ޚަބަރު ސަރުކާރު

ދަރިވަރުންނަށް ވެކްސިން ދިނުން ކުރިޔަށްދާގޮތާ ބެހޭ މަޢުލޫމާތު ރައީސް އޮޅުންފިލުވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖޭގެ ސްކޫލްކުދިންގެ ތެރެއިން 12އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ދިނުން މާލޭގައި ކުރިޔަށް ގެންދާ އިސްލާމީ މަރުކަޒުގެ ވެކްސިން ސައިޓަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޒިޔާރަތް ކުރައްވައި ވެކްސިން ދިނުން ކުރިޔަށްދާ ގޮތާ ބެހޭ ގޮތުން މަޢުލޫމާތު އޮޅުންފިލުވައިފިއެވެ.

Ads by Sosun Fihaara

ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ އެންމެންނަށް ބޭނުންވާ މިންވަރަށް މިހާރު ރާއްޖެއަށް ވެކްސިން ލިބިފައިވާކަން އިޢުލާން ކުރައްވައިފައެވެ. އަދި މިއަދު 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމާ އެކު ސަރުކާރުގެ އަމާޒަކީ މި އޯގަސްޓް މަސް ނިމުމުގެ ކުރިން ހުރިހާ ކުދިންނަށް ވެސް ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައި ނިންމުމެވެ. ސްކޫލު ކުދިންގެ 12 އަހަރާއި 17ގެ ކުދިންނަށް ވެކްސިން ދިނުމަށް ބޭނުންވާ ވަރަށް ފައިޒާ ވެކްސިން މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ.

ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ރާއްޖެއަށް ވެކްސިން ލިބި އަދި މިހައިތަނަށް ވެކްސިން ޖެހޭ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިންދީ ނިމިފައިވާއިރު މިއީ ރާއްޖެއަށް ވުރެ ހުރިހާ ގޮތަކުން ކުރިއަރާފައިވާ ބައެއް ޤައުމުތަކާއި އަޅާބަލާއިރު ވެސް ބޮޑު ކުރިއެރުމެކެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް، މުޅި އާބާދީގެ 80 އިންސައްތަ މީހުން ވަނީ ޖަހާ ނިންމައިފައެވެ. އަދި އާބާދީގެ 69 އިންސައްތަ މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ވެސް ޖަހާ ނިންމައިފައެވެ. ސަރުކާރުގެ އަމާޒަކީ މި އޯގަސްޓުމަހުގެ ނިޔަލަށް ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ 90އިންސައްތަ މީހުންނަށް ވެކްސިން ދީ ނިންމުމެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!