ވާހަކަ

ދުރުގާވުން ހިތް ނޭދޭ! (އެއްތިރީސްވަނަ ބައި)

އަޒްކީ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ދުރުގާވުން ހިތް ނޭދޭ! (ފުރަތަމަ ބައި) ދުރުގާވުން ހިތް ނޭދޭ! (ދެވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތިންވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަތަރުވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފަސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަތްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އަށްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ނުވަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ދިހަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! ( އެގާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ބާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތޭރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސާދަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފަނަރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސޯޅަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސަތާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އަށާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ނަވާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ވިހިވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އެކާވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ބާވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތޭވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސައްވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފައްސަވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސައްބީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ހަތާވީސް ވަނަބައި) ދުރުގާވުން ހިތްނޭދޭ! (އަށާވީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ނަވާވީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ތިރީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އެއްތިރީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ބައްތިރީސް ވަނަ ބައި) ދުރުގާވުން ހިތްނޭދޭ! ( ތެއްތިރީސްވަނަ ބައި)

ދެން ފެނިގެން ދިޔަ މަންޒަރުން، މަންޒަރު ބަލަން ތިބި ބައެއް މީހުން ދުރަށް ދުއްވައިގަނެ އަނެއް ބަޔަކު ތިބީ ދެލޯ ބޮޑުކޮށްގެން ބަލާށެވެ. ފުލުހުންނަށް ވެސް އެތަނުން މީހަކު ގުޅީ އިރުކޮޅެއް ފަހުންނެވެ. މުޅި ތަނަށް ވެރިވެފައި އޮތީ ޒިދާންގެ ހަޅޭކުގެ އަޑެވެ. މުޅިތަން ލޭގެ ކޯރަކަށް ވެގެން ދިޔައީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ.

Ads by STELCO

*****

" ޝާނާ ކުރިން ވެސް ބުނީމެއްނު އަހަރެންނަށް ހަޤީގަތް ކިޔައިދޭނަމޭ.. ދެން މިހާރު ކީއްވެ ޖަވާބެއް ނުދެވިފަ ތި އިންނަނީ..؟ އަހަރެންނަށް އެ ރޭ އެ ފެނުނީ ހަޤީގަތެއްތަ؟ ނޫނީ އެކަމުގެ ފަހަތުގައި އެހެން ސިއްރެއް އުޅެނީތަ؟" އަނެއްކާ ވެސް ވާހަކަ ދެއްކީ ރާއިފެވެ. ޝާނާގެ މޫނުމަތިން ފެންނަމުން ދިޔައީ ޖެހިލުންވުމެވެ. އެހެން ނަމަވެސް ހަޤީގަތް ކިޔައިދީގެން ނޫނީ އޭނާއަށް ހަމަޖެހުމެއް ވެސް ނުލިބޭނެއެވެ. މިހާރު އޭނާ އެއީ ކުރީގެ ޝާނާއެއް ނޫނެވެ. އޭނާއަށް އައި ހެޔޮ ބަދަލު ދެނެވޮޑިގެންވާނީ ހެއްދެވި ފަރާތެވެ. އޭނާގެ ސަބަބުން ބައެއްގެ ދިރިއުޅުން މި ވަނީ ހަލާކުވެފައެވެ. ކުރެވުނު ކުށް ފާފަތަކަށް ތައުބާ ވެވިއްޖެއެވެ، ދެން އޮތީ އޭނާއަށް ހެދުނު ގޯސްތަކަށް އިއުތިރާފްވެ އޭނާގެ ސަބަބުން ގެއްލުން ލިބުނު މީހުންގެ ކިބައިން މައާފަށް އެދުމެވެ.

" އަހަރެންނަށް މައާފުކުރޭ ރާއިފް! އަހަރެންގެ ސަބަބުން އެތައް ދިރިއުޅުމެއް ހަލާކުވެއްޖެ.. ރާއިފާއި ޒިދާން އަދި ތާޝާގެ ހިތްހަލާކުވީ އަހަރެންގެ ސަބަބުން، އަހަރެންގެ ފިރިިމީހާގެ ދިރިއުޅުން ބަރުބާދުކޮށްލީ ވެސް ޚުދު އަހަރެން.." ޝާނާ ބުންޏެވެ. އެ ވަގުތު އޭނާގެ ކޯތާފަތް ހުރަސްކޮށް ކަރުނައިގެ ރޮނގެއް ފޭބިއެވެ. ރާއިފަށް ބުނާނެ ބަހެއް ނޭނގުނެވެ. ޝާނާ ބުނަން އެ އުޅެނީ ކީކޭ ހެއްޔެވެ؟

" ޒިދާންގެ އެއްވެސް ކުށެއް ނެތް ރާއިފް.. އެއީ ވަރަށް ރަނގަޅު މާތް އިންސާނެއް... ކުރި ކުށެއް ކުރީ އަހަރެން.." ޝާނާ ބުންޏެވެ.

" ޝާނާ ބުނަން ތި އުޅެނީ ކީކޭ؟ އަހަރެންގެ ދެ ލޮލަށް އެ ރޭ ފެނުނީ ރަނގަޅު މަންޒަރެއް ނޫނޭތަ؟ ނޫނީ އަހަރެންގެ ދޮންބެ ބުނިހެން އަހަރެން ދެ ލޯ އަހަރެންނަށް ކެހި ދިނީތަ؟" ރާއިފް ބުންޏެވެ. އޭނާގެ ސިކުނޑީގައި ވަނީ ބޮޑު ހައިޖާނުގަނޑެއް އުފެދިފައެވެ.

" އެރޭ ރާއިފަށް ފެނުނު މަންޒަރު އެހެން މީހަކަށް ފެނުނު ނަމަ އެ މީހަކު ވެސް ހީކުރާނީ ރާއިފް ތި ހީކުރި ގޮތަށް.. ތާޝާއަށް ވެސް ވީ އެހެން... އެރޭ ޒިދާނަށް ގުޅައިފައި ކޮޓަރިއަށް އައިސް ދިނުމަށް އަހަރެން ބުނީ ވަރަށް ބޮޑު ވާހަކައެއް ދައްކަންވެގެންނޭ ބުނެ.. ޒިދާން އުޅުނީ ތާޝާ ގޮވައިގެން އަންނަން އެކަމަކު އަހަރެން އެކަމަށް މަނާކުރީ.. ޒިދާން ވަރަށް މަސައްކަތް ކުރި ކޮޓަރިއަށް ނައިސް ވޭތޯ.. އެތައް ފަހަރަކު ބުނި ބޭރަށް އަންނާށޭ ވެސް އެކަމަކު އަހަރެން ކުރު ނުކުރިން.. އެންމެފަހުން ޒިދާން އަންނަން އެއްބަސްވީ އަހަރެން ކުރު ނުކުރުމުން.. ޒިދާނަށް ނޭނގުނީ އެއީ ބައެއްގެ ރޭވުންކަން.. އެމީހުން މާކުރިން ޒިދާންގެ ޖޫސް ތައްޓަށް ބޭހެއް އަޅައިފައި ހުރީ.. އަހަރެންގެ ކޮޓަރިއަށް ވަންއިރު ޒިދާން ހުރީ ބޮލަށް އެނބުރުން އަރައިފައި.. އަހަރެންގެ އެނދުމަތީގައި ޒިދާން ބޭއްވީ އަހަރެން.. އޭނާގެ ގަމީސް ބާލައިފައި ތިރީގައި ބޭއްވުމަށް ފަހު އޭނަ ގާތުގައި އަރާ އޮށޯވެ ރަޖާގަނޑު އަަޅައިގެން އަހަރެން އޮތީ ތާޝާ ކޮޓަރިއަށް އަންނާނެ އިރަކަށް އިންތިޒާރުކޮށްގެން.. އަހަރުމެން ބޭނުންވީ ހަމައެކަނި ތާޝާއަށް އެ މަންޒަރު ދައްކަން އެކަމަކު އެމަންޒަރު ރާއިފަށް ވެސް ފެނުނީ.. އެމީހުން ބޭނުންވީ ޒިދާނާއި ތާޝާ ދުރުކުރަން..." ޝާނާ ކިޔައިދިނެވެ. ރާއިފް އިނީ ބަސް ހުއްޓިފައެވެ. ޒިދާންގެ އެއްވެސް ކުށެއް ނެތްކަން އެނގުނު ހިނދު ރާއިފްގެ ހިތަށް ވަރަށް އަސަރުކުރިއެވެ. ބޭބެއެއް ފަދަ އެންމެ ގާތް އެކުވެރިޔާއާ ދިމާލަށް ހިތުހުރި އެއްޗެއް ގޮވުނީ އޭނާގެ އެއްވެސް ކުށެއް ނެތިއެވެ. ޒިދާނަށް ޝައްކުކޮށް ގުޅުން ކަނޑައިލެވުނީ އޭނާއަށް އެންމެ އިތުބާރުކުރަން ޖެހޭ ފަރާތެވެ. ގާތް އެކުވެރިއެއްގެ ރޯލު އަދާކުރުމުން އޭނާ މުޅިން ފެއިލްވެއްޖެއެވެ. ޝާނާ ދެކެ އިންތިހާއަށް ރުޅި އާދެވުނެވެ. އެހެން ނަމަވެސް ޝާނާ ކިޔައިދިން ގޮތުން އެކަމުގެ ފަހަތުގައި އިތުރު ބަޔަކު އެބައުޅެއެވެ. މިވަގުތު އެއީ ކޮންބައެއްކަން އެނގުން މުހިންމެވެ. ތާޝާއަށް ވެސް ހަޤީގަތް ކިޔައިދީ އޭނާގެ އެކުވެރިޔާގެ ދިރިއުޅުން އާބާދު ކުރެވޭނީ އޭރުންނެވެ،

" އަހަރެން ހިއެއް ވެސް ނުކުރަން ޝާނާ ތި ފަދަ ދަށު ދަރަޖައަކަށް ވެއްޓިދާނެ ކަމަކަށް.. ޒިދާނާއި ތާޝާ ދުރުކުރީމަ ޝާނާއަށް ލިބެނީ ކޮން އުފަލެއް؟ އެމީހުން ޝާނާއަށް ކޮން ގެއްލުމެއް ދިނީ؟" ރާއިފް އަހައިލީ ހިތްހަމަނުޖެހިފައެވެ. އެވަގުތު ބަހެއް ބުނަން އުޅެފައި ވެސް ޝާނާ ހުއްޓުނީ އެ ތަނަށް ވެއިޓަރަކު އައިސް ހުއްޓުމުންނެވެ. އެމީހުން އޯޑަރު ކުރި ތަކެތި އެތާ ބެެހެއްޓުމަށް ފަހު ދިއުމުން ޝާނާ ރާއިފާ ދިމާލަށް ބަލައިލީ ކުށްވެރިއަކު ފަދައިންނެވެ.

" އަހަރެން އެ ގޮތަށް ކަންތައް ކުރީ ތާޝާއާއި ޒިދާންގެ ފަރާތުން އަހަރެންނަށް ގެއްލުމެއް ލިބިގެނެއް ނޫން..!! އަހަރެންގެ އަމިއްލަ އެދުމެއް އޮވެގެން އެގޮތަށް ކަންތައް ކުރެވުނީ،،.." އިސްޖަހައިލަމުން ޝާނާ ބުންޏެވެ.

" އަމިއްލަ ކޮން އެދުމެއް؟ ޝާނާ އަތުގަ ނެތީ ކޯއްޗެއް؟ ޝާނާ ތީ ތަނަވަސް އާއިލާއެއްގެ އެންމެންގެ ލޯބި ލިބިފައިވާ ރީތި ކުއްޖެއް.. ކޮންކަމެއް ޝާނާއަށް ނުވީ؟ " ރާއިފްގެ އަޑުގައި އަދިވެސް ވަނީ ހިތްހަމަނުޖެހުމެވެ.

" އާއިލާއާއި ފައިސާއަކީ ހުރިހާ އެއްޗެއް ނޫން.. ދިރިއުޅުމަށް ޓަކައި ބައިވެރިއެއް ވެސް ބޭނުންވޭ... އަހަރެންނަށް އަމިއްލަ އެދުން އިސްކުރެވުނީ އެހެންވެ.. އަހަރެން ބޭނުންވީ ލޯބި ހާސިލުކުރަން.." ޝާނާ ބުންޏެވެ. ރާއިފް ޝާނާއަށް ބަލައިލީ ހައިރާން ވެފައެވެ.

" ލޯބި؟ އަހަރެންގެ ފަރާތުން ޝާނާއަށް ލޯބި ނުލިބުނީތަ؟ އަހަރެން ޝާނާ ދެކެވީ ތެދުވެރި އަދި މަތިވެރި ލޯތްބެއް.. އަހަރެން ޝާނާއަށް ދުވަހަކު ވެސް ބޭވަފާތެރިއެއް ނުވަން.. ދެން ކީއްވެ؟ " ރާއިފް އަހައިލިއެވެ.

" ތެދެއް ތި ބުނީ ރާއިފް.. ރާއިފްގެ ފަރާތުން އަހަރެންނަށް ލިބުނު ލޯތްބާއި އަޅާލުން ދެން އެހެން މީހެއްގެ ފަރާތުން ލިބޭނެ ހެނެއް ހިޔެއް ނުވޭ... އެކަމަކު އެކަން އިހުސާސް ކުރެވުނު އިރު މާލަސްވެއްޖެ.. އޭރު އަހަރެންނަށް ނުވިސްނުނީ.. ރާއިފް! މިބުނާ ވާހަކައިން ރާއިފް ދެރަވެ ރުޅި އަންނާނެކަން އަހަރެންނަށް އެނގޭ.. ފަހަރެއްގަ ރާއިފް ދުވަހަކު ވެސް އަހަރެންނަށް މައާފު ނުކޮށްފާނެ.. އެކަމަކު މިއަދު އެއްވެސް ކަމެއް އޮޅުވައިލާކަށް އަހަރެން ބޭނުމެއް ނޫން.. އަހަރެންނަށް ކުރެވުނު ފާފަތަކަށް މިއަދު އަހަރެން މިހިރީ ތައުބާ ވެގެން... ދެން ބޭނުމީ އަހަރެންގެ ފަރާތުން ދެރަ ލިބުނު އެންމެންގެ ކިބައިން މައާފު ހޯދުން" ޝާނާ ބުންޏެވެ. ރާއިފް ވަކި އެއްޗެއް ނުބުނެއެވެ. ޝާނާ ބުނަން އެ އުޅެނީ ކޮން ވާހަކައެއްހޭ ހިތަށް އެރިއެވެ.

" ރާއިފް! އަހަރެން އޭރު ރާއިފާ ރައްޓެހިވިއިރު ކުޑަކޮށް ވެސް ރާއިފް ދެކެ ލޯތްބެއް ނުވޭ... ގޮތަކަށް ބުނަންޏާ އެއީ އަހަރެން ކުޅުނު ކުޅިގަނޑެއް.. " ޝާނާގެ އެބަސްތައް ރާއިފްގެ ހިތަށް ހެރުނީ ތޫނު ކަށިތަކެއް ފަދައިންނެވެ. ހިތަށް އިހުސާސްވި ތަދު ފެންނަން ފެށީ ރާއިފް ދެ ލޮލުންނެވެ. އިސާހިތަކު އެ ދެ ލޯ ކަރުނައިން ފުރުނެވެ.

" ކީކޭ؟ ކީއްވެ؟ އަހަރެންނާ އެކު އެވަރުގެ ބޮޑު ކުޅިގަނޑެއް ކުޅުނީ ކީއްވެ؟" ރާއިފް ކުރެހިފައިވާ އަޑަކުން އަހައިލިއެވެ.

" ސުކޫލުގެ އެންމެ ފަހު އަހަރުތަކުން ފެށިގެން އަހަރެންގެ ހިތުގައި ރަސްކަން ކުރަމުން ދިޔައީ އެންމެ އިންސާނެއް.. އެއީ ޝާމިން..އަހަރެން އޭނާ ދެކެ އިންތިހާއަށް ލޯބިވިން.. އެ ވާހަކަ އޭނާ ކައިރީގައި ބުނަން ވެސް ބުނިން.. އެކަމަކު،،، އޭނާ އަހަރެން ދެކެ ލޯތްބެއް ނުވޭ.. އެ ވާހަކަ އޭނާ އަހަރެން ކައިރީގައި އެތައް ފަހަރަކު ބުނި.. އެކަމަކު އަހަރެންމީ އެހާ ގޮތް ދޫކުރާ އިންސާނަކަށް ނުވާތީ އަހަރެން ބޭނުންވީ ކޮންމެ ހާލެއްގައި ވެސް އޭނަ ހާސިލް ކުރަން.. ޝާމިންގެ ބައްޕައަކީ އަހަރެންގެ ކުޑަބައްޕަގެ ބިޒްނަސްގެ ބައިވެރިއެއް... ޝާމިނާ ކައިވެނި ކުރަން ބޭނުންވާ ވާހަކަ ބުނުމުން ކުޑަބައްޕަ އަހަރެންނަށް ކަނޑައެޅީ ޝަރުތެއް.. އެއީ ކޮންމެހެން ވެސް ޒިދާނާއި ތާޝާ ދުރުކުރުން... އެހެންކަމުން އަހަރެން ރާއިފާ ރައްޓެހިވީ ކުޑަބައްޕައާއި އަހަރެންގެ މަންމަގެ އެދުމުގެ މަތިން..  އަހަރެން އެކި ގޮތްގޮތުން މަސައްކަތް ކުރިން އެމީހުން ދުރުކުރެވޭތޯ އެކަމަކު އެ ދެ މީހުންގެ ދެމެދުގައިވާ ވަރުގަދަ ލޯތްބެއްގެ ސަބަބުން އެކަން ކާމިޔާބު ވާގޮތެއް ނުވި... އެންމެ ފަހުން ކުޑަބައްޕަ މިކޮޅަށް އައިސް އެމީހުންގެ ރޭވުމުގެ ދަށުން އެ ރޭ އަހަރެން އެގޮތަށް ކަންތައް ކުރީ.. ކުރެވުނީ ކިހާވަރެއްގެ ކަމެއްކަން އަހަރެންނަށް ނުވިސްނުނީ.. އަހަރެން ބޭނުންވީ އެންމެ ކަމެއް.. އެއީ ޝާމިން އަހަރެންގެ މިލްކަކަށް ހެދުން... އެކަމަކު މީހުން ބުނެެއެއްނު އެކަކަށް ދެރައެއް ދީފަ އަނެކަކަށް އުފަލުގައެއް ނޫޅެވޭނޭ.. އަހަރެންނަށް ވެސް ވީ އެހެން.. އަހަރެން ބޭނުންވި ގޮތަށް ޝާމިނާ ކައިވެނި ކުރެވުނު ނަމަވެސް އޭނާގެ ފަރާތުން އަހަރެންނަށް ކުޑަ ވެސް ލޯތްބެއް ނުލިބުނު.. ބަދަލުގައި އޭނާގެ ފަރާތުން ކޮންމެ ދުވަހަކު ވެސް އަހަރެންނަށް ލިބެމުން ދިޔައީ ވޭނާ ހިތްދަތިކަން... ކައިވެނިކޮށްގެން މިހާ ދުވަސްވީއިރު ވެސް ދެމަފިރިންގެ ދެމެދުގައި އޮންނަން ޖެހޭ ފަދަ ގުޅުމެއް އަހަރުމެންގެ ދެމެދުގައެއް ނެތް.. ޝާމިން މިއަދު އަހަރެން ވަރި ކުރިއަސް އަހަރެންގެ އިއްދައެއް ނޯންނާނެ.. މިބުނި އެއްޗެއް ރާއިފަށް ވިސްނޭނެ ކަމަށް ހީކުރަން..." ޝާނާއަށް ރޮވެން ފެށުނެވެ. އެންމެ ފުރަތަމަ ރާއިފް ޝާނާއާ ދިމާލަށް ހަޅޭއްލަވައި ގަންނަން ބޭނުންވި ނަމަވެސް ޝާނާ ރޯތަން ފެނުމުން ރާއިފް ފަސްޖެހުނެވެ. އެ ވެސް އޭނާގެ ހިތުގައި އަދިވެސް ޝާނާއަށް ޓަކައި ވާ މަތިވެރި ލޯބީގެ ސަބަބުންނެވެ. ބައެއް ފަހަރު ލޯތްބަކީ މީހާ އެހާ ނިކަމެތިކޮށްލާ އެއްޗަކަށް ވަނީ ކީއްވެ ހެއްޔެވެ؟ ޝާނާ އޭނާއާ މެދު އެފަދަ ގޮތަކަށް ކަންތައް ކުރުމުން ވެސް ރުޅި އައުމުގެ ބަދަލުގައި އޭނާ ރޯ ތަން ފެނުނީމަ ހިތަށް ކެތް ނުވަނީއެވެ.

" އެހެން އަންހެން ކުދިންނަށް ގުޅައިގެން ލޯބީގެ އެތަކެއް ވާހަކައެއްް ދައްކަނީ އަހަރެންގެ ކުރިމަތީގައި. އެހެން އަންހެންކުދިންގެ ތަންމަތި ފަޅުފިލުވައިދެމުން ގެންދިޔައީ އަހަރެންނަށް ސިއްރަކުން ނޫން... އެކަމަކު ވެސް އަހަރެން ހިތްވަރު އެލުވައެއްނުލަން... ކޮންމެވެސް ދުވަހަކުން އޭނާ ބަދަލުވާނެ ކަމަށް އުއްމީދުކުރިން... އޭނާގެ ލޯބި ހޯދަން އެތައް މަސައްކަތެއް ކުރިން... އެކަމަކު އެހުރިހާ މަސައްކަތެއްވީ ނާކާމިޔާބު.. އަހަރެންނަށް އިތުރު ހިތްދަތިކަމެއް ނޫނީ ނުލިބުނު... ލޯތްބަކީ ގަދަކަމުން ހޯދޭނެ އެއްޗެއް ނޫންކަން އެނގުނުއިރު ވަގުތު ފާއިތުވެއްޖެ..." ޝާނާއަށް ގިސްލެވެން ފެށުނެވެ. އެންމެ ފުރަތަމަ ޝާނާ ދެކެ އިންތިހާއަށް ރުޅި އައި ނަމަވެސް މިހާރު ޝާނާ ރޯތަން ފެނުމުން ރާއިފްގެ ހިތް މަޑުކަފަކޮޅަށް ވެގެން ދިޔައެވެ. މޭޒުމަތީގައި ހުރި ޓިޝޫފޮށިން ޓިޝޫއެއް ދަމާލުމަށް ފަހު ޝާނާއަށް ދިއްކޮށްލިއެވެ. ޝާނާ ރާއިފް އަތުން ޓިޝޫ އަތުލުމަށް ފަހު ދެ ލޯ ފޮހެލިއެވެ. އެ ވަގުތު ވެސް ރާއިފްގެ ހިތްހެޔޮކަން ހިތަށް އަރައިފައި ޝާނާ އިތުރަށް ހިތްދަތިވިއެވެ.

" އަހަރެންނަށް މައާފުކުރޭ ރާއިފް އަހަރެންގެ ސަބަބުން ރާއިފްގެ ދިރިއުޅުން ވެސް ހަލާކުވީ.. ތާޝާއާއި ޒިދާންގެ ގުޅުން ވެސް ބަރުބާދުވީ އަދި ޝާމިންގެ ހަޔާތްވެސް ބަރުބާދުވީ އަހަރެންގެ ސަބަބުން... " އަދިވެސް ޝާނާއަށް ގިސްލެވެނީއެވެ.

" އެކަމަކު..ދެން އިރާދަކުރެއްވިޔާ ހުރިހާކަމެއް ވެސް ރަނގަޅުވާނެ.. އަހަރެން ތާޝާއަށް ހުރިހާ ހަޤީގަތެއް ކިޔައިދޭނަން..." ޝާނާ އެހެން ބުނީ ވަރުގަދަ އަޒުމަކާ އެކުއެވެ.

" ތިކަމުގަ ކުށްވެރި ވަނީ ހަމައެކަނި ޝާނާ އެކަންޏެއް ނޫން... ޝާނާގެ މަންމައާއި ކުޑަބައްޕަ ތިކަމުގަ އެންމެ ބޮޑު ގޯހެއް ހެދީ... ޝާނާއަށް ވިސްނައި ދިނުމުގެ ބަދަލުގަ ޝާނާގެ އިހުސާސްތަކުގެ ބޭނުން ހިފައިގެން އެމީހުންގެ މަޤްސަދު ހާސިލްކުރަން އެމީހުން އުޅުނީ.. އެމީހުންނަށް ބޭނުން ގޮތަކަށް އަހަރުމެންގެ ދިރިއުޅުމާ ކުޅެވިއްޖެ.. ދެން މިހާރު އެމީހުން ކުރި ކުށުގެ ޝަޒާ އެމީހުންނަށް ލިބެން ޖެހޭ ވަގުތު އައިސް ޖެހިއްޖެ... ތި މީހުންގެ ހަޤީގަތް އެންމެންގެ ކުރިމަތީގަ ހާމަކުރަންވީ ވަގުތު އައިސް ޖެހިއްޖެ.. އިރާދަކުރެއްވިއްޔާ ޒިދާނާއި ތާޝާއަށް ދެން އޮތީ އުފާވެރި ދުވަސްތަކެއް.." ރާއިފް ބުންޏެވެ.

" ތާޝާ އެއީ ކުރީގެ ތާޝާއެއް ނޫން ރާއިފް.. އޭރުގަ ހިނގި އެކްސިޑެންޓެއްގެ ސަބަބުން ތާޝާގެ ހަނދާންތައް ވަނީ ގެއްލިފަ.. " ފަހުން ހިނގި އެއްވެސް ކަމެއް ނޭނގޭ ހާލުގައި ޝާނާ ބުންޏެވެ.

" އަހަރެންނަށް ތިކަން އެނގޭ! އަދި ޒިދާނަށް ވެސް... " ރާއިފް ބުނި އެއްޗަކުން ޝާނާއަށް ހައިރާންކަމެއް ލިބުނެވެ.

" ކީކޭ؟ އެކަމަކު ކިހިނެއް؟" ޝާނާ ހައިރާންވެފައި އަހައިލިއެވެ.

" ތާޝާ މިކޮޅަށް އައި ފަހުން ވެސް އުޅެނީ ޒިދާނާ އެއްކޮށް.. އޭނާ އެއްވެސް ކަމެއް ހަނދާން ނުވިޔަސް އެ އިހުސާސްތައް އޭނާއާ އެކު ވާތީ ކަންނޭނގެ އަނެއްކާ ވެސް ޒިދާނާ ގުޅުނީ.. އެކަމަށް އެންމެ ބޮޑު އެހީތެރިވީ ޖީނާ... " ރާއިފް ކިޔައިދިނެވެ. ޖީނާގެ ހިތްވަރާ މެދު ވިސްނައިލައިފައި ޝާނާ ހައިރާންވިއެވެ. މަންމަ އަންފޫޒާ އެވަރަށް މަނާކުރުމުން ވެސް ފަސްޖެހުމެއް ނެތި ތާޝާއާއި ޒިދާން ގުޅުވަން މަސައްކަތް ކުރީއެވެ، ކުރިން އޭނާ ހީކުރީ ފިނޑީ ޖީނާ ކަމަށެވެ. އެހެން ނަމަވެސް މިހާރު ފިނޑީ ކާކުކަން އޭނާއަށް ވަރަށް ރަނގަޅަށް އެނގިއްޖެއެވެ. މައިމީހާގެ ބަސް އަހައިގެން ކުރިކަމަކުން އޭނާއަށް ފަައިދާއެއް ނުވިއެވެ. ޝާނާގެ ހިތުގައި ބޮޑު ސުވާލެއް އުފެދުނީ އިރުކޮޅެއް ފަހުންނެވެ.

" ދެން ކީއްވެ ތާޝާ އަނީކާ އިންނަން އެއްބަސްވީ؟" ޝާނާ ހައިރާންވެފައި އަހައިލިއެވެ. ރާއިފްގެ މޫނުމަތިން ވެސް ފެނުނީ ހައިރާން ކަމެކެވެ.

" ކާކު އަނީކަކީ؟" ރާއިފް އަހައިލިއެވެ.

" އެއީ ކުޑަބައްޕަގެ ރަހުމަތްތެރިއެއްގެ ދަރިއެއް.. ތާޝާ މިކޮޅަށް ގޮވައިގެން އައީ އޭނަ.. އެމީހުން މާދަން ކައިވެންޏަށް ރަންކިޔާ ގޮތަށް ހަމަޖެހިފަ އޮތީ.." ޝާނާ ބުންޏެވެ. ރާއިފްގެ ހިތް ނުތަނަވަސް ވިއެވެ. ތާޝާ އަނީކާ އިންނަން އެއްބަސްވީ އޭނާގެ ސަބަބުން ހެއްޔެވެ؟ ތާޝާ އެހެން މީހަކާ އިންނަން އުޅޭކަން ޒިދާނަށް އެނގޭ ހެއްޔެވެ؟ އެނގިއްޖެ ނަމަ ޒިދާން އިންތިހާއަށް ދެރަ ވާނެއެވެ.

ޖީބުގައި އޮތް ފޯނު ރިންގުވާން ފެށީ އެ ވަގުތުއެވެ. ފޯނު ނަގައިފައި ބަލައިލިއިރު އަރާފައި އޮތީ މާދިހުގެ ނަމެވެ. ރާއިފް ފޯނު ނެގުމަށް ފަހު ކަންފަތުގައި ޖައްސައިލައި ހަލޯއޭ ބުނެލިއެވެ. މާދިހު ދިން ޚަބަރާ އެކު ރާއިފަށް ހީވީ ދުނިޔެ އެނބުރިގަތްހެންނެވެ. މޫނު ހުދު ކަފަކޮޅަކަށްވެ ދެލޯ ފުރިގެން އައީ ލިބުނު ސިހުމާއި ހިތަށް ކުރި ފުން އަސަރަކުންނެވެ. އަތުން ފޯނު ދޫވެގެން ވެއްޓުނީ ބޭއިޚްތިޔާރުގައެވެ. ރާއިފަށް އައި ކުއްލި ބަދަލުން ޝާނާ ވެސް ހާސްވިއެވެ.

" ރާއިފް! ކިހިނެއްވީތަ ކަމެއް ގޯސްވީތަ؟" މޭޒުމަތީގައި އޮތް ރާއިފްގެ އަތް މަތީގައި އަތް ބާއްވައިލަމުން ޒިދާން އަހައިލިއެވެ.

" ކޮންމެވެސް ބައެއް ޒިދާނަށް ތޫނު އެއްޗަކުން ހަމަލާ ދިނީ.. އޭނާގެ ހާލު ދެރަ.. " ރާއިފް ބުނި އެއްްޗަކުން ޝާނާއަށް ވެސް އަނގަމަތީގައި އަތް އަޅައިލެވުނީ ލިބުނު ސިހުމަކުންނެވެ.

" އަހަރެން މިދަނީ ހޮސްޕިޓަލަށް...." ވެއްޓިފައި އޮތް ފޯނު ނަގަމުން ރާއިފް އަވަސް ހިނގުމެއްގައި ހިނގައިގަތެވެ. މޭޒުކައިރީގައި ބަހައްޓައިފައި ހުރި ބާޒާރުކުރި ކޮތަޅުތައް ހިފައިގެން ޝާނާ ވެސް އެތަނުން ދާން ހިނގައިގަތެވެ. ނިކުންނަން އުޅެފައި ވެސް ކުއްލިއަކަށް ހަނދާންވެގެން ކަހަލަ ގޮތަކަށް އެނބުރި އައިސް ފަސް ސަތޭކަ ރުފިޔާ މޭޒުމަތީގައި ބޭއްވުމަށް ފަހު އަނެއްކާ ވެސް ނިކުންނަން ހިނގައިގަތެވެ. އޭރު އެމީހުން އޯޑަރު ކުރި ބުއިންތައް ވެސް ހުރިގޮތަށް ހުއްޓެވެ.

ހޮސްޕިޓަލަށް ދާން ފުރަތަމަ ހިތަށް އެރި ނަމަވެސް އެ ޚިޔާލު ދޫކޮށްލީ އެތަނަށް އޭނާގެ ދިއުމުގެ ބޭނުމެއް ނެތުމުންނެވެ. އެހެންކަމުން ޑްރައިވަރަށް ގުޅައިގެން ގެނައުމަށް ފަހު ގެއާ ދިމާލަށް މިސްރާބުޖެހީ ލަސްނުކޮށް ތާޝާއަށް ހުރިހާ ހަޤީގަތެއް ކިޔައިދިނުމަށެވެ.

*****

މީހަކު ހަޅޭއްލަވައިގަތް އަޑު އެންމެ ފުރަތަމަ ޖީނާއަށް އިވުނީ އޭނާ ފާޚާނައިގައި ފެންވަރަން ހުއްޓައެވެ. ނަމަވެސް ތަކުރާރުކޮށް އެމީހަކު ހަޅޭއްލަވާ އަޑު އިވުމުން ޖީނާގެ ހިތަށް ބިރުވެރިކަން އިހުސާސްވެގެން ދިޔައެވެ. އެ ހަޅޭކުގައި ވަނީ އިންތިހާ ދަރަޖައިގެ ވޭނެކެވެ. ކޮންމެވެސް މާރާމާރީއެއް ހިނގަނީއޭ ހިތަށް އެރުމުން ބޭނުންވީ ވީހާ ވެސް އަވަހެއްކޮށްގެން ނިކުމެ ވީކަމެއް ބަލައިލާށެވެ. ފެންވަރައިގެން ނިކުމެ ނިދާ ހެދުން ގަޔަށް މަހައިލުމަށް ފަހު އިސްތަށިގަނޑު ވެސް ނާއްސައި ބުރުގާ އަޅައިގެން ޖީނާ ކުޑަދޮރު ހުޅުވައިފައި ބަލައިލިއެވެ. އެތަނަށް މީހުންތައް އެއްވެފައި އޮތްއިރު ފުލުހުން ވެސް ހަރަކާތްތެރިވާ މަންޒަރު ފެންނަމުން ދިޔައެވެ. އެހާ ދުރުން ވެސް އެތަނުގައި ހުރި ލޭތައް ޖީނާއަށް ފެނުނެވެ. ނަމަވެސް އަނިޔާ ލިބުނު މީހެއް ފެންނާކަށް ނެތެވެ. އެމީހަކު މިހާރު ހޮސްޕިޓަލަށް ގެންދިޔައީއޭ ހިތަށް އެރުމުން އެމީހެއްގެ ސަލާމަތަށް އެދި ޖީނާއަށް ހިތާހިތުން ދުޢާކޮށްލެވުނެވެ.

އިސްތަށިގަނޑު އައްސައިލުމަށް ފަހު ނިދާ ހެދުމުގެ މަތިން ކާޑިގަންއެއް ލައިގެން ޖީނާ ހިނގައިގަތީ ގޭތެރެއަށް ދިއުމަށެވެ. ސިޓިންރޫމަށް ނިކުތްއިރު އޮތީ ހުހަށެވެ. ގޭގެ ބޭރުން އާދައިގެ ވަރަކަށް މިއުޒިކް ޖަހައޮފައި ހުރި އަޑު އިވުމުން އެމީހުން ތިބީ ބޭރުގައިކަން ޖީނާއަށް އެނގުނެވެ. ދާނިޔާލްމެން އައި ފަހުން އެއީ ކޮންމެ ރެއެއްގެ ވެސް އާދައެވެ. ނިދުމުގެ ކުރިން އެތައް އިރަކު އެތާ ވާހަކަ ދައްކަން އެމީހުން ތިބޭއިރު ބައެއް ފަހަރު މިއުޒިކް ޖަހާ ނަށަން ވެސް ނަށައެވެ. ހީވަނީ ކޮންމެ ރެއަކު އެމީހުން ބާއްވާ ކުޑަވަރެއްގެ ޕާޓީއެއް ހެންނެވެ. އެކަމުގައި އެގެއިން ބައިވެރި ނުވަނީ ޖީނާ އެކަންޏެވެ. ބަނޑުހައިވެފައި ހުރުމުން ބަދިގެއަށް ވަންއިރު ކޮފީ މެޝިން ކައިރީގައި ހުރި އަނީކް ފެނިފައި ޖީނާ ހުއްޓުން އެރިއެވެ. ޖީނާ ފެނުމުން އަނީކަށް ވެސް ކުރެވުނީ ތަފާތު އިހުސާސެކެވެ. ދެމީހުންގެ ސިކުނޑީގައި ވެސް އެވަގުތު އެނބުރެމުން ދިޔައީ އެމީހުންނަށް އެ ތަނުގައި ހޭދަކުރެވިފައިވާ އުފާވެރި ވަގުތުތަކެވެ. ބޭރުގައި ޖަހާފައިވާ މިއުޒިކް ބާރުވެގެން ދިޔަ ވަގުތު ދެމީހުންނަށް ވެސް ލިބުނީ ސިހުމެކެވެ. ޖީނާ އިސްޖަހައިލަމުން އަނެއްފަރާތަށް އެނބުރުނެވެ. އަނީކް އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިލަމުން ކޮފީތަށި ހިފައިގެން ބޭރަށް ނިކުތެވެ. އެންމެ ފުރަތަމަ ނުކައި އެނބުރި ކޮޓަރިއަށް ދާން ޖީނާގެ ހިތަށް އެރި ނަމަވެސް ބަނޑުހައިވެފައި ހުރިވަރުން ބަދިގެއަށް ވަދެ ތައްޓަށް ކާއެއްޗެހި އަޅައިގެން އައިސް މޭޒުކައިރީގައި އިށީނދެ ކާން ފެށިއެވެ.

*****

ރާއިފަށް ހޮސްޕިޓަލަށް ދެވުނުއިރު އޮޕަރޭޝަން ތިއޭޓަރުގެ ބޭރުގައި މާދިހާއި ޒައިނާ ތިއްބެވެ. ޒައިނާއަށް އަޑުން އަޑުނަގައިފައި ރޮވެމުން ދިޔައިރު މާދިހު ޒައިނާ ގައިގައި ހިފަހައްޓައިގެން އިނެވެ. އޭރު މާދިހުގެ ދެ ލޯ ވެސް ވަނީ ކަރުނުން ފުރިފައެވެ.

" ދޮންބޭ.. ޒިދާން..!!" މާދިހު ކައިރީގައި އިށީންނަމުން ރާއިފް ބުނިއިރު އެ އަޑުގައި ތުރުތުރެއް ހުއްޓެވެ.

" ކާކު؟ ކީއްވެ ކުރިކަމެއް؟" ރާއިފް ސުވާލުކޮށްލިއެވެ.

" ނޭނގެ!... ފުލުހުން ގުޅީމަ ދޮންބެމެންނަށް ވެސް އެނގުނީ... މިހާރުވީ ސަރޖަރީއަށް ވައްދާފަ.. ޑޮކްޓަރުން ބުނީ ހާލު ކްރިޓިކަލް ކަމަށް..." މާދިހު ބުންޏެވެ. އޭރު ވެސް ޒައިނާގެ ރުއިމަށް ބަދަލެއް ނާދެއެވެ. ރާއިފް ފުން ނޭވައެއް ދޫކޮށްލިއެވެ. އޭނާގެ ހަނދާނަށް އަންނަމުން ދިޔައީ އެކި ދުވަސް ދުވަހު ޒިދާނާ މެދު ކަންތައް ކުރެވިފައިވާ ގޮތެވެ. އެކި ފަހަރު ޒިދާނަށް ދިމާލަށ ބުނެވިފައިވާ ވިހަގަދަ ބަސްތަކެވެ. ހިތުގެ އެންމެ ފުންމިނުން ދުޢާ ކުރަމުން ގެންދިޔައީ ޒިދާންގެ ހާލަތު ރަނގަޅުވުމަށް އެދިއެވެ.

*****

ގޭޓުން އެތެރެއަށް ވަދެވުމާ އެކު އެތެރޭގައި ޖަހާފައިވާ މިއުޒިކްގެ އަޑު ޝާނާއަށް އިވުނެވެ. އެ ވަގުތު އޭނާއަށް ލިބުނީ ފޫހިކަމެކެވެ. ކޮންމެ ރެއަކު އެގޮތަށް ކަންތައް ކުރުމަކީ އެމީހުންގެ އާދައަކަށް ވެއްޖެއެވެ. އެކަމުގައި ކޮންމެ ރެއަކު ވެސް އެމީހުން ޝާނާ ބައިވެރި ކުރަމުން ދިޔައީ ގަދަކަމުންނެވެ. މިރޭ އެކަމުގައި ބައިވެރިވާކަށް ޝާނާ ބޭނުމެއް ނޫނެވެ. އެހެން ނަމަވެސް ތާޝާއާ ވާހަކަދައްކަން މުހިންމު ވުމުން ޝާނާ އެ ދިމާލަށް ހިނގައިގަތެވެ. ހިލަ ގޮނޑިމަތީގައި އިން އަންސޫދާގެ ގާތުގައި ތާޝާ އިނެވެ. ޝާނާ ގޮސް ތާޝާގެ ކުރިމަތީގައި ހުއްޓުމުން ތާޝާ ޝާނާއާ ދިމާލަށް ބަލައިލިއެވެ. އެ ވަގުތު ތާޝާގެ ލޭހޫނުވެގެން ދިޔަ ނަމަވެސް އެކަން ނުދައްކާވޭތޯ މަސައްކަތް ކުރަމުން ދިޔައީ އެތަނުގައި މީހުން ތިބީމައެވެ.

" އަނހަ މިއޮއް އައީ ޝާނާ ވެސް... ކޮންތާކުން ތިއައީ.. އަވަހަށް އިށީނދޭ މިތާ.." ޝާނާ އިށީންނަށް ތަން ދައްކަމުން އަންސޫދާ ބުންޏެވެ.

" ތާޝާ އަހަރެން ވާހަކައެއް ބުނަން ބޭނުން... ހިނގާބަލަ އަހަރެންނާ އެކު.." ތާޝާގެ އަތުގައި ހިފަމުން ޝާނާ ބުންޏެވެ. ތާޝާއަށް ލިބުނީ ހިތްހަމަނުޖެހުމެކެވެ. ނުދެވޭނޭ ބުނަން ބޭނުންވި ނަމަވެސް އޭގެ ކުރިން ޝާނާ އޭނާގެ އަތުގައި ހިފައިގެން އެ ތަނުން ދުރަށް ހިނގައިގަތެވެ. ތާޝާގެ ގާތަށް އިންތިހާއަށް ރުޅިއައެވެ. އެހެން ނަމަވެސް އެއްޗެކޭ ނުބުނެ ޝާނާއާ އެކު ދިޔައީ މިރޭ އޭނާގެ ހިތަށް އައިހާ އެއްޗެއް ޝާނާއާ ދިމާލަށް ގޮވަން ނިންމައިގެންނެވެ.

ޝާނާ ތާޝާގެ އަތުގައި ހިފައިގެން ދުރަށް ހިނގައިގަތުމުން ދާނިޔާލްއަށް ބަލައިލެވުނީ ތަފާތު ނަޒަރަކުންނެވެ. އެ ހިތުގައި އުފެދިގެން ދިޔައީ ނުތަނަވަސް ކަމެކެވެ. އަންފޫޒާ ވެސް އެ ވަގުތު އިނީ ޝާނާ ތާޝާ ގޮވައިގެން ދާ ދިމާލަށް ބަލަހައްޓައިގެންނެވެ. އިރުކޮޅަކުން ދާނިޔާލްއަށް ބަލައިލިވަގުތު ދާނިޔާލްގެ ލޮލުން ކޮށްލި އިޝާރާތާ އެކު އަންފޫޒާ އިން ތަނުން ތެދުވެގެން ހިނގައިގަތެވެ.

  1. ށށށށ

    އަވަހަށް އަޕްޑޭޓް ވަާނަމަ

  2. ގާހަކަ

    އެބުނާހެން މާލަހީ އަޕްކުރާލެއް

  3. ސަރޫ

    ކޮބާާ ދެން އޮތް ބައި ކިހާ ދުވަހަކުން ލިބޭނީ