އަޑުއަހާބަލަ.. ދަރިފުޅު ތި ހީކުރަނީ ރަނގަޅަކަށް ނޫން.." ތާޝާއަށް ވިސްނައިދޭން މަސައްކަތް ކުރަމުން ދާނިޔާލް ބުންޏެވެ.

" އިތުރަށް އަހަރެންނަށް ކިޔައިދޭނެ އެއްވެސް ވާހަކައެއް ނޯންނާނެ. އަހަރެންނަށް ހުރިހާ ވާހަކައެއް އަޑުއިވިއްޖެ... ކިތަންމެ ނުޤަބޫލުވިޔަސް އަހަރެން ޒިދާން ނޫން މީހަކާ ނީންނާނަން.. އަހަރެން މިދަނި ޒިދާން ކައިރިއަށް.. ދެން އެނބުރި މިގެއަށް ދުވަހަކުވެސް ނާންނާނަން.." ތާޝާ ބުންޏެވެ. ދާނިޔާލްގެ މޫނުމަތިން ފެނުނީ ނުތަނަވަސް ކަމެކެވެ. ކުރިމަތިން އެމީހުންނާ ދިމާލަށް އަންނަ ކާރު ދާނިޔަލަށް ފެނުނީ އެވަގުތުއެވެ. ކުއްލި ހަރަކާތަކާއެކު ދާނިޔާލް ތާޝާ މަގާ ދިމާލަަށް ކޮއްޕާލިއެވެ. ތާޝާއަށް ލިބުނު ސިހުމުގައި ހަޅޭއްލަވައިގަންނަން އުޅުނެވެ. ނަމަވެސް އޭގެކުރިން ކާރުގައި ޖެހިފައި އޭނާ ބުރައިގެން ދިޔައީ މާދުރަށެވެ.

*************

ހަޅޭއްލަވައިގަނެފައި ތާޝާ ފުންމައިގެން ތެދުވިއެވެ. އެންމެ ފުރަތަމަވެސް ލޮލުގައި އަޅައިގަތީ ކައިރީގައި ހުރި ޒިދާނެވެ. އަވަސް ހަރަކާތަކާއެކު ތާޝާއަށް ޒިދާން ގައިގައި ބައްދައިގަނެވުނެވެ.

" ސޮރީ ޒިދާން... އައިމް ސޯ ސޮރީ.. އަހަރެން ހުރިހާ ކަމެއްވެސް ހަނދާންވެއްޖެ.. ޕްލީޒް އަހަރެންނަށް މައާފުކުރޭ.." ތާޝާ ރޯން ފެށިއެވެ. ޒިދާނަށް ލިބުނީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ. ޝާނާއާއި ޖީނާ އަދި އަނީކަށްވެސް ހީލެވިއްޖެއެވެ. އަންފޫޒާއަށްވެސް ހިތްހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. ޒައިނާއާއި ރާއިފްވެސް އެކަކު އަނެކަކަށް ބަލާލާފައި ހިނިތުންވެލިއެވެ.

" އަހަރެންގެ ހިތް އަބަދުވެސް ތާޝާއަށް ހެޔޮ.. ތީ އަހަރެންގެ ފުރާނަން... ދެން ދުވަހަކުވެސް އަހަރެންނާ ދުރަށް ނުދާތި.. ތާޝާ އާ ދުރާގާވާން މިހިތް ދުވަހަކުވެސް ނޭދޭނެ.." ތާޝާގެ އިސްތަށިގަނޑުގައި ފިރުމައިލަމުން ޒިދާން ބުންޏެވެ.

" ތީ ބައްޕައެއްތަ؟ އެއްވެސް ބައްޕައަކު އެމީހެއްގެ ދަރިއާ މެދު ތިބައްޕަ ކަންތައްކުރި ގޮތަކަށް ކަންތައް ނުކުރާނެކަން ޔަގީން.. އަހަރެން އެކާރާ ދިމާލަށް ކޮއްޕާލިއިރު ހަމަ އެކައްޗެކޭވެސް ހިތަށް ނާރާތަ؟ ކޮންމެ މައެއްވެސް ބަފައެއްވެސް ބޭނުންވާނީ އެމީހުންގެ ދަރިންގެ އުފަލާ ހިތްހަމަޖެހުން.. އެކަމަކު ތިބައްޕައަށް އަހަރެންގެ އުފަލާ ހިތްހަމަޖެހުން މުހިންމެއް ނުވި.. މިއަދަށްފަހު ތީ އަހަރެންގެ ޑާޑާއެއް ނޫން.. އަހަރެންގެ ޑާޑާއަކީ އަހަރެންދެކެ އިންތިހާއަށް ލޯބިވާ މީހެއް..އެކަމަކު ތީ އެމީހާއެއް ނޫން.. ތީ ހަމައެކަނި އަހަރެންގެ ބައްޕަގެ ނަމުގައި ހުރި މީހެއް.. ތިބައްޕަ އަހަރެންނާ މެދު ކޮންމެ ގޮތަކަށް ކަންތައް ކުރިނަމަވެސް ކަމެއް ކޮށްދޭން ޖެހިއްޖެ ހާލަތެއްގައި އަހަރެން އެކަމެއް ކޮށްދޭނަން.. އެކަމަކު ކުރިން އޮތް ކަހަލަ ގާތްކަމެއް ނުބޭއްވޭނެ.. " ތާޝާގެ އަޑުކުރެހުނެވެ.

" އަހަރެންނަށް މައާފުކުރޭ ދަރިފުޅާ.. ތާޝާ ޒިދާނާ ބައްދަލުކުރަން ދިޔަ ނުދޭންވެގެން ވިސްނާނުލާ އަހަރެންނަށް ކުރެވުނު ކަމެއް އެއީ.." ދާނިޔާލް އިސްޖަހައިލަމުން ބުންޏެވެ.

" ދާނިޔާލް... ދާނިޔާލް މައާފަށް އެދެން ޖެހެނީ ހަމައެކަނި ތާޝާ ކައިރީގައެއް ނޫން.. ޒިދާން ކައިރީގައިވެސް.. ޒިދާންގެ ފުރާނައަށް ނުރައްކާވާފަދަ ހަމަލާއެއް ރޭގަ ޒިދާނަށް ދިނީ ދާނިޔާލް ބުނެގެން" އެންމެންނަށް ލިބުނީ އިތުރު ޝޮކެކެވެ. މިވީހާއިރު އެއްޗެއް ނުބުނެ އިން އަންސޫދާގެ ކެތްތެރިކަން ކޮޅުންލިއެވެ.

" ތީ އަޅެ އިންސާނެއްތަ؟ މިވީހާ ދުވަހު އަހަރެންނަށް ފެނުނު ދާނިޔާލްގެ ސިފަތަކަކީ ދާނިޔާލް އަހަރެންނަށް ދެއްކި ދަޅައެއް ދޯ.. އަސްލު ދާނިޔާލަކި އަނިޔާވެރި ހިތްހަރު ނުބައި ނުލަފާ އިންސާނެއް.. އަހަރެން ދާނިޔާލާ އެއްވެސް ގުޅުމެއް ބާއްވަން ބޭނުމެއްނޫން.. ވީހާވެސް އަވަހަކަށް އަހަރެން ބޭނުމީ ތިނުލަފާ އިންސާނާގެ ކައިރިން ވަރިވާން.." ދާނިޔާލަށް ފުރަގަސްދެމުން އަންސޫދާ ބުންޏެވެ.

" އަހަރެން މިހާރު މިވަގުތު މިގުޅަނީ ފުލުހުންނަށް.." މާދިހު ފޯނު ނަގަމުން ބުންޏެވެ.

" ނޫން ދޮންތަބޭ.. ފުލުހުންނަށް ގުޅާނެ ކަމެއް ނެތް.. ގުޅިޔަސް ނެތް ކަންނޭނގެ ވާނެ ފައިދާއެއް.. އަހަރެން އެއްވެސް މައްސަލައެއް ޖައްސާކަށް ބޭނުމެއްނޫން.. ކޮންމެ ގޮތެއްވިޔަސް އެއީ ތާޝާގެ ބައްޕަ.. " ޒިދާން ބުންޏެވެ. އެވަގުތު ފުރަތަމަ ފަހަރަށް ޒިދާންގެ ރަނގަޅުކަން ދާނިޔާލަށް އިހުސާސްވިއެވެ.

" ނޫން ޒިދާން.. ބައްޕައަށް އޭނާކުރި ކުށުގެ އަދަބު ލިބެން ޖެހޭނެ.. ކުޑަކޮށްވެސް އަހަރެންނަށްޓަކާ ތިހިތުގައި ލޯބިވާނަމަ އަމިއްލައަށް ފުލުުހުންނާ ހަވާލުވެ ކުރި ކުށުގެ ސަޒާ ލިބިގަނޭ.. އޭރުން ފަހަރެއްގަ އަހަރެންގެ މައާފުވެސް ލިބިދާނެ.." ތާޝާ ބުންޏެވެ. އެވަގުތު ދާނިޔާލްގެ ލޮލުން ކަރުނަ ފާއްދާލިއެވެ.

" ތިއެންމެންގެ ކިބައިން އަހަރެން ނިހާޔަތަށް މައާފަށް އެދެން .. ހާއްސަކޮށް ޒިދާނާއި ތާޝާ.. އުއްމީދުކުރަނީ ކޮންމެވެސް ދުވަހަކުން ތިއެންމެންގެ މައާފު އަހަރެންނަށް ލިބޭނެ ކަމަށް.. އަންސޫދާގެ ތިނިންމުމަށް އަހަރެން ބުނާނެ އެއްޗެއް ނެތް.. އަހަރެންނަށް މިލިބުނީ އަހަރެންކުރި ކުށްތަކުގެ ޝަޒާ... ތާޝާ ބޭނުންވި ފަދައިން މިދަނި ފުލުހުންނާ ހަވާލުވާން.. ވަންޏާ އަހަރެންނަށް މައާފުކޮށްދޭތި.." އެހެން ބުނުމަށްފަހު ދާނިޔާލް ފަސްއެނބުރި ހިނގައިގަތެވެ.

****************

އަންސޫދާ ބުނި ފަދައިން ދާނިޔާލް ކައިރިން ވަރިވީ ދާނިޔާލް ޖަލުގައި ދުވަސްތައް ހޭދަކުރަމުން ދަނިކޮށެވެ. ޝާމިންވެސް ހައްޔަރުކޮށްގެން ގެންދިޔައިރު ޝާމިން ދިޔައީ ޝާނާ ވަރިކޮށްފައެވެ. ތާޝާ އާއި ޒިދާނާއި، އަނީކާއި ޖީނާ އަދި ރާއިފާއި ޝާނާގެ ކައިވެނި ކުރެވުނީ އެކުއެކީގައެވެ. އަނީކާ އެކު ޖީނާ މެލޭޝިޔާއަށް ބަދަލުވީ އަންފޫޒާވެސް ގޮވައިގެންނެވެ. ރާއިފާއި ޝާނާ އަދި ޒިދާނާއި ތާޝާ އުޅެމުންދިޔައީ ޒައިނާމެންނާ ވަކިން ތިންކޮޓަރީގެ އެޕާޓްމެންޓެއް ހިފައިގެންނެވެ. އަންސޫދާވެސް އުޅެމުން ދިޔައީ އެގޭގައި ތާޝާ ކައިރީގައެވެ. ދިރިއުޅުމަކީ އެތަކެއް ކުލައެއް އެކުލެވިގެންވާ އެއްޗެކެވެ. ހަޔާތުގައި އަންނާނީ އުފާވެރި ދުވަސްތަކާ ދެރަވާ ދުވަސްތަކެވެ. އާއިލާ ތެރޭގައި އެކި ކަހަލަ މައްސަލަވެސް ޖެހޭނެއެވެ. ނަމަވެސް އެކަކު އަނެކަކާ ވާހަކަ ދައްކައި މައްސަލަ ހައްލުކޮށް ރީތިކޮށް އުޅުނިއްޔާ ދިރިއުޅުން ފަސޭހަވެގެން ދާނެއެވެ. ތާޝާ އަދި ޒިދާނާ ރާއިފް އަދި ޝާނާއާއި ޖީނާ އަދި އަނީކްގެ ދިރިއުޅުން އެންމެ ފުރިހަމަ ނުވެދާނެއެވެ. އެހެންނަމަވެސް އެމީހުން އުޅެމުން ދިޔައީ އުފާވެރި ދިރިއުޅުމެކެވެ. އެންމެންވެސް އުއްމީދު ކުރަމުން ދިޔައީ އުފާވެރި މުސްތަޤުބަލަކަށެވެ.

-ނިމުނީ

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!