ސަރުކާރު

ހިޔާ ފްލެޓްތަކަށް ކަރަންޓު ދޭން ފަށައިފި: ސްޓެލްކޯ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީ ކޮށްފައިވާ ހިޔާ ފްލެޓްތަކަށް ކަރަންޓު ދޭން މިއަދު ފަށައިފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

Ads by Sosun Fihaara

އެގޮތުން ދުވާލަކު ދެ ޓަވަރަށް ކަރަންޓު ދޭން ހަމަޖެހިފައިވާއިރު މިއަދު ކަރަންޓު ދެވިގެންދާނީ 15 އަދި 16 ވަނަ ޓަވަރަށް ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

މި މަސައްކަތް ކޮންމެ ދުވަހަކު ވެސް ހެނދުނު 9:00އިން ހަވީރު 5:00އަށް ކުރިޔަށްދާނެ ކަމަށާއި މި ދެ ޓަވަރުން ފްލެޓްތައް ލިބިފައިވާ ފަރާތްތަކަށް ސްޓެލްކޯއިން އެސް.އެމް.އެސްއެއް ފޮނުވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

"އެސް.އެމް.އެސް ލިބުމުން ކަރަންޓު ލުމަށް ޓަކައި ސްޓެލްކޯއާ އެކު ސޮއިކޮށްފައިވާ ފަރާތްތަކުން ސްޓެލްކޯއިން ދޫކޮށްފައިވާ ސްލިޕާ އެކު، އެ ޓަވަރަކަށް ވަޑައިގަތުމުން އެ ފްލެޓަކަށް ކަރަންޓު ދެވިގެންދާނެ." ސްޓެލްކޯއިން ބުންޏެވެ.

މީގެ އިތުރުން ސްޓެލްކޯއިން ބުނީ، މި މަސައްކަތުގެ ބާވަތުން އެ ދުވަހަކު ކަރަންޓު ދިނުމަށް ހަމަޖެހިފައިވާ ދެ ޓަވަރުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް އެސް.އެމް.އެސް ލިބި ހާޒިރު ނުވެވިއްޖެ ކަމަށްވާ ނަމަ، އެފަރާތަކަށް ދެން އެ ފުރުސަތު ދެވިގެން ދާނީ ބާކީ ހުރި ޓަވަރުތަކަށް ކަރަންޓުދީ ނިމުމުން ކަމަށެވެ. އެހެން ކަމުން ކޮންމެ ދުވަހަކު ވެސް ކަރަންޓު ދެވޭ ޓަވަރުތަކުން ފްލެޓް ލިބިފައިވާ ފަރާތްތައް އެ ދުވަހަކު ހާޒިރުވުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮންމެ ދުވަހަކު ވެސް ޖެހިގެން އަންނަ ދުވަހު ކަރަންޓު ދެވިގެންދާނެ ދެ ޓަވަރު ސްޓެލްކޯގެ ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނާއި ހިއްސާކުރަމުން ގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!