ހުކުމް ތަންފީޒު ކުރަން އަލީ ވަހީދު ރާއްޖެ ގެންނަން އިންޓަޕޯލްގެ އެހީ ހޯދަނީ
ޖިންސީ ގޯނާގެ ތުހުމަތު އުފުލިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމް ތަންފީޒުކުރުމަށް އޭނާ ރާއްޖެ ގެންނަން އިންޓަޕޯލްގެ އެހީތެރިކަން ހޯދަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް އަލީ ވަހީދު ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައިގެ ޝަރީއަތަށް އޭނާ ކްރިމިނަލް ކޯޓަށް ހާޒިރު ނުވެ އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމި ނިންމުން ޕީޖީ އޮފީހުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރުމުން އެ ކޯޓުން ވަނީ ސުޕްރީމް ކޯޓްގެ ޝަރީއަތަށް ހާޒިރުވުމަށް އޭނާއަށް ޗިޓު ފޮނުވައިފައެވެ. ނަމަވެސް އަލީ ވަހީދު ކޯޓަށް ހާޒިރުވެފައި ނުވާތީ ކޯޓުގެ ހުރުމަތް ކެނޑި މައްސަލައިގައި އޭނާގެ މައްޗަށް 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވައިފައެވެ.
މިވަގުތު އިނގިރޭސިވިލާތުގައި ހުންނެވި އަލީ ވަހީދު ހުކުމް ތަންފީޒުކުރުމަށް ރާއްޖެ ގެނައުމަށް ކަރެކްޝަންސްއިން ފުލުހުން ގާތު އެދުމުން ފުލުހުން ވިދާޅުވީ، އޭނާ ރާއްޖެ ގެންނަން އިންޓަޕޯލް މެދުވެރިކޮށް ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށާއި އެކަމަށް ޓަކައި ފުލުހުންގެ ފަރާތުން ކުރެވެން ހުރި އެހެން ކަންކަން ވެސް ކުރަމުން އަންނަ ކަމަށެވެ.