އެމްޑީޕީ ބައިބައިވެ ހަލާކު ވިޔަ ނުދޭނެކަމަށް އެޕާޓީގެ އިސް ލީޑަރު އަދި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
ތ. އަތޮޅުގެ ރަށްރަށަށް ރައީސް ކުރައްވާ ދަތުރުފުޅުގައި ރޭ އެ އަތޮޅުގެ ތިމަރަފުށީ އެމްޑީޕީ މެމްބަރުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ޞާލިޙް ވިދާޅުވީ ވެރިކަން ކުރަމުންދާ މައިޕާޓީ އެމްޑީޕީ ބައިބައިވެ، ހަލާކުވެ ދިއުމަށް ޖާގަ ނުދެއްވާނެ ކަމަށެވެ. އަދި އެމަނިކުފާނަކީ އެމްޑީޕީގެ މެމްބަރެއްކަމަށާއި އަބަދުވެސް ހުންނަވާނީ އެމްޑީޕީގައި ކަމުގެ ޔަގީންކަން ވަނީ މެމްބަރުންނަށް އެމަނިކުފާނު ދެއްވައިފައެވެ.
ވެރިކަން ކުރާ އެމްޑީޕީ އެކަތިގަނޑަކަށް ހެދުމަށް ކުރައްވަން ޖެހޭ ކަންތައްތައް ކުރައްވަމުން ގެންދަވާ ކަމަށް މީގެ ކުރިން ވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި އެ މަނިކުފާނަށް އެމްޑީޕީގެ ޗެއާޕާސަން ޙަސަން ލަތީފު ގުޅުއްވުމުން، އެ މަނިކުފާނާ ބެހޭ ގޮތުން ނޫސްތަކުގައި ލިޔެފައިވާ ބައެއް ވާހަކަތައް ދެންނެވި ކަމަށާއި އޭގެ ހަގީގަތް ބައްލަވައި ދެއްވުމަށް އެދިލެއްވި ކަމަށްވެސް މީގެ ކުރިން ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑަކީ ފެށުނީއްސުރެ އެމްޑީޕީގެ މެމްބަރެއް ، މިއަދު ވެސް މިހުރީ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި އެމްޑީޕީ އުފެއްދުމަށް ސޮއިކުރި ފުރަތަަމަ 40 މީހުން ތެރެއިން ދެވަނައަށް ސޮއިކުރީ ވެސް އަޅުގަނޑު. އަދި އޭގެ ކުރިން އުފައްދަން އުޅުނު ޕާޓީ 42 މީހުން ސޮއިކުރި ލިސްޓުގައި ވެސް އަޅުގަނޑުގެ ނަން އޮންނާނެ" ނޫސްވެރިންނާ ބައްދަލު ކުރައްވާ މީގެ ކުރިން ރައީސް ވަނީ ވިދާޅުވެފައެވެ.
އަދި އެ ދުވަހު ވެސް ރައީސް ވިދާޅުވީ ސިޔާސީ ޕާޓީ އުފައްދަން މަޖިލީހުގައި ވޯޓް ދިން 3 މެމްބަރުންގެ ތެރޭގައި އެ މަނިކުފާނު ވެސް ހިމެނިވަޑައިގަންނަވާނެ ކަމަށާއި އެމަނިކުފާނު ދެމި ހުންނަވާނީ ވެސް އެމްޑީޕީގައި ކަމަށެވެ.