ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި އިނގިރޭސި ވިލާތުގެ ވަކީލަކު އައްޔަން ކުރައްވައިފިއެވެ.
އެމްޑީޕީން މިރޭ ބޭއްވީ އެޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ޗެއަރ ޕާރސަން ހަސަން ލަތީފް ވިދާޅުވީ ތަހްގީގުގައި ކަންކަން ބެލުމަށް ޓަކައި ރައީސް ނަޝީދުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި އިނގިރޭސި ވިލާތުގެ ކޭސްޓީ ބްރިމްލޯ ވަނީ މިއަދު އައްޔަން ކުރައްވައިފައިވާ ކަމަށެވެ.
"ރައީސް ނަޝީދުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި އިނގިރޭސި ވިލާތުގެ ކޭސްޓީ ބްރިމްލޯ ވަނީ މިއަދު އައްޔަން ކުރައްވައިފަ ރައީސް ނަޝީދުގެ ފަރާތްޕުޅުން. ތަހްގީގްގައި ކަންކަން ބެލުމަށް ޓަކައި އަދި ތަހްގީގް ކުރިއަށް ދާގޮތާއި އަދި ރައީސް ނަޝީދުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި އައްޔަނު ކުރެއްވުމަށް ޓަކައި" ހަސަން ލަތީފް ވިދާޅުވިއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް މިދިިޔަ މެއި މަހުގެ ހަވަނަ ދުވަހުރޭ ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެ މަނިކުފާނުގެ ގާނޫނީ ވަކީލަކަށް ކޮއްކޯފުޅު އަހުމަދު ނާޒިމް އަބްދުއްސައްތާރު ހަމަޖައްސައި ދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމްގެ އަރިހުން ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލައިގެ މައްސަލައިގައި ނުވަ މީހަކު ހައްޔަރުކުރިއެވެ. އޭގެ ތެރެއިން އެކަމުގައި އަމަލީ ގޮތުން އުޅުނު ކަމަށް ތުހުމަތު ކުރެވެނީ އަދުހަމް އަހުމަދު ރަޝީދު (25އ.)އާއި މއ. ފޭރުގެ މުޖާޒް އަހްމަދު (21އ.)އާއި ގއ. ކޮނޑޭ/ ފޮޅޭމާ ތަހުމީން އަހްމަދު (32އ.) އަދި ދަރަވަންދޫއިން ހައްޔަރު ކުރި ލ.ގަން، ދުންފިނި އުފާ، އަހުމަދު ފާތިހު (23އ.)ގެ އިތުރުން ނ. މަނަދޫ/ ނޫރީގެ އަލީ ހައިޝަމަށެވެ.
މީގެ ތެރެއިން މުޖާޒް އަހުމަދާއި ތަހުމީން އަހުމަދުގެ އިތުރުން އަދުހަމް އަހުމަދު ރަޝީދާއި ހައިޝަމްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ކްރިމިނަލް ކޯޓަށް ފޮނުވައިފައެވެ.