ޚަބަރު ސަރުކާރު

އަންހެން ސިފައިން ބައިވެރިވާ ފުރަތަމަ ކޯސްޓްގާޑު ޑައިވިންގ ކޯސް ފަށައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖެއިން ބޭރުގެ އަސްކަރިއްޔާތަކުން ބައިވެރިވެގެން ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ހިންގާ 9 ވަނަ ބޭސިކް ޑައިވިންގ ކޯސް މިއަދު ފަށައިފިއެވެ.

Ads by STELCO

މި ކޯހަކީ، ފުރަތަމަ ފަހަރަށް އެމްއެންޑީއެފްގެ އަންހެން ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެވެ. މި ކޯސް ފެށުމުގެ ގޮތުން މިއަދު ބަންޑާރަކޮށީ އޮޑިޓޯރިއަމްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޯސްޓްގާޑުގެ ކޮމަޑާންޓް ކާނަލް މުޙައްމަދު ސަލީމެވެ.

މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނު ކާނަލް މުޙައްމަދު ސަލީމް ވަނީ ކޯހުގެ ބައިވެރިންނާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. މި ރަސްމިއްޔާތުގައި ކޯހުގެ މުދައްރިބުންގެ އިޤްރާރު ލައިދެއްވީ އެމްއެންޑީއެފް ކޯސްޓްގާޑު ސްކޫލުގެ ކޮމާންޑިންގ އޮފިސަރ، ލެފްޓިނެންޓް ކާނަލް މުޙައްމަދު ޖަމްޝާދުއެވެ. އަދި ދަރިވަރުންނަށް އިޤްރާރު ލައިދެއްވީ ކޯހުގެ ކޯސް އޮފިސަރ، ކެޕްޓަން މުޙައްމަދު ޝަފީޤެވެ.

2021 އޮގަސްޓް 15 އިން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށް ހިންގާ މި ކޯސް ކުރިއަށްދާނީ ގިރިފުށީ ޓްރޭނިންގ ސެންޓަރުގައެވެ. މި ކޯހުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ބައިތަކުގެ ތެރޭގައި ޑައިވިންގގެ ތާރީޚާއި، ފިޒިކްސް އެންޑް ފިޒިއޮލޮޖީ އޮފް ޑައިވިންއާއި، ޑައިވިންގ އޮޕަރޭޝަންގައި ޑައިވް އިކްއިޕްމަންޓްސް އާއި އެކްސެސަރީސް ބޭނުންކުރާނެ ގޮތާއި، ޑައިވިންގ ކޮމިއުނިކޭޝަނާއި ޑައިވް ޓޭބަލްސްގެ ބޭނުމާއި، ޑައިވިންގ ސޭފްޓީ އަދި ޑައިވިންގ ސަރޗް ޕެޓާންސްއާއި، ފިޒިކަލް ޓްރޭނިންގ، ސްވިމިން އަދި ޑައިވިންގ ސްކިލްސް، ޑައިވިންގ ފަސްޓްއެއިޑް، މިޝަން ޕްލޭނިންގގެ އިތުރުން ހާލުގައިޖެހޭ އުޅަނދުފަހަރު ސަލާމަތްކުރާނެ ތަމްރީނު ވެސް މިކޯހުގެ ބައިވެރިންނަށް ދިނުމަށްވަނީ ހަމަޖެހިފައެވެ.

އިނގިރޭސި މީޑިއަމަށް އެމްއެންޑީއެފުން ހިންގާ މިކޯހުގައި ޖުމްލަ 29 ދަރިވަރުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ބޭރު އަސްކަރިއްޔާތަކުން 7 ސިފައިން ބައިވެރިވިއެވެ. މިގޮތުން ސްރީލަންކާއާއި ބަންގްލަދޭޝް އަދި ނޭޕާލްގެ ސިފައިން ބައިވެރިވެފައިވެއެވެ. އަދި އެމްއެންޑީއެފް ކޯސްޓްގާޑާއި، އެމްއެންޑީއެފްގެ އެކި ޔުނިޓްތަކަށް ނިސްބަތްވާ ސިފައިން ވަނީ ބައިވެރިވެފައެވެ.

މި ކޯސް ފެށުމުގެ ރަސްމިއްޔާތުގައި، ކޯސްޓްގާޑު ކޮމަޑާންޓްގެ އިތުރުން، ކޯސްޓްގާޑުގެ ޕްރިންސިޕަލް ޑައިރެކްޓަރ ލެފްޓިނެންޓް ކާނަލް މުޙައްމަދު ރިޒްމީ ވަލީދާއި، ކޮމާންޑް ސާޖަންޓް މޭޖަރ އޮފް ކޯސްޓްގާޑް، ކޮމާންޑް ސާޖަންޓް މޭޖަރ އަޙްމަދު ޝަހީރާއި ކޯސްޓްގާޑުގެ އޮފިސަރުންނާއި ސީނިއަރ އެންލިސްޓެޑުންނާއި ކޯހުގެ ދަރިވަރުންނާއި މުދައްރިބުން ބައިވެރިވެލެއްވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!